14 އެޕްރީލް 2021 - 10:28

އެންމެ ކުޑައިރުއްސުރެ ގާއިމް ޔޫސުފް އާދަމް ގަބޫލު ކުރާ އުސޫލެއް އޮވެ އެވެ؛ ކަމެއް ބަދަލުކުރަން ބޭނުން ނަމަ، އެކަމަށް މަސައްކަތް ކުރާށެވެ. އެކަން ބަދަލު ކުރަން މަސައްކަތް ނުކޮށް، އެކަމާ މެދު ޝަކުވާ ނުކުރާށެވެ. އެމެރިކާގައި ކިޔެވުން ފުރިހަމަ ކުރުމަށް ފަހު، އާދައިގެ ޓީޗަރެއްގެ ވަޒީފާ އަށް އޭނާ އެނބުރި ރަށަށް އަންނަން ބޭނުންވީ ވެސް އެ އުސޫލުގެ މަތިންނެވެ.

ގާއިމް ގަބޫލު ކުރާ ގޮތަކީ މިއެވެ؛ ރަށް ކުރިއަރުވަން ބޭނުން ނަމަ، ރަށުގައި މަސައްކަތް ކުރާށެވެ. އެކަން ކުރާކަށް، އިތުރު ބައެއް ނާންނާނެ އެވެ.

މިއަދު އޭނާއަކީ ރ. ހުޅުދުއްފާރުގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ "ގާއިމް ސާ" އެވެ. އެކަމަކު އެ ލޯބި ހޯދުމަށް ވެސް އޭނާވި ގުރުބާނީ ބޮޑެވެ. އެމެރިކާގެ ޔުނިވަސިޓީއެއްގައި އިކޮނޮމިކްސް އިން ޑިގްރީ ހާސިލް ކުރުމަށް ފަހު، ވަޒީފާގެ ގޮތުން ކުރިއަށް ދާނެ އެކި މަގުތައް އޭނާ އަށް ތަނަވަސްވި އެވެ. ބޭނުންވި ނަމަ، ވަޒީފާ އަދާކުރުމަށް އެ ގައުމުގައި ވެސް މަޑުކުރެވުނީހެވެ. ނުވަތަ، މާލޭގައި ބޮޑު މުސާރައެއް ލިބޭ ވަޒީފާއަކަށް ވެސް ދެވުނީހެވެ. އެކަމަކު، އޭރު އުމުރުން ބާވީހަކަށް އަހަރުގެ ޒުވާނާ ބޭނުންވީ ރަށަށް ދާށެވެ. ރަށުގައި ހުރެގެން، ހިދުމަތް ކުރާށެވެ.

ގައުމުން ބޭރުގައި، އާއިލާއާ ދުުރުގައި ހޭދަކުރި ހަ އަހަރަކީ، ރަށަށްޓަކައި އޭނާ ކުރި ބޮޑު "އިންވެސްޓްމެންޓް" އެކެވެ.

"އެމެރިކާއިން ކިޔަވައިގެން އައިސް، އެންމެ ފުރަތަމަ ރަށުން ލިބުނީ ރިލީފް ޓީޗަރެއްގެ ވަޒީފާ. މުސާރައަކީ 4،500 ރުފިޔާ،" ގާއިމް ބުންޏެވެ.

ހުޅުދުއްފާރު ސްކޫލުން ގާއިމް އޯލެވެލް ނިންމި އިރު، އެ ރަށުގައި އޭލެވެލް އަށް ކިޔަވަން އަދި ފެށީ އެވެ. އެހެންވެ، ކުރިއަށް ދާނެ މާ ގިނަ ދާއިރާތަކެއް ނެތެވެ. އެކަމަކު އިކޮނޮމިކްސް ކިޔަވަން އެންމެ ކުރިއްސުރެ އޭނާ ކުރަމުން ދިޔަ އުއްމީދު ކަނޑައެއް ނުލަ އެވެ.

އޭލެވެލްގެ ފުރަތަމަ ޓާމު ފުރިހަމަ ކުރި ފަހުން، އޭނާއަށް ފެނުނީ ސްކޫލުގެ ނޯޓިސް ބޯޑުގައި ހަރުކޮށްފައި ހުރި އިޝްތިހާރެކެވެ. އޯލެވެލް ނިންމާ ކުދިން، ރާއްޖޭން ބޭރުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ސްކޮލަޝިޕަށް ކުރިމަތިލައިގެން އޭނާ ހޮވުނެވެ. އޭގެ ދަށުން މާލޭގައި ހިންގި ޓްރޭނިން އިން މަތީ މާކްސް ހޯދައިގެން ރާއްޖޭން ބޭރަށް ދިޔުމުގެ ފުރުސަތު ވެސް ލިބުނެވެ. އޭނާ ހިޔާރު ކުރީ، އިކޮނޮމިކްސް ކިޔެވުމަށް އިޓަލީ އަށް ދިޔުމަށެވެ.
އެމެރިކާގެ ވެސްޓްލިންސްޓާ ކޮލެޖުން، އިކޮނޮމިކްސް ދާއިރާއިން ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ގާއިމަށް ލިބުނީ އިޓަލީގެ ޔުނައިޓެޑް ވޯލްޑް ކޮލެޖް އޮފް އެޑްރިއާޓިކުން ޑިޕްލޮމާ ނިންމި ފަހުންނެވެ. ދެ އަހަރު ފަހުން، ދެން އޭނާ ބަދަލުވީ، އެންމެ ކުރިއްސުރެ ދެކެމުން ދިޔަ ހުވަފެނުގައި ކުލަ ޖެއްސުމަށް އެމެރިކާ އަށެވެ.
އާއިލާއާ ދުރުގައި، ޗުއްޓީއަކަށް ވެސް ރަށަށް ނާދެވޭ ފަދަ ތަނަވަސްކަމުގައި އޭނާ އެމެރިކާގައި ހޭދަކުރި ހަތަރު އަހަރު މާ ފަސޭހައެއް ނޫނެވެ. ސްކޮލަޝިޕެއްގެ ދަށުން ގާއިމް އެމެރިކާގައި ކިޔެވި ނަމަވެސް، ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޑޮލަރު ދައްކަން ޖެހުނެވެ. ފުރަތަމަ ދެ އަހަރު އެކަން ކުރީ އޭނާގެ ބައްޕަގެ އެހީގަ އެވެ. އެކަމަކު އެ ބުރަ ބައްޕައަށް ދެން ނުޖައްސަން، ޓެކްސްގެ ގޮތުގައި ފަހުން އެރި 6،000 ޑޮލަރު އޭނާ ދެއްކީ، ކިޔަވައި ނިންމައި، އެމެރިކާގައި ވަޒީފާ އަދާކޮށްގެންނެވެ. އޭނާ އެނބުރި ރަށަށް އައީ، އެ ދަރަނި އަދާކުރުމަށް، ގައުމުގެ ހޮސްޕިޓަލެއްގެ ރިހިބިލިޓޭޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި އިތުރު ހަ މަސް ދުވަހު ވަޒީފާ އަދާކުރުމަށް ފަހު އެވެ.
ހުޅުދުއްފާރު ސްކޫލުގައި އޯލެވެލް އަށް ކިޔަވަމުން ދިޔަ އިރު، ދަށް ގްރޭޑްތަކަށް ކިޔަވައިިދީފައި ވާތީ އާއި އިޓަލީގައި ކިޔަވަން ހުރި އިރު، ލިބޭ ޗުއްޓީތަކުގައި ވެސް އޭނާ ރަށަށް އައިސް، ސްކޫލުގައި ކިޔަވައި ދިނުމުގެ ފުރުސަތު ލިބިފައިވާތީ، އެކަމަށް ގާއިމްގެ ޝައުގުވެރިކަން ބޮޑެވެ. އެހެންވެ، ޑިގްރީއަށް ފަހު ވެސް އޭނާ ބޭނުންވީ، ރަށުގައި ހުރެގެން ކުދިންނަށް ކިޔަވައިދޭށެވެ. ކިޔަވައިދިނުމުގެ ސެޓްފިކެޓްތަކާއެކު، އޭނާ އެކަން ރަސްމީކޮށް ފެށި އިރު މުސާރަ ވަރަށް ކުޑަ އެވެ.
"އާއިލާ މީހުން ވެސް އޭރު ބުނޭ މާލެ ގޮސް، އިތުރު ކުރިއެރުން ހޯދަން މަސައްކަތް ކުރަން. އެކަމަކު އަޅުގަނޑު ބޭނުންވީ ރަށުގައި، އާއިލާ ކައިރީގައި ހުންނަން،" ގާއިމް، 31، ބުންޏެވެ.
ރިލީފް ޓީޗަރެއްގެ ގޮތުގައި އޭނާ ސްކޫލުގައި ހޭދަ ކުރި ދެ އަހަރުގެ ތެރޭގައި ލިބުނީ، މަހަކު، 4،500-5،000 ރުފިޔާ އެވެ. އެކަމަކު، ގާއިމް ބުނިގޮތުގައި އޭރު އާއިލާއެއް ފެށިފައި ނެތުމުން، އެ ވަރުގެ މުސާރައަކުން އޭނާ އަށް ފުދުނެވެ. ރައްކާކޮށް، މައިންބަފައިންނަށް ވެސް ދޭ ވަރުވި އެވެ.
މޮޅަށް ކިޔަވައިގެން ހުރި ނަމަވެސް، އެހެން ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެއް އިރެއްގައި ވެސް އޭނާ ބޭނުންވި ކަމެއް ނޫނެވެ. ގާއިމް ގަބޫލު ކުރާ ގޮތުގައި ރަށަށް ކުރިއެރުން ހޯދޭނީ، ރަށުގައި ހުރި މައްސަލަތައް ހައްލުކުރަން އަމިއްލައަށް މަސައްކަތްކޮށްގެންނެވެ. އެ މަސައްކަތް ނުކޮށް، ޝަކުވާ ކުރުމުގެ ހައްގު ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުގެ ދަރިވަރުންނަށް ވެސް ބުނެދޭ އެއްޗެއް އެއީ. ރަށުގައި ހުރެގެން ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް އޮތް ނަމަ، ރަށުގައި ހުރެގެން ހިދުމަތް ކުރުން. ރަށް ތަރައްގީއެއް ނޫނޭ، ހިދުމަތްތަކެއް ނެތޭ ކިޔައިގެން ޝަކުވާ ކުރެވޭނީ، އެކަންކަން ހައްލުކުރުމަށް، މަސައްކަތް ކުރުމަށް ފަހުގައި،" ގާއިމް ބުންޏެވެ.
ރާއްޖެއާ ދުރުގައި ގާއިމް ހޭދަ ކުރި ހަ އަހަރުގެ ތެރޭގައި ވެސް، ދީނީ އަޅުކަންތަކުގެ އިތުރުން އިސްލާމް ދީނުގެ އުސޫލުތަކުގެ މަތީގައި އުޅުމަކީ އޭނާ އެންމެ އިސްކަން ދިން ކަންތަކެވެ. އެހެންވެ، 2014 ވަނަ އަހަރު އެނބުރި ގައުމަށް އައިސް، ރަށުގައި ދީނީ ހޭލުންތެރިކަން ފެތުރުުމާއި ދީނީ ތައުލީމް ދިނުމުގެ މަސައްކަތް، ގާއިމް އާއި އޭނާގެ އެކުވެރިން ފެށި އެވެ.
އެކުގައި އުޅުނު ރަހުމަތްތެރި ކުދިންނާއެކު، އެންމެ ފުރަތަމަ އުފެއްދި ލެންޓާން ކިޔާ ޖަމިއްޔާގެ މަގްސަދަކީ ދީނާއި އިޖްމާއީ ކަންކަމާއި ތައުލީމު، ރަށުގައި ފުޅާކުރުމެވެ. ރަސްމީކޮށް ރަޖިސްޓްރީ ކުރީ 2019 ވަނަ އަހަރު އެވެ. އެކަމަކު އޭގެ މާ ކުރިން ވެސް، ފޭސްބުކް ގުރޫޕެއްގެ ގޮތުގައި، ލެންޓާންގެ ހިދުމަތް ފެނެ އެވެ.
ދީނީ ދަރުސްތައް ދިނުމަށް މާލެއިން ޝެއިހުން ގެނައުމާއި، ރަށުގައި ތިއްބެވި ޝޭހުންގެ ދަރުސްތައް އިންތިޒާމް ކުރުމާއި ދީނީ ގޮތުން، ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމަކީ ވެސް ލެންޓާންގެ މައިގަނޑު ޒިންމާއެކެވެ. އޭގެ އިތުރުން ރަށުގެ އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ވެސް އެ ޖަމިއްޔާއިން ދިޔައީ ހިންގަމުންނެވެ.
ލެންޓާންގެ ރައީސް އަދި ޓީޗަރެއްގެ ހައިސިއްޔަތުން އޭނާ ބެލެނިވެރިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ދަރިފުޅު ފުރާވަރަށް އަރައިގެން އަންނައިރު، ކުދިންގެ އުޅުމަށް އަދި ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމެވެ. އޭރު ދޭ ރަނގަޅު ތަރުބިއްޔަތުގެ އަސަރު މުޅި އުމުރަށް ހުންނާނެކަން ފާހަގަ ކުރި އެވެ. ހާއްސަކޮށް، ގްރޭޑް 8، 9 އަދި 10ގައި ކިޔަވާ އުމުރުގެ ކުދިންނަށް ބޮޑު ސަމާލުކަމެއް ދިނުމަށް އޭނާ ނަސޭހަތްތެރިވި އެވެ.
ގާއިމް ބުނިގޮތުގައި ރާއްޖޭން ބޭރުގައި ހުރި އިރު ވެސް، ދަރުސްތައް އަޑުއަހައި، ދީނީ ކަންކަމަށް ސަމާލުކަން ދޭ މިންވަރު އިތުރުވީ، އެ އުމުުރުގައި މަންމަ އާއި ބައްޕަގެ ދިން ތަރުބިއްޔަތުގެ ސަބަބުންނެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، ހުޅުދުއްފާރުގެ ރައީސްކަމުގެ މަގާމަށް ގާއިމް ކުރިމަތިލި އެވެ. އެއީ އިޖްތިމާއީ ގޮތުން ރަށަށް ކޮށްދޭ ހިދުމަތްތައް ފާހަގަކޮށް، ގިނަ ބައެއްގެ އެދުމުގެ މަތިން އޭނާ ނިންމި ކަމެކެވެ. ކައުންސިލްގައި ވާދަކުރީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެ އޭނާއަކަށް ކުރިއެއް ނުހޯދުނެވެ. އެކަމަކު ގާއިމްގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، ފައިސާގެ ބޮޑު ބެކަޕެއް ނެތި، ބޮޑު ކެމްޕޭނަކާ ނުލައި، އިންތިހާބުގައި ކުރިމަތިލައިގެން އޭނާއަށް ވޯޓުދިން މީހުން ގިނަކަމެވެ.
އިންތިހާބުން ފެއިލްވި ނަމަވެސް ގާއިމް ހުރީ ހިތްހަމަޖެހިގެންނެވެ. އެއީ ރަށުގައި ހުރި މައްސަލަތައް ހައްލުކޮށް، ކަންކަން ރަނގަޅު ކުރުމަށް، ފުރުސަތެއް ހޯދުމަށް އޭނާއަށް މަސައްކަތް ކުރެވުނީތީ އެވެ.
"ގިނަ މީހުން ޝަކުވާ ކުރަނީ، ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ނުކޮށް. އަޅުގަނޑު ޓްރައި ކުރިން، ކަންކަން ރަނގަޅު ކުރަން ފުރުސަތެއް ދިނުމަށް މީހުން ކައިރިއަށް ދިޔައިން. އެހެންވީމަ، މީގެ އަހަރުތަކެއް ފަހުން ވެސް، އަޅުގަނޑަށް ބުނެވެން އޮންނާނެ ކަންކަން ބަދަލުކުރަން މަސައްކަތް ކުރީމޭ،" ގާއިމް ބުންޏެވެ.
"ހަގީގަތުގައި އަދި ޕާޓީތައް ދޫކޮށްލާކަށް މީހުން ރެޑީއެއް ނޫން."
ހުޅުދުއްފާރު ސްކޫލުގައި ދާއިމީ އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގައި ހުރި ގާއިމް، ރަށަށް ކޮށްދެވުނު ހިދުމަތްތަކާ މެދު ހިތްހަމަ ޖެހެ އެވެ. އޭނާގެ ދަރިވަރުންނަށް ދޭން އޮތް ނަސޭހަތަކީ، ކިރިޔާ ވެސް ފުރުސަތެއް އޮތް ނަމަ، ކިޔަވައިގެން އެނބުރި ރަށަށް ހިދުމަތް ކުރަން އައުމެވެ. ކުރިއަށް އޮތް ޖީލަށް، ރަށުގައި ރަނގަޅު މުސްތަގްބަލެއް ވެސް ބިނާ ކުރެވޭނީ، އަމިއްލަ ރަށުގައި ތިބެގެން، އެތަން ކުރިއަރުވައިގެންނެވެ.