13 އެޕްރީލް 2021 - 14:43

ރޯދަ ވީއްލުމަށް އާއިލާ އާއި ރައްޓެހިންނާ އެކު ރެސްޓޯރެންޓްތަކަށް ދިއުމުގެ ޒަމާންވީ އާދަ މިދިޔަ ރޯދަ މަހު މެދުކެނޑުނެވެ. ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ މާލެ ސަރަހައްދު ލޮކްޑައުންގައި އޮތުމުން ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން އާންމުންނަށް ލިބުނު އުނިކަމުގެ އިތުރުން ރެސްޓޯރަންޓް ވިޔަފާރިކުރާ މީހުން ވެސް ބޮޑު ގެއްލުމަކާ އެކު ތިބެންޖެހުނީ އަތް އުރާލައިގެންނެވެ.

ހާލަތު ބަދަލު ރެސްޓޯރަންޓްތައް މި ރޯދަ މަހު ހުޅުވައި ހިދުމަތް ދެމުން އަންނަ އިރު އެ ތަންތަނުން ވަނީ ކުރިއެކޭ އެއްގޮތަށް ރޯދަ މެނޫތައް ހަދައި ވިޔަފާރި އިޔާދަކުރަން މަސައްކަތް ފަށައިފަ އެވެ. ބަލިމަޑުކަމުގެ ދިގު އަހަރަކަށް ފަހު ރެސްޓޯރެންޓްތަކުން މިއަހަރުގެ ރޯދަމަހާ ކުރިމަތިލީ ވަރަށް ބޮޑު އުންމީދަކާ އެކު އެވެ.

މަޝްހޫރު ރެސްޓޯރެންޓް ސޯލްޓްގެ ޑައިރެކްޓަރު އަހުމަދު ހަޝްމަތު ވިދާޅުވީ، އެތަނުގެ ރޯދަ މެނޫ ނެރުމާ އެކު ބުކިންތައް ލިބެން ފެށި ކަމަށެވެ. އޭނާ ވިދާޅުވީ 2019 ވަނަ އަހަރު ލިބުނު ފަދަ ތަރުހީބެއް މި އަހަރުގެ ރޯދަ ވީއްލުންތަކަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"މެނޫތައް ނެރެފައިވަނީ. ކޮންމެވެސް ވަރަކަށް ބުކިންތައް ވެސް ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ވެސް ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި މީހުން ރެސްޓޯރެންޓްތަކަށް ގޮސް ރޯދަ ވީއްލުން މަދެވެ. އާއިލާތަކާއި އޮފީސް މުވައްޒަފުންގެ އިތުރުން ރައްޓެހިންނާ އެކު ރޯދަ ވީއްލުންތައް ފެށެނީ ރޯދަ މަހުގެ ފަހުކޮޅުގަ އެވެ.
ޑްރީމް ޑައިނާ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އަބްދުﷲ (ޑީޑީ) ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށް ރެސްޓޯރެންޓްތައް ހުޅުވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އާންމުކޮށް ވެސް ރޯދަ މަހަކީ ގެއްލުމުގައި ހިންގާ މަހެއް ނަމަވެސް ރެސްޓޯރެންޓްތަކަށް ރޯދަ ވީއްލުންތައް ބާއްވާނެ ފުރުސަތު ލިބުމުން މާލީ ގޮތުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ކޮވިޑާ ހެދި ރާއްޖޭގެ އެތައް ރެސްޓޯރަންޓެއް ބަނގުރޫޓުވި އިރު މި އިންޑަސްޓްރީގައި ހިފަހައްޓާލެވުނީ އެންމެ ފުޅާ ދާއިރާގައި ރެސްޓޯރެންޓް ވިޔަފާރި ކުރަމުން ދިޔަ މީހުންނަށެވެ.
"އުންމީދު ކުރަނީ ރަނގަޅުވާނެ ކަމަށް. އަގުތައް ވެސް މިދިޔަ އަހަރުތަކަށް ވުރެ ބޮޑެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ފަސް ރެސްޓޯރެންޓް މިހާރު ވެސް ހިންގާ ލެމަންގްރާސްގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ އާތިފް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް އޮފީސްތަކުން ބާއްވާ ރޯދަ ވީއްލުންތައް މިއަހަރު މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ ކޮވިޑުން އަދިވެސް އަރައިނުގަނެވޭތީ، ގިނަ ބަޔަކު އެއްވެ އުޅުމަކީ އެންމެ ރަނގަޅު ގޮޮތަށް ނުވުމެވެ.
އޮފީސްތަކުން ބާއްވާ ރޯދަ ވީއްލުންތައް މަދުވި ނަމަވެސް އާއިލާތަކުން ރޯދަ ވީއްލުންތަކަށް އަންނަ ވަރު އިތުރުވާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. ރޯދަމަހަށް އާ އުންމީދުތައް ކުރި ނަމަވެސް އާންމުންގެ ދިރިއުޅުގެ ހާލަތަށް އައިސްފައިވާ ނޭދެވޭ އަސަރުގެ ސަބަބުން ޕެކޭޖުތަކުގެ އަގު ވެސް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ 10 ގައި ހާއްސަ ޑިސްކައުންޓްތަކެއް ވެސް ރެސްޓޯރެންޓްތަކުން ދެ އެވެ.
"ހީވަނީ 2019 އާއި 2018 އާ އަޅާބަލާއިރު އާމްދަނީ ދަށްވާނެހެން. ކޮވިޑާ ގުޅިގެން ކުންފުނިތަކުން މުވައްޒަފުންނަށް މި ބާއްވާ ރޯދަވީއްލުން ވެސް މަދުވާނެ. އެހެންވީމަ ވެސް ލިބޭ އާމްދަނީ ދަށްވާނެ،" އޭނާ ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކަށް އަމަލުކުރާތީ ރެސްޓޯރެންޓްތަކުގެ ފުލް ކެޕޭސިޓީގައި ވެސް ހިދުމަތް ނުދެވޭނެ ކަމަށެވެ. މިހެންވުމުގެ ސަބަބުން ވެސް ރޯދަވީއްލުންތަކުން ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ރެސްޓޯރެންޓް އަދި ކޭޓަރިން ހިދުމަތްދޭ އެއް ކުންފުންޏަކީ ބުރުޒެވެ. ބުރުޒުގެ އެފް އެންޑް ބީ މެނޭޖަރު މުހައްމަދު ސުޖާއު ވިދާޅުވީ، އެޗްޕީއޭގެ އުސޫލުތައް އޮތް ގޮތުން އެންމެ ގިނައިން މޭޒެއްގައި ތިބެވޭނީ ފަސް މީހުންނަށް ކަމަށެވެ. މިހެން ވުމުގެ ސަބަބުން ބޮޑެތި އާއިލާތައް ރޯދަ ވީއްލުންތަކަށް އަންނަ ވަރު މަދުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ރޯދަ ވީއްލުމުގެ ޕެކޭޖްތަކުގެ އަގު ކޮވިޑްގެ ސަބަބުން އެއްވަރެއްގައި ބަަހައްޓަން ރެސްޓޯރެންޓްތަކަށް މަޖުބޫރުވި ނަމަވެސް ތަކެތީގެ އަގު ހުރީ މަތީގައި ކަމަށެވެ.
"ކާ އެއްޗެހީގެ އަގުތައް އުޅެނީ ވަރަށް މަތީގައި. މިދިޔަ ހަފްތާއިން ފެށިގެން ބާޒާރުން ބައެއް ތަކެތި ނުލިބޭ. މިސާލަކަށް މޮޒަރެއްލާ ޗީޒް ވެސް މިހާރު ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އަހަރަކަށް ފަހު ރޯދަ މަހަށް ރެސްޓޯރެންޓްތައް ހުޅުވައިލުން ކެފޭތަކާއި ރެސްޓޯރެންޓް ހިންގާ ވެރިން ތިބީ އުފަލާ އެކު އުންމީދުގަ އެވެ.