މާމީގެ ޗެއާޕާސަންގެ މަގާމުން ދީޕިކާ އިސްތިއުފާ ދީފި
މާމީގެ ޗެއާޕާސަންގެ މަގާމުން ދީޕިކާ އިސްތިއުފާ ދީފި

މުމްބާއީ ފިލްމު ފެސްޓިވަލް (އެމްއެފްއެފް) ގެ ނަމުގައި ބާއްވާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ކޮންމެ އަހަރަކު ވެސް އިންތިޒާމުކުރާ ޓްރަސްޓެއް ކަމަށްވާ މުމްބާއީ އެކެޑެމީ އޮފް މޫވިން އިމޭޖް (މާމީ) ގެ ޗެއާޕާސަންގެ މަގާމުން ބަތަލާ ދީޕިކާ ޕަދްކޯން އިސްތިއުފާ ދީފި އެވެ.

އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ދީޕިކާ ނެރުނު ބަޔާނެއްގައި ބުނީ މާމީ އިން ވަކިވާން ޖެހުނީ ފިލްމީ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅެން ޖެހިފައިވާތީ އެންމެ އެކަށޭނެ ގޮތަށް ވަގުތު ދޭން ދަތިވާތީ ކަމަށެވެ.

ނަމަވެސް އޭނާ މާމީގެ ޗެއާޕާސަންގެ މަމާގުން އިސްތިއުފާ ދިނަސް އޭގެ މަސައްކަތް ހަރުދަނާ އަދި ޒިންމާދާރު ބޯޑެއްގެ ދަށުން ކުރިއަށް ދާނެ ކަމަށް ބުންޏެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ބުނި ގޮތުގައި މާމީފެ ޗެއާޕާސަންގެ ގޮތުގައި މަސައްކަތްކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެކެވެ.

"އެކަމަކު މި ވަގުތު އަހަރެންގެ މަސައްކަތްތައް ހުރި ގޮތުން މާމީ އަށް ވަގުތު ދޭން ދަތިވެފައިވޭ. އޭގެ ސަބަބުން މާމީގެ މަސައްކަތްތައްކަށް ފޯކަސްކުރުމާ އެކު އެކްޓިން އަށް ވެސް ފޯކަސްކުރުމަކީ ދަތި ކަމަކަށްވާތީ އިސްތިއުފާ ދޭން ނިންމީ،" ދީޕިކާ ބުންޏެވެ. "މާމީގައި މަސައްކަތްކުރަން ލިބުމަކީ ހަޔާތުގައި ލިބުނު އެންމެ ރަނގަޅު އެއް ތަޖުރިބާ."

ދީޕިކާގެ އަތުގައި ޝޫޓިން ފަށާފައި އޮތް ދެ ފިލްމެއްގެ އިތުރުން ޝޫޓިން ފަށަން ތައްޔާރުވާ ތިން ފިލްމެއް އެބައޮތެވެ. ޝޫޓިން ފަށާފައި އޮތް ދެ ފިލްމަކީ ޑައިރެކްޓަރު ޝަކުން ބަޓްރާގެ ނަން އަދި އިއުލާން ނުކުރާ ތުރިލާއަކާއި ޝާހްރުކް ޚާންގެ "ޕަތާން" އެވެ. ޝޫޓިން ފަށަން ތައްޔާރުވާ ފިލްމުތަކުގެ ތެރޭގައި އަމީތާބް ބައްޗަނާ އެކު ކުޅޭ "ދި އިންޓާން" އާއި ޕްރަބާސް އާއި އަމީތާބާ އެކު ކުޅޭ ނަން އިއުލާން ނުކުރާ ފިލްމެއްގެ އިތުރުން ރިތިކާ އެކު ކުޅޭ "ފައިޓާ" ހިމެނެ އެވެ.

ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ޗަޕާކް" އެވެ. އޭނާގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ ފިރިމީހާ ރަންވީރާ އެކު ފެނިގެންދާ އަދި ޖޫން 4 އަށް ތާވަލުކޮށްފައި އޮތް "83" އިންނެވެ.

ދީޕިކާ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދިން މާމީ އަކީ 1997 ގައި ވުޖޫދަށް އައި ޓްރަސްޓަކެވެ. މިހާތަނަށް މަޝްހޫރު އެކި ފަންނާނުން އޭގެ ޓްރަސްޓީންގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.