އެފްއޭއެމް އިންތިހާބުގައި ތިން ވަނަ ޑިވިޝަނުން ވޯޓް ދޭނީ ކުޑަހެންވޭރު
އެފްއޭއެމް އިންތިހާބުގައި ތިން ވަނަ ޑިވިޝަނުން ވޯޓް ދޭނީ ކުޑަހެންވޭރު

އަންނަ އާދީއްތަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ތިން ވަނަ ޑިވިޝަނުން ވޯޓް ލާނެ ކްލަބަކަށް ކުޑަހެންވޭރު ޔުނައިޓެޑް ހޮވައިފި އެވެ.

ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ 10 ކްލަބުގެ މެދުގައި މިރޭ ބޭއްވި ޕްރައިމަރީގައި، އެފްއޭއެމް އިންތިހާބުގައި ތިން ވަަނަ ޑިވިޝަން ތަމްސީލްކުރުމުގެ ފުރުސަތު ކުޑަހެންވޭރު ޔުނައިޓެޑަށް ދޭން ހަ ކްލަބަކުން ވޯޓް ދިނެވެ. މީގެ އިތުރުން އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އަށް ދެ ވޯޓް ލިބުނުއިރު އަނެއް ދެ ވޯޓް ވަނީ ބާތިލްވެފަ އެވެ.

އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ ދަށުން އިންތިހާބުގައި ވޯޓްލުމުގެ ފުރުސަތު ތިން ވަނަ ޑިވިޝަނުން އެއް ކްލަބަށް ލިބޭއިރު ދެ ވަނަ ޑިވިޝަނުން ނުވަ ޓީމަށް އަދި ފުރަތަމަ ޑިވިޝަނުން އަށް ޓީމަށް ލިބޭނެ އެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް ދެ ވޯޓް ލިބޭނެ އެވެ. އެހެންކަމުން އިންތިހާބުގައި ދެވިގެންދާނީ ޖުމްލަ 26 ވޯޓެވެ.

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކުރައްވަނީ އެންމެ ފަހުން ވެސް ރައީސްގެ މަގާމް އަދާކުރެއްވި ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އާއި ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ.

މޭ މަހު ބޭއްވި އިންތިހާބު ޓޮމް ކާމިޔާބުކުރެއްވި ނަމަވެސް އާ އިންތިހާބެއް ބާއްވަން ޖެހުނީ ޓޮމްއާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވުމާ އެކު އެކްސްކޯ އުވުމުންނެވެ.