ވަހުމު
ވަހުމު

"ފާޚާނާގަ މައްސަލަ ޖެހިގެންނޭ. އަވަހަށް އާދެބަލަ." ފޯނަށް ލިބުނު މެސެޖާއެކު ޗުސް ޖަހައިލެވުނެވެ.

ކިތަންމެ ދާން ބޭނުންވިޔަސް ދެވޭނީ ވެސް ދެވުނީމައެއް ނޫން ހެއްޔެވެ؟ މިއަދު ހީވަނީ އެހެން ދުވަސްދުވަހަށް ވުރެ މަސައްކަތް ގިނަ ދުވަހެއް ހެންނެވެ. އުޅެން މި ޖެހެނީ އޮފީހަށް ވަނީއްސުރެ ދެ ބުންބާއަށް އަޑި ނުވެގެންނެވެ.

އޮފީސް ނިމޭގޮތަށް ގެއަށް ދާން ބޭނުންވާކަން ވެރިންނަށް ވެސް އެނގިގެން އުޅޭހެން ވެސް ހީވެއެވެ. އެއް ކަންތައް ނިމޭ އިރަށް އަނެއް ދެ ކަމެއް ބޮލަށް މެހިގެންދެއެވެ. އަދި މި އުޅެނީ ހެނދުނު ގެއިން ނުކުންނަމުން ބޯލި ކޮފީތަށީގެ ބާރުގައެވެ. ގޮހޮރު ކުކުރާތާ އެތައް އިރެއް ވެސް ވެއްޖެ ކަމަށް މެސެޖު ލިބިލިބި ހުއްޓެވެ. ކުރާނީ ކީއްހެއްޔެވެ؟ ދެވޭނީ ވެސް މަސައްކަތްތައް ކުޑައަޑިވީމަތާއެވެ.

ކުރިއަށް އޮތީ ބަންދުތަކުގެ ސިލްސިލާއެކެވެ. ވޯޓުލުމާ ގުޅިގެން އޮތް ބަންދު ދުވަހެވެ. އޭގެ ކުރިއަށް ރޯދަ މަސް ފެށޭތީ އޮތް ބަންދެވެ. ދެން އޮތީ މުލަ ރޯދަ ބަންދެވެ. ހަފުތާގެ ފުރަތަމަ ތިން ދުވަސް ބަންދަން ޖަހައިލީމާ ހުރިހާ ތަކުލީފެއް އޮންނާނީ އަހަރުމެންނަށެވެ.

"ނަރީޝް ކޮފީއަށް ނުގޮސް، ސަޔަށް ނުގޮސް ހާދަ ބުރަކޮށްލައިގެން." ކައުންޓަރަށް ވެއްޓި ގަނެގެން ކަހަލަ ގޮތަކަށް އޮވެ އަޒުހީމް ބުނެލިއެވެ.

އަހަންނަށް ބަލައިލެވުނީ އަޒުހީމުގެ މޫނަށެވެ. ފާޑަކަށް ހެވިފައި އޭނާ އޮތް ގޮތް ފެނުމުން ރުޅި އާދެވޭ ގޮތް ވެސް ވިއެވެ. ހިތާހިތާ އެތައް ޝަކުވާއެއް ވެސް ކުރެވުނެވެ.

"އަޒްހީމުމެންނަށް ހީވަނީ ދަށަށް ޖަހައިލައިފަ ހިމަ ޓައީއެއް ކަރުގައި ބަނދެލައިގެން އޮފީހަށް ވަދެވުނީމަ މުސާރަ ހަލާލުވީއޭ. ދެ ގަޑިން ދެގަޑިން ކޮފީއަށް ގޮސް، މޭޒު ކައިރީ އިށީނދެވިއްޖެ ނަމަ ފޯނަށް ލޯ ކޮށްޕައިލައިގެން، ނޫނީ އެފްބީއަށް ބޯ މަހައިލައިގެން މައުސްއަށް ފިތަމުން ނޫނީ އިނގިލިން ސްކުރީނާ ކުޅެވުނީމަ އެ ހުރިހާ ޑިއުޓީ އަދާކުރެވިފައޭ. ދެން އޮންނާނީ ކަމަކަށް ސިޔާސީ ބަހުސް ކުރުން. ފޯނުކޯލުތަކަށް ޖަވާބުދިނުމާއި ދާއިރާގައި ކުރަންވީ ކަންކަން ބެލުން."

އަހަރެންގެ ހިތުގައި ހުރި ނަމަ ހުރި ޝަކުވާއެއް އެއްފަހަރާ ބޭރުކޮށްލާނަމޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް، ޝަކުވާގެ މަކާނުގައި ޝަކުވާތައް ގަޓަރި ޖަހައިލާ ބަނދެލުން އެއީ އެންމެ މޮޅު ގޮތްކަމަށް ސިކުނޑި ބުނެލިއެވެ. އަޒުހީމަކީ ކިހިނެއް ކޮން ގޮތަކުން، ކޮން ހައިސިއްޔަތަކުން އޮފީހަށް ވަދެފައި ހުރި މީހެއްކަން ސިކުނޑި ބުނެދިނީމައެވެ. އެވެރިން ބޭނުންވާ ކަންކަން ކުރަންވީމަ ކިޑީކީއެއް، ކުޑަދޮރެއް ބޮޑު ދޮރެއް ނޯންނާނެތީއެވެ. އެހެންވެ ބަދަލުގައި އޭނާއަށް ލުއި ހިނިތުންވުމަކުން ޖަވާބު ދިނީމެވެ.

"އަބަދު ތިހެން އުޅޭކަށް ނުވާނެ. ނިކަން ފަސޭހަ އުޅުމެއް އުޅެން ދަސްކޮށްބަލަ." އަނެއްކާ ވެސް އަޒްހީމު ބުނެލިއެވެ.

"ދެ ދަރިން ކިޔަވަން ބޭރަށް ފޮނުވައިފަ، މަހުން މަހުން ޑޮލަރު ފޮނުވަމުން، ގޭގެ ކުއްޔަށް މުސާރަ ދީފަ. ބިލްތައް ދައްކަން ޕާޓު ޓައިމު ޖޮބަށް ގޮސް. ބާކީ ލިބޭ ހުރިހާ ވަގުތަކު ޓެކްސީނުކޮށް މި ރާއްޖޭގައި އުޅޭނެ ގޮތެއް ދައްކަބަލަ. އަހަރެން ވެސް ވަރަށް ބޭނުން އެ ގޮތެއް. އެ ފޯމިއުލާއެއް." އަހަރެން ހިންދެމިލައި ފުން ނޭވާއެއް ބޭރުކޮށްލަމުން ބުނެލީމެވެ.

"ރާސްޓަސް. ތި ހަމަ ފެން. އެންމެ ކަމެއް ކޮށްލަންވީ. ގަލަމަށް ބާރުކޮށްލަންވީ." އަޒްހީމު އަހަންނާ ދިމާއަށް ޖެހިލިއެވެ.

"ކޮންކަމެއް؟" އަހަންނަށް ބަލައިލެވުނީ އަޒްހީމު އަހަންނާ ދިމާއަށް ގުދުވެލީމައެވެ.

"ނަރީޝްއަކީ މީހުންގެ ލޯބި ލިބިފައިވާ ހަރުދަނާ މީހެއް. ނަރީޝްމެން ކަހަލަ ހަރުދަނާ މީހަކަށް ކަޅި އަޅައަޅާ އެތައް ބަޔަކު އެ ތިބެނީ. ފަސްބައި ސާފު ހުދު މީހުންނަށް. ކާކު އެކަހަލަ މީހަކު ބޭނުން ނުވާނީ." އަޒްހީމް ވައި އަޑުން ބުނެލިއެވެ.

"މާނައަކީ؟" ފާޑަކަށް އަހަރެން ބޮލުގައި ރިއްސައިގަތެވެ.

"ކުރިން ވެސް ބުނީމެއްނު. ގޮތް ދޫނުކުރަން ނަރީ ހުންނަނީއެއްނު، މިހެން ހަދައިލަމުން ސޮއި އަޅައިލަންވީ. ޕޯޑިއަމަށް އަރާ ނަރީޝްގެ ހިކުމަތްތެރި ބަސްކޮޅެއް އިއްވާލަންވީ. ހާސްވެ ކަންބޮޑުވާކަށް ނުޖެހޭނެ. ފައިސާއިން ހިތް ދޮވެލަދޭނަށް. ބާކީ މިއޮތީ އެއްމެ ދުވަހެއް. ސައުވީސް ގަޑިއިރު. މި ދަނޑިވަޅުގެ ބޭނުން ހިފާ." އަޒްހީމު އަހަންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"ވިސްނައިލާނަން. މިއަދު އެބަޖެހޭ ރޯދައަށް ޝޮޕިންކޮށްލަން. ފާޚާނައިގެ މައްސަލަ ޖެހިފަ ހުރީ ވެސް. އެކަން ވެސް ހައްލުކޮށްލަން އެބަ ޖެހޭ." އަހަރެން ބޭނުންވީ އަޒްހީމުގެ ވާހަކަތަކުން ނުކުންނާނެ ބަހަނާއެކެވެ.
"ލިސްޓް ވައިބަރކޮށްލާ. ފާޚާނާގެ ކަންތަކާ ހާސް ނުވޭ. މަ ހުރިހާ ކަމަކާ ހަވާލު." އަޒްހީމު އަހަރެންގެ ކޮނޑުގައި އަތްބާއްވާލިއެވެ.

އޭނާ ބޭނުންވާ ކަންތަކަށް ނޫނެކޭ ބުނާނެ ގޮތެއް ހޯދާން މަޖުބޫރުވީއެވެ. ދޭނެ ޖަވާބެއް ބޮލަށް ތިލަކުރާން ވެސް ޖެހުނީއެވެ.

"އެކަމަކު؟" އަހަރެން އަޒްހީމްގެ މޫނަށް ބަލައިލީމެވެ.

"މި ރޯދަ ހަދިޔާ،" އަޒްހީމް ހިނިތުންވެލިއެވެ. "އޭރުން އަހަންނަށް ދޭނެ ޖަވާބެއް ވިސްނައިލާނެ ވަގުތު ހުސްކުރެވޭނެއްނު. ހަނދާންކުރާތި ދެ ގަޑިއިރު މި ދިނީ. ނަރީޝް ދެ ގަޑީއިރު ކުރާން ހުރި ހުރިހާ މަސައްކަތަކާ އެ މަސައްކަތުގެ އަގު ވެސް އަހަރެން ޖީބުން."

އަޒްހީމު ހިނިތުންވެލަމުން ހިނގައިގަތެވެ. އަހަންނަށް ބަލަން ހުރެވުނީއެވެ. ކުރާން ހުރި މަސައްކަތް ހުއްޓައިލައިފަ އޭނާ އާ ދިމާއަށް ބެލުނީއެވެ. އަޒްހީމު ގޮސްވަނީ ބޮސްގެ ކޮޓަރިއަށެވެ. އަހަންނަށް ގޮނޑިއަށް ވެއްޓި ގަނެވުނެވެ. ބޮލަށް ދެއަތް ނެގުނެވެ. އިރުކޮޅެއް ނުވަނީސް ފޯނު ރިންގުވާން ފެށިއެވެ. އަހަންނަށް ބަލައިލެވުނީ މޭޒުމަތީގައި ހުރި ފޯނަށެވެ. ފޯނުގެ ރިންގާ އެއްވަރަށް ހިތް ވެސް ތެޅެން ފެށިއެވެ. ބާރުބާރަށެވެ. ނޭނގޭ ތުރުތުރެއް ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިނގިއްޔާހަމައަށް ދުވެގަތެވެ.

ފޯނު ނަގަން ނުނަގަން އިނދެ ފޯނު ނެގީމެވެ. ހީވީ ހަމަ ރަނގަޅަށެވެ. ގުޅީ އޮފީހުގެ ވެރިޔާއެވެ.

"މަސައްކަތް ހުއްޓައިލައިފަ އިހަށް ގެއަށްގޮސް ވިސްނައިލާ. ވިސްނައިލައިފަ ތިނެއް ޖެހުމުން ކުރީން ޖަވާބެއްދީ. އުއްމީދު މި ކުރަނީ އަހަރުމެން އެދޭ ފަދަ ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށް." ވެރިޔާ ލަސްލަހުން ބުނެލިއެވެ.

އަހަންނަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ދޭނެ ޖަވާބެއް ވެސް ނުވިސްނުނެވެ. ކުރާން ބޭނުން ނުވާ ދެ ކަންތަކުގެ ތެރެއިން އެއް އަނެއްކަމަކީ މީހަކަށް ދެރައެއް ދިނުމެވެ. ގެއްލުމެއް ދިނުމެވެ. ދެވަނަ ކަމަކީ ސިޔާސީ ކޯޓު ހެޔޮވަރު ނުކުރުމެވެ. ނަމަވެސް، މަޖުބޫރުގެ ރޯޅިތަކުން މީހާ ވަށައިލައިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. މަގާމުގެ ކުރިއެރުންތަކާއި އެލަވަންސްތަކުގެ ވާހަކަ ދެކެވޭތާ ދެތިން މަސްވަނީއެވެ.

އޮފީސް ނިންމައިފަ ގެއަށް ވަންނަ އިރަށް ޝަކުވާގެ ދޮރުތައް ހުޅުވެއެވެ. ނުކުރެވޭ ކަންކަމާއި ނުގަނެވޭ އެއްޗެހީގެ ލިސްޓެއް އަނބިމީހާ ފަތުރައިލަދެއެވެ. އެ ލިސްޓު ދަމައިލައިފި ނަމަ ހަނި ގޯޅިއެއް އަވިން ނިވާވާނެއެވެ. މި ހާސްކަމުގެ ތެރޭގައި އުޅެއުޅެ މީހާ މިހާރު ނަފުސާނީ ވާން ކައިރިވަނީއެވެ. ފިކުރުތައް ބޮލަށް މަހައިލައިގެން އެ އަޑުތައް އަހަމުން ރައްދެއް ނުދީ ހުރުމަކީ ވެސް ހާދަހާ ބޮޑު އިމްތިހާނެކެވެ. ހާދަ ބޮލަށް އުނދަގޫވާ ކަމެކެވެ. އަނގަ ގަދަ މީހެއް ނަމަ މިހާރު ކާވެނީގެ ގޮށް ވެސް މޮހައިލާނެއެވެ.

އަރީފާ ވެސް އެހާ ރުޅި ގަދައެވެ. އޭނާގެ ޝަކުވާތައް ވެސް އެހާ ގިނައެވެ. ވާނީ ވެސް އެހެންތާއެވެ. އަހަންނަށް ލިބޭ ލާރިކޮޅުން ފަރު ނުޖެއްސޭތީ އޭނާ ވެސް ލައްކަ މަސައްކަތް ކުރާން ޖެހެއެވެ. ކަންމަތީ ފިހާރަތަކަށް ހެދިކާ ލައިގެންނާއި ކިއްލިއާއި ޖަބުލާނީ ހަދައިގެން ހޯދާ ފައިސާއަކީ ވެސް މި ދިރިއުޅުމުގެ ބާބެކެވެ.

"އަހަންނަކަށް އަބަދަކު މިހެންނެއް ވެސް ނޫޅެވޭނެ. އެހެން ވިސްނުމެއް އިސްކުރާން ވެސް ޖެހިދާނެ."

ކުއްލިއަކަށް ބޮލުގައި އެނބުރި ގަތީ އަރީފާ ނުރުހިގެން އާއްމުކޮށް ބުނާ ޖުމުލައެވެ. އެއާއެކު އަހަންނަށް ފުންކޮށް ވިސްނައިލެވުނެވެ. އަޒްހީމްގެ ފަރާތުން އަހަންނަށް މިހާ ބޮޑު ފުރުސަތެއްދީ އެ ބޭނުން ނުކުރިކަން އެނގޭ ދުވަހަކުން އަހަންނަށް ކޮށްލާނެ ވަރެއް ވެސް ނުވިސްނެއެވެ.

އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލެވުނެވެ. އިސްތަށިތަކަށް ބާރުކޮށްލެވުނެވެ. ދެ ލޮލާއި ބުމައަށް ބާރުކޮށްލަމުން މޫނުމަތީގައި ދެ އަތުން ފިރުމާލެވުނެވެ. އަހަންނަށް ބަލައިލެވުނީ ގަޑިއަށެވެ. އެއްގަޑި ބައި ވަނީއެވެ. ކުއްލިއަކަށް ގެއަށްދާން ޚިޔާލަށް އައެވެ.

އޮފީހުން ބޭރަށް ނުކުމެ ސައިކަލަށް އެރި އިރު ވެސް ޚިޔާލުތައް ހުރީ ދެކަފިވެފައެވެ. ބައެއް ފަހަރު ރުޅި ވެސް އާދެވެއެވެ. އަނެއްބައި ފަހަރު އުފާ ވެސް ވެވެއެވެ. ހިތްހަމަ ވެސް ޖެހެވެއެވެ. ރުޅި އާދެވޭ ކޮންމެ ފަހަރަކު އޭގެ އަސަރު ސައިކަލުގެ މުއްގަނޑަށް ކުރެއެވެ. ހިތްހަމަޖެހެވޭ ކޮންމެ ފަހަރަކު ހިނިތުންވެވެއެވެ. ލަވަ ކިޔައިލެވެއެވެ. އުފާވެރިކަމާ އެކު ފަޒާގައި އުދުހިލެވޭހެން ހީވާން ފަށައެވެ. އަރީފާގެ އަތުގައި ހިފައިގެން ހާސްކަމެއް ނެތި ފަޒާގައި އުޅެވޭ ކަމުގެ އިހުސާސް ކުރެވެއެވެ.

(ނުނިމޭ، އަނެއް ބައި ބުރާސްފަތި ދުވަހު)

އެޑިޓަރުގެ ނޯޓް: ފަތުހުﷲ އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ. މީގެ ކުރިން އޭނާ ވަނީ ބައެއް އޮންލައިން ނޫސްތަކަށް ވަރަށް ގިނަ ދުވަހު އޭނާ ވަނީ ރީތި ވާހަކަތަކެއް ލިޔެދީފަ އެވެ. ވާހަކަ ލިޔުމުގެ ބައެއް މުބާރާތްތަކުން އޭނާ ވަނީ އެއް ވަނަ ވެސް ހޯދައިފަ އެވެ. މި ރޯދަ މަހު އޭނާގެ ވާހަކަތަކުން މި ސަފްހާ ފަޅުފިލާނެ އެވެ.