ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން
ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން

އެކި ޑިޒައިންތަކުން ޖަރީކުރި ކޭކުން ހަފުލާގެ ފަޅުކަން ފިލުވިޔަސް އެ އުފާ އެންމެންނަކަށް ނުލިބެ އެވެ. ހަކުރާއި ކޮލެސްޓްރޯލާއި ލޭ މައްޗަށް ދިއުން ފަދަ ބަލިތަކުގެ ސަބަބުން ކެއުމަށް ވަރަށް ބަލަންޖެހެ އެވެ. އެހެންވެ، ކައިވެނި ހަފުލާއަކަށް އަދި އުފަން ދުވަހުގެ ޕާޓީއަކަށް ވިޔަސް ވަކި ބަޔަކު މި ތިބެނީ ހަވާސާއިން ބޭރުވެފަ އެވެ. ފިއުނާޒު ވަހީދު (ފިއު) އޭނާގެ ފިރިމީހާ އަބްދުލް މަޖީދު މުހައްމަދާއެކު މި ފެށީ އެކަން ބަދަލުކުރުމުގެ މަސައްކަތެވެ.

ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން
ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން

"ހެލޯ ޕްލެޓާ"ގެ ނަމުގައި މިދިޔަ ޑިސެމްބަރު 5 ގައި ފެށި ކަމަކީ އެކި ބާވަތުގެ މޭވާއިން ރީތި ޑިޒައިންތައް ގެނެސް ކުލަތަކުން ހިނިތުންވުން ގެނެސްދިނުމެވެ. މި ކަވި އަދި އެތައް ގަޑިއިރެއް ހޭދަވާ މަސައްކަތަށް ލިބެމުން އަންނަނީ އުއްމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ކަމަށް އެ ދެމަފިރިން ބުންޏެވެ.

ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން
ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން

"ހަފުތާއަކު ގާތްގަނޑަކަށް 5-6 އިވެންޓްސް އެބަ ލިބޭ ހަދަން. އޭގެ މާނައަކީ މީހުންނަށް މިއީ ވެސް ކަމުދާ އެއްޗެއްގެ ގޮތުގައި އެބަ ފާހަގަކުރެވެއޭ. އެއީ ވަރަށް އުފާވާ ކަމެއް،" ފިއު، 41، ބުންޏެވެ.

ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން
ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން

"ބޭނުންވަނީ ފެމިލީ އެއްވުންތަކުގައި ވެސް އެންމެންނަށް ބައިވެރިވެވޭ ގޮތަށް، އެންމެންނަށް ވެސް މަޖާކޮށްގެން ކެވޭ ކަހަލަ އެއްޗެހިތަކެއް ހެދުން."

ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން
ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން

އުފާވެރި މުނާސަބުތަކަށް ކޭކު އެޅުމަކީ ދިވެހިންގެ ޒަމާންވީ އާދައެކެވެ. އެކަމަކު މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާ މީހުންގެ ވައްޓަފާޅިއަށް ދިރުން ގެނައުމުގެ ފުރަތަމަ ފިޔަވަޅަށް ވެދާނެ އެވެ. އޭގެ އެއް ހެއްކަކީ ރަން ކިޔުމަށާއި ކައިވެނި ހަފުލާއަކަށް މޭވާއިން ރީތި އެއްޗެހި ތައްޔާރުކުރަން ލިބުނު އޯޑަރެވެ.

ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން
ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން

"ޕެންޑަމިކްގައި އެވަރު ވެސް ހަދަން ލިބުނީމަ އަޅުގަނޑުމެން ވެސް ވަރަށް ސަޕްރައިޒްވި،" އެކި ޖަމިއްޔާތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށް، ރެޑް ކްރެސެންޓުގެ ސައިކޯ ސޯޝަލް ސަޕޯޓު ކޯލް ސެންޓަރުގެ ކޯޑިނޭޓަރަކަށް މި ވަގުތު ހުރި ފިއު ބުންޏެވެ.

ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން
ހަފުލާތަކުގެ ސަގާފަތް ބަދަލުކޮށްލަައިފާނެ ދެމަފިރިން

އެފަދަ މަސައްކަތެއް ކުރުމުގެ ހިޔާލު ފުރަތަމަ ލިބުނީ ވެސް އެކުވެރި ޑޮކްޓަރަކު ގުޅާފައި މޭވާ ޓްރޭއެއް ތައްޔާރުކޮށްދިނުމަށް އެދުމުންނެވެ. ގޭގައި އަމިއްލައަށް ކާން މަޖާ ޓްރޭ ހެދިއަސް، މޭވާއިން އެކަހަލަ ކަމެއް ކުރުމަކީ ފިއު އޭރު ގަބޫލުކުރި ގޮތުގައި ނުވާނެ ކަމެކެވެ. އެކަމަކު އެ ވާހަކައަށްފަހު ލިބުނު ހިޔާލުން، މޭވާއިން އެންމެ ފުރަތަމަ ޓްރޭއެއް ހެދީ އާއިލާ މީހެއްގެ އެދުމުގެ މަތިން މިދިޔަ ޑިސެމްބަރުގަ އެވެ. އޭގެ ފަހުން މިހާތަނަށް 50 އަށްވުރެ ގިނަ ބޯޑު ތައްޔާރުކޮށްފައި ވެ އެވެ.

"އޭރު ގުޅާފައި މި ބުނަނީ މަޖާ ޕްލެޓާ، މަސްކާށި ޓްރޭ ހަދަމެއް ނޫންހޭ. އެހެންވީމަ ފްރުޓް ޕްލެޓާ އެއް ހަދައިދޭށޭ. އެކަމަކު ތިމަންނަ ބުނީ ވަރަށް ތަފާތު ދެ ކަމެކޭ މިއީ. ބުނީމަ ވެސް ބުނީ ނޫނޭ، ހެދޭނެއޭ،" އަމިއްލަ ގޭގައި އެ މަސައްކަތް ކުރަން ފެށުނު ގޮތް ކިޔައިދެމުން ފިއު ބުންޏެވެ.

"ދެން ޕްލެޓާސް ހުންނަ ގޮތް ބަލައިލީ. ބަލާލާފައި ހިތަށްއެރި އޭގައި ހުންނަނީ އަތުރާފައި ހުންނަ އެއްޗެހި. އެކަމަކު ތަންކޮޅެއް ތަފާތުކޮށް އެއްޗެހިތަކެއް ހަދައިފިއްޔާ މީހުން ޝައުގުވެރިވާނެއޭ. އެންމެ ފުރަތަމަ މާތަކެއް ހެދީ. ހެދީމަ ވެސް މީހުން ވަރަށް ޝައުގުވެރިވީ،"

މަޖީދަކީ ގޭގެ ޑިޒައިންކުރުމާއި ކުރެހުންތެރިއަކަށް ވުމުން، ސިކުނޑި ތެރޭގައި ކުރާލާ މަންޒަރު ބޯޑެއްގައި ހަގީގަތަކަށް ހަދަން އެ ދެމަފިރިންނަށް އުނދަގުލެއް ނުވި އެވެ. އެންމެ އުފާވަނީ ގަޔާވާ މަސައްކަތުގައި އެކުގައި، އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވި ދެ މީހުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދާތީ އެވެ. އަމިއްލަ ވިޔަފާރީގައި ކިތައްމެ ބުރަކޮށް އުޅުނަސް މިއީ އޭނާ ބުނާގޮތުން ސިކުނޑި ތާޒާކޮށްދޭ ކަމެކެވެ.

މޭވާއާއި ތަރުކާރީ ވިއްކާ ފިިހާރައަކާއި މާރުކޭޓު ގޮޅިއެއް ހިންގަމުން އަންނަ މަޖީދު، 47، ބުނީ މި ކަމުގައި އެންމެ އުނދަގޫވަނީ އެކި ކުލައިގެ މޭވާ ހޯދާށެވެ. ހާއްސަކޮށް ނޫކުލައިގެ މޭވާ ނުލިބޭތީ އެންމެ ބޭނުންވާ ގޮތަށް ކުރިއަށްދާން އުނދަގޫވެ އެވެ. އެކަމަކު އެ މޭވާއިން ބޭނުންވާ ސިފަ ގެންނަން ވަރަށް މަސައްކަތްކުރެ އެވެ.

މި އެއްޗެހި ހެދުމަށް ބޭނުންކުރާ ތަކެތި ގޭގެ އެހެންކަމަކު ބޭނުމެެއް ނުކުރެ އެވެ. މަސައްކަތުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.

ބޯޑު ހެދުމަށް މޭވާ ގެންނަނީ ވެސް އެ ދެމަފިރިންގެ މޭވާ ވިއްކާ ފިހާރައިންނެވެ. އެ ތަނުން ނުލިބޭ އެއްޗެހި އެހެން ތަންތަނުން ހޯދަ އެވެ. މަސައްކަތް ކުރަނީ އެންމެ މަދުވެގެން 12 ވައްތަރު އެ މީހުންގެ މޭވާ ބޯޑުތަކުގައި ބޭނުން ކުރުމަށެވެ.

އޯޑަރެއް ލިބުމުން ކަސްޓަމަރާ ވާހަކަދެއްކުމަށް ފަހު އެ އެތި އިންނާނެ ގޮތް އެންމެ ފުރަތަމަ ކުޑަކޮށް ކުރަހާލަ އެވެ. ބައެއް މީހުން މި ދެމަފިރިންނަށް އިތުބާރުކޮށް އެ މީހުން އަމިއްލައަށް ބޭނުންވާ އެއްޗެއް ހެދުމުގެ ފުރުސަތު ވެސް ދެ އެވެ.

ފިއު ބުނީ އެ މީހުންނަށް އޯޑަރު ނުކުރިޔަސް އަމިއްލައަށް މޭވާ އަތުރާލައިގެން ވެސް ހަފުލާތަކުގައި ބޭނުންކުރަން މިހާރު ފަށާފައިވާ ކަމަށެވެ. ބޭނުމަކީ ދުޅަހެޔޮ ވައްޓަފާޅިއެއް ގެންގުޅުމަށް ވީހާ ވެސް ބޮޑަށް ބާރު އެޅުންކަން އޭނާ ފާހަގަކުރެ އެވެ.

"އަބަދު ވެސް މި ދެއްކެނީ އެންމެން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ރަނގަޅުކާނާ ކާށޭ. އެކަމަކު އަމަލަކުން އެ ކަމެއް ނުދެއްކޭ. މި ގޮތަށް ޓްރެންޑަކަށް ހެދިއްޖެއްޔާ ކޮންމެ ހަފުލާއެއްގައި ވެސް ގެންގުޅޭނެއޭ މި ގޮތަށް މޭވާ. ގެޓްޓު ގެދާ އެއްވިޔަސް އުފަންދުވަހަށް ވިޔަސް އެންމެން ވެސް މޭވާއާ ނުވަތަ ހެލްތީ ޓްރެންޑަކަށް ވެގެން ބޭނުންކުރަން ފަށާނެއޭ،" އިއްޔެ ލިބުނު އޯޑަރަށް ކަރާއިން ދޯންޏެއް ހަދަން މަޖީދު އުޅުނުއިރު، އެއަށް ބޭނުންވާ އިތުރު މޭވާތައް ދޮވެ، ކޮށުމުގައި އެހީތެރިވާން ހުރި ފިއު ބުންޏެވެ.

މިއީ، 18 އަހަރުވީ ކައިވެންޏަށް 14 އަހަރުގެ އަންހެން ކުއްޖަކާއި ނުވަ އަހަރުގެ ފިރިހެން ކުއްޖެއް ލިބިފައިވާ ފިއު ދެކޭގޮތުގައި މޭވާއަށް ކުޑަކުދިންގެ ޝައުގުވެރިކަން ވެސް ދަމައިގަނެވޭނެ އުކުޅެކެވެ.

"އިއްޔެ ފްރުޓް ބޯޑު ގެންދިޔަ ގޭގެ ކުދިން ވެސް ތިބީ ވަރަށް އުފާވެފައި. ބުނި އެގޮތަށް ޓްރައިކުރަން ބޭނުންވެއޭ. މޭވާ ކަހަލަ އެއްޗިއްސާ ދުރު ކުދިންނަށް މި ކަހަލަ ޝައުގުވެރި އެއްޗެއް ހަދާލައިގެން ކުދިންގެ ސަމާލުކަން ހޯދިދާނެ ބެލެނިވެރިންނަށް ވެސް ގޭގައި،" އޭނާ ބުންޏެވެ.

އެ މަސައްކަތަށް ބޯޑުގެ ސައިޒުން ތިން ޕެކޭޖެއް ހަދާފައި ވެ އެވެ. އޭގެ ކުޑަ ބޯޑަކުން 15 ވަރަކަށް އަދި ބޮޑު ބޯޑަކުން ގިނަ ވެގެން 40 މީހުންނަށް ތަފާތު އެކި ވައްތަރުގެ މޭވާ ކެވޭނެ އެވެ.

ފިއު އަށް އެންމެ ހިތްހަމަޖެހޭ ގޮތަށް މިހާތަނަށް ހެދިފައިވަނީ ދެ ތިން ގަޑިއިރުން ހެދި މަކާއު އެވެ. މަޖީދު އެންމެ ގަޔާވަނީ ރައީސް އޮފީހުން އޯޑަރުކޮށްގެން ހެދި "ނައިބޮލި" އަށެވެ. އޭގެ އިތުރުން ޕާޓީއަކަށް ސްޕައިޑާ އާއި ކަސަބު ސިފަވާ ގޮތަށް ގެނެސްދީފައި ވެ އެވެ. ރަން ކިޔުމުގެ ހަފުލާއަކަށް ހެދި ކަސަބުގެ ބޯޑު ރީތިވެގެން ހަމަ އެ ޑިޒައިނަށް އިތުރު އެއްޗެއް ހެދުމުގެ އޯޑަރު ލިބުނެވެ.

"އެހެން ނޫނީ އެއް ކަހަލަ އެއްޗެހި ދެ ވަނަ ފަހަރަށް ނުހަދާ ވޭތޯ ވަރަށް ބަލަން. ބޭނުންވަނީ ކޮންމެ ފަހަރަކު ވެސް ތަފާތުކޮށްލަން. ޗެލެންޖެއް ގޮތަށް. އެގޮތަށް ކުރިއަށްދެވޭތޯ ބަލަނީ،" ފިއު ބުންޏެވެ.

ރާއްޖެއިން ބޭރުގައި ތިބޭ ބައެއް ކުދިން ވެސް އެ މީހުންގެ އާއިލާ މީހަކަށް ސަޕްރައިޒް ދޭން ބޭނުންވެގެން މެސެޖުކުރެ އެވެ. އެއީ، މި ކަމުގައި ލިބޭ ވަރަށް ބޮޑު އުފަލެއްކަން ދެ މީހުން ވެސް ފާހަގަކުރި އެވެ.

"ބޭރުގައި ހުންނަ ކުދިން، މިސާލަކަށް ތިމާގެ މީހަކަށް ސަޕްރައިޒަކަށް ދޭން އަޅުގަނޑުމެންނަށް ހަމަ ފޭސްބުކުން މެސެޖުކޮށްލާނެ މިވެނި ގެއަކަށް ލައިދީފާނަން ހެއްޔޭ އޮންލައިންކޮށް ޕޭ ކޮށްލާނަމޭ ސަޕްރައިޒަކަށޭ. ދެން ވަރަށް އުފާވޭ އެ ކަހަލަ މޮމެންޓްސްތަކުގައި ވެސް ގެންގޮސްފައި ދޭއިރު އެ މީހުން ހުންނާނީ ވަރަށް ސަޕްރައިޒްވެފައި. ހާއްސަކޮށް ދުވަސްވީ ބޮޑުދައިތައިންނަށް ގެންގޮސް ދޭއިރު އެ މީހުން ބުނާނެ ކިހިނެއް ހެއްޔޭ ބޭރުން ފޮނުވަނީ،" ފިއު ބުންޏެވެ.

"ދުވަސްވީ މީހުން ވަރަށް އުފާވެގެން ބުނާނެ، ބާތުޑޭ ކޭކް މި މީހުން ހަދައިގެން ގެނަޔަސް މި މީހުންނޭ ކާނީ. އޭނާގެ ބާތުޑޭގައި އޭނާގެ ކޭކު ވެސް އެހެން މީހުންނޭ. މިހެން ގެންދިޔައީމަ އުފާވާ ގޮތަކަށް އެތި ވެސް އިންނާނެ. އަދި އެއާ އެއްކޮށް މަޖާ ވެސް ކުރެވޭނެތާ އެންމެންނަށް."

އުފަންދުވަހުގެ ހަފުލާތަކަށް މިހާރު ފުދޭވަރަކަށް ގިނައިން އޯޑަރު ލިބޭއިރު އެ މީހުންނަށް ވެސް އެކައްޗަކަށް އެންމެ ގިނައިން ހެދިފައިވަނީ މަލާ ގުޅޭ އެކި އެއްޗިއްސެވެ. އެއާއެކު، ބާސްކެޓުގައި މޭވާ ހަދިޔާކުރުމުގެ ސަގާފަތް އަލުން ދިރުވުމަށް ރަށަކުން އެއްޗެހި ވިޔެގެން ގެނެސް ބޭނުންކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

"ވަރަށް އުފާވޭ ނިންމާފައި ހަމަ ކްލައިންޓުން ފަރާތުން ގުޅާލާފައި ފީޑްބެކް ދޭނެ. ވަރަށް އުފާވިއޭ، ވަރަށް ރީއްޗޭ. ވަރަށް ހިތްހަމަޖެހުން ލިބުނޭ. މި ކަހަލަ ވާހަކަތައް ބުނި ފަހުން ވަރަށް އުފާވެ. އަހަރުން މި ކުރި މަސައްކަތް އެ މީހުންނަށް ކަމުދިޔަކަން އެނގުނީމަ. އަސްލު ވަރަށް ލޯތްބާއެކު ކޮންމެ މީހަކަށް ތައްޔާރުކުރިއަސް މި ހެދެނީ. ހަދާ ހިތުން،" ފިއު ބުންޏެވެ.