ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ހިތްތަކުގެ ގުޅުން ވަރުގަދަވެއްޖެ: ރައީސް
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ހިތްތަކުގެ ގުޅުން ވަރުގަދަވެއްޖެ: ރައީސް

ކޮވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން، އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބުރޫއެރި ނަމަވެސް އަޅުގަނޑުމެންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާ ކަމުގެ ވަރުގަދަ ގުޅުމުގެ ނަތީޖާއަކީ، މި ހާލަތުގައި އަޅުގަނޑުމެންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމާ ފަށާ މި އަހަރުގެ ރޯދަމަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ލޮޅުން އަރައި، ފަރުދުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށެވެ.

"ނަމަވެސް، އަޅުގަނޑުމެންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން، މި ބަލިމަޑުކަމުގެ ތެރޭގައި ވެސް، އަޅުގަނޑުމެންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫހު އިތުރަށް އާލާވެއްޖެ އެވެ،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މުޅި ދުނިޔެ، އެކަކު އަނެކަކަށް، އަދި އެއް ގައުމު އަނެއް ގައުމަށް، އެހީތެރިވެ އެއްބާރުލުމުގެ ރިވެތި ނަމޫނާއެއް ދައްކާ މިފަދަ ދުވަސްވަރަކާ، މި ރޯދަމަސް އިއްތިފާގު ވުމަކީ އަޅުގަނޑުމެން ފަދަ އިސްލާމީ މުޖުތަމައަކަށް ނުހަނު ގިނަ ކަންކަން ހަނދާންކޮށްދީ، އެތައް އިބުރަތްތަކެއް ލިބިދޭ ކަމެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރޯދަމަސް، އުނގަންނައިދޭ އެންމެ މުހިންމު ފިލާވަޅަކީ، ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން މީހުންގެ ހާލަތު އިހުސާސްކޮށް، އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫހު އަށަގެންނެވުމެވެ.

"މިއަދު އަޅުގަނޑުމެންނާ މި ބައްދަލުކުރީ، اللهُ ސުބުހާނަހޫ ވަތައާލާގެ އެއްކައުވަންތަކަމުގެ އަގީދާގެ އަލީގައި، އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަކޮށް، އެކަލާނގެ އަޅުތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް، ނަފްސުތައް ހާނުވައިދޭ ރޫހާނީ މައްސަރެކެވެ. އެހެންކަމުން މި ބަރަކާތްތެރި މޫސުމުގެ މަންފާ އެންމެ ހެޔޮގޮތުގައި ހާސިލުކުރުމަށްޓަކައި، ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ސަދަގާތް ދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސް ވިދާޅުވި އެވެ.