މިއީ ޓޫރިޒަމްގެ އެންމެ ގިނަ އިންވެސްޓްމަންޓް ގެންނަ އަހަރަށް ވާނެ: މައުސޫމް
މިއީ ޓޫރިޒަމްގެ އެންމެ ގިނަ އިންވެސްޓްމަންޓް ގެންނަ އަހަރަށް ވާނެ: މައުސޫމް

މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އެންމެ ގިނަ އިންވެސްޓްމެންޓްތައް ގެންނަ އަހަރަށް ހައްދަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް މިނިސްޓަރު ވިދާޅުވީ، މި އަހަރަށް ކުރިން ޕްލޭންކޮށްފައިވާ 28 ޕްރޮޖެކްޓަކާއި އިތުރު ދެ ޕްރޮޖެކްޓް ހިމެނޭ ގޮތަށް ތިރީހަކަށް އާ އިންވެސްޓްމެންޓް ގެންނާނެ ކަމަށެވެ. މި ޕްރޮޖެކްޓްތައް ރަސްމީކޮށް ހަވާލުކުރުން އަދި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ތެރެއިން މިހާރު ހއ. ކެލާގައި ހިންގާ ޓޫރިޒަމް ޕްރޮޖެކްޓް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެ ރަށުގައި 5،000 އަކަފޫޓުގެ 12 ބިމެއްގައި ގެސްޓްހައުސް ތަރައްގީކޮށް، 10،000 އަކަފޫޓުގެ ދެ ބިމުގައި ޓޫރިސްޓު ހޮޓާ ތަރައްގީކުރާނެ އެވެ.

މި އިންވެސްޓްމެންޓްތަކުގެ ތެރޭގައި "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓްގައި ތަރައްގީކުރާ ރިސޯޓުތަކާއި އެހެން ޓޫރިޒަމްގެ ބޮޑެތި ޕްރޮޖެކްޓްތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ހަތް އަތޮޅަކުން 23 ރަށެއްގައި ރިސޯޓު ތަރައްގީކުރަން ވަނީ ހުޅުވާލައިފަ އެވެ.

މިސަރުކާރުން ރިސޯޓު ތަރައްގީކުރުމަށް، 13،720 އެނދާ އެކު މުޅިން އަލަށް 29 ރަށެއް ތަރައްގީކުރަން ނިންމާފައިވާކަން 2019 ވަނަ އަހަރު އިއުލާނުކޮށްފައިވެ އެވެ. މި ރިސޯޓްތަކާ އެކު 18،672 ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.

ރާއްޖޭގައި މިހާރު ވެސް 150 ރިސޯޓެއް ހިންގަމުން އަންނަ އިރު 140 ރަށް އަންނަނީ ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަމުންނެވެ.