ވެބް ސީރީޒް "ލެގަސީ" ގައި ރަވީނާ އާއި އަކްޝޭ ކަންނާ
ވެބް ސީރީޒް "ލެގަސީ" ގައި ރަވީނާ އާއި އަކްޝޭ ކަންނާ

ބަތަލާ ރަވީނާ ޓަންޑަން އާއި އަކްޝޭ ކަންނާ "ލެގަސީ" ކިޔާ ވެބް ސީރީޒަކަށް ސޮއިކޮށް އޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ސީރީޒް ވާނީ ދެ ތަރިން ޕްރޮޖެކްޓެއްގައި އެއްކޮށް މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ރަވީނާ އާއި އަކްޝޭ އަކީ 90 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދާލި ތަރިންގެ ތެރޭގައި ހިމެނޭ އެކަމަކު މިހާރު ވަރަށް މަދުން، އަދިި އާންމުކޮށް ސަޕޯޓިން ރޯލުތަކުން ފެންނަ ދެ ތަރިންނެވެ.

"ލެގަސީ" އަށް ސޮއިކުރި އިރު އަކްޝޭ، 46، އަންނަނީ ޒީ5 ގެ ވެބް ސީރީޒް "ސްޓޭޓް އޮފް ސީޖް: ޓެމްޕަލް އެޓޭކް" ގެ މަސައްކަތް ވެސް ކުރަމުންނެވެ. މިއި އޭނާގެ އަލަތު ވެބް ސީރީޒެވެ. އަކްޝޭ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރުގެ "ސަބް ކުޝަލް މަންގަލް" އެވެ.

މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އިން ރަވީނާ، 46، ފެންނާނެ އެވެ.

އަކްޝޭ އާއި ރަވީނާ ސޮއިކުރި "ލެގަސީ" ގެ ޑައިރެކްޓަރަކީ ވިޖޭ ގުއްޓޭ އެވެ. އޭނާ އަކީ 2018 ގައި އަނޫޕަމް ކޭރް އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ރޯލުން ފެނިގެން ދިޔަ ފިލްމު "ދި އެކްސިޑެންޓް ޕްރައިމް މިނިސްޓަރު" ގެ ޑައިރެކްޓަރެވެ. އެ ފިލްމުގައި އަކްޝޭ ވެސް ހިމެނެ އެވެ.