ރޯދަ މަހު ކޮވިޑް ވެކްސިން ޖެހުން ދެ ގަޑިއިރަށް؛ ފުރަތަމަ ޑޯޒް ހަމައެކަނި ޓްރީ ޓޮޕުން
ރޯދަ މަހު ކޮވިޑް ވެކްސިން ޖެހުން ދެ ގަޑިއިރަށް؛ ފުރަތަމަ ޑޯޒް ހަމައެކަނި ޓްރީ ޓޮޕުން

މިއަދު ކޮވިޑް ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށާއި މި ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު ދެ ގަޑިއިރަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

އެޗްޕީއޭ އިންް ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހު ހުރިހާ ވެކްސިން ސެންޓަރަކުންް ވެސް ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00 އިން 11:00 އަށް ކަމަށެވެ.

ރޯދަ މަހު ގެނައި ބަދަލުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުން ޖަހައިދޭ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ. އަލަށް ވެކްސިން ޖަހާ މީހުންނަށް މިހާރު ދޭނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. މި ވެކްސިން ޖަހަން ހުއްދަދީފައި ވަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ރޯދަ މަހުގެ ތެރޭގައި ހަ ސެންޓަރަކުން ދެ ވަނަ ޑޯޒް ޖެހޭނެ އެވެ. އެއީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އަދި ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނަހިޔަ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.

އެ ހުރިހާ ސެންޓަރަކުން ވެސް ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00 އިން 11:00 އަށެވެ. އެޗްޕީއޭ އިން ކުރިން ވެސް ވަނީ ރޯދަ މަހު ވެކްސިން ޖަހައިދޭ ވަގުތު ކުރުވާނެ ކަމަށާއި އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ރޯދައިގެ ކުރިން ވެކްސިން ޖަހަން އެދިފަ އެވެ. އެކަމަކު ވެކްސިން ސެންޓަރުތައް ހުސްކޮށް އޮތުމަށް ފަހު އިއްޔެ ވަނީ ބާރު ބޮޑުވެފަ އެވެ.

އިއްޔެ ވެކްސިން ޖެހި މީހުންގެ އަދަދު އެޗްޕީއޭ އިން އަދި އާންމެއް ނުކުރެ އެވެ.

އެންމެ ފަހުން އާންމުކުރި ވެކްސިންގެ މައުލޫމާތުގައިވާ ގޮތުން 268،456 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން 15،294 މީހުންނަކީ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންނެވެ.