16 ނޮވެމްބަރ 2016 - 00:08

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވިތާ މަހެއް ނުވަނީސް މުހައްމަދު އާދަމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވޮލީބޯޅައަށް މުޅިން އާ ބޭފުޅެއް ކަމަށްވާ މުހައްމަދު އެ މަގާމާ ހަވާލުވި އާ އިންތިހާބަށް ފަހު މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި މުހައްމަދު އިސްތިއުފާގެ ސިޓީ ހުށައަޅާފައިވާ ކަމަށާއި އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.
މުހައްމަދު އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ލަތީފް ވިދާޅެއް ނުވެ އެވެ. މިކަމުގައި މުހައްމަދުގެ ބަހެއް ހޯދަން ކުރި މަސައްކަތް މިރޭ ކާމިޔާބެއް ނުވި އެވެ. ލަތީފް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު އާ ޖެނެރަލް ސެކްރެޓަރީއެއް ހޯދަން އިއުލާންކުރާނެ ކަމަށެވެ.
ލެގޫންސާއި ވިކްޓަރީ އަށް ފުޓްބޯޅަ ކުޅުއްވާފައިވާ މުހައްމަދު ވަނީ އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓް ހިންގަވައި އަދި އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރުއްވައިފަ އެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގައި ވެސް މީގެ ކުރިން މަސައްކަތްކުރައްވާފައިވާ މުހައްމަދު ވަނީ ސްރީ ލަންކާގެ ބައެއް ފުޓްބޯޅަ ޓީމުތަކަށް ކޯޗުކޮށްދެއްވާފަ އެވެ. އެކަމަކު ވޮލީބޯޅައިގެ ރަސްމީ އެއްވެސް މަގާމެއް އަދާކުރައްވާފައެއް ނުވެ އެވެ.