12 އެޕްރީލް 2021 - 17:18

އެ މަނިކުފާނާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ކަންކަމާ މެދު ހިޔާލު ތަފާތުވުން ހުއްޓަސް ގައުމާއި އެ ޕާޓީ އަށް ދެރަވާ އެއްވެސް ކަމެއް ނުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި ރައީސް އެހެން ވިދާޅުވީ، ކޮވިޑުގައި އަވަސް ފަރުވާދޭންޖެހޭ މީހުންނަށްޓަކައި ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންނަން އުޅުނު 75 ވެންޓިލޭޓަރާ ގުޅޭ ކަމަށް ތުހުމަތު ކުރެވޭ ކޮރްޕަޝަންގެ މައްސަލައަކީ ރައީސާއި ދެބޭފުޅުންގެ މެދުގައި މައްސަލަ ޖެހުނު ސަބަބެއް ކަމަށް ނަޝީދު އިއްޔެ ވިދާޅުވުމުންނެވެ.
ލޯކަލް އިންތިހާބަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި މައްސަލަ ނުޖެހުނު ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މައްސަލަ ނުޖެހުނީސް ކަމަށެވެ.
"އަޅުގަނޑުމެން ދެ މީހުން [ރައީސް އާއި ނަޝީދު] ގެ ދޭތެރޭގައި މައްސަލަ މި ހުންނަނީ މިސާލަކަށް ވެންޓިލޭޓަރު މައްސަލާގައި. އަޅުގަނޑުމެން ދެ މީހުން ދޭތެރޭގައި މައްސަލައެއް ނުހުންނާނެ ވެންޓިލޭޓަރު މައްސަލަ ނެތް ނަމަ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކަފުޅަށް އިޝާރާތްކޮށް، ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، އެމްޑީޕީއަކީ ތަފާތު ހިޔާލާއި ތަފާތު ވިސްނުމަށް ޖާގަދޭ ޕާޓީއެއް ކަމަށެވެ.
"އެމްޑީޕީ ކުރިއަށް ދާނީ އެ ވިސްނުމާއެކު. އެހެން ނަމަވެސް ޕާޓީއަށް ގެއްލުންވާ އެއްވެސް ކަމެއް އަޅުގަނޑުމެން އެއްވެސް މީހެއްގެ ފަރާތުން އަދި މި ގައުމަށް ދެރަވާ އެއްވެސް ކަމެއް [ނުކުރާނެ]،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު މިއަދު ވެސް ވިދާޅުވީ، ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތަކުގައި ދެން ކުރިއަށް ދާނެ ގޮތަކާ މެދު ސަރުކާރުން އިސްވެ މިހާރު ވެސް ބަންޑާރަ ނައިބާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ، ކޮރަޕްޝަނަށް ޖާގަދޭ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނު މައިގަނޑު އެއް ސަބަބަކީ އެ ޕާޓީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އެހެން ބައެއް އިސްވެރިން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ޚާއްސަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ހިޔާލު ތަފާތުވުންތަކާ ހެދި، އެމްޑީޕީގެ އެކި ފެންވަރުގެ ވަޓްސްއެޕް ގްރޫޕުތަކުގައި ބޮޑު ޒުވާބަކަށްވެ ހޫނު ރައްދު ވެސް މިހާތަނަށް ވަނީ ދީފަ އެވެ. މީގެ ތެރޭގައި ނަޝީދުގެ ބަހުގެ ހޫނު ހަމަލާތަކެއް މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ދޭތެރެދޭތެރެއިން ރައްދު ކުރައްވަ އެވެ.