13 އެޕްރީލް 2021 - 10:16

މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ވޮއިސް ޗެޓް އެޕް "ކްލަބްހައުސް" ގަންނަން ޓްވިޓާ އިން ޝައުގުވެރިކަން ފާޅުކޮށް އެކަމާ ބެހޭ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ދެ ކުންފުނީގެ މެދުގައި މިކަމާ ބެހޭ ގޮތުން މި އަހަރުގެ ފެށުނުތަނާހެން ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވެ އެވެ. އަދި ޖެކް ޑޯޒީގެ ޓްވިޓާ އޮތީ ހަތަރު ބިލިއަން ޑޮލަރަށް ކްލަބްހައުސް ގަންނަން ތައްޔާރަށް ކަމަށް ބުންޏެވެ.
ދެ ކުންފުނީގެ މެދުގައި ވަރަށް ބާރަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަހު، މިހާރު އެކަމަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ދެ ކުންފުނިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ބައެއް މީޑިއާތަކުން ބުނީ ކްލަބްހައުސް ގަންނަން ޓްވިޓާ އިން ބޭނުން ވަނީ އެ ޕްލެޓްފޯމްގެ ވޮއިސްޗެޓް ވަރުގަދަކޮށް، ބޭނުންކުރާ މީހުންގެ މެދުގައި ވޮއިސް ޗެޓްގެ މަގުބޫލުކަން އިތުރުކުރުމުގެ ގޮތުންނެވެ. އެކަހަލަ ހިދުމަތެއް މިހާރު ވެސް "ސްޕޭސެސް" ގައި ނަމުގައި ޓްވިޓާ އިން ތައާރަފުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރު އެވެ.
ކްލަބްހައުސް އަކީ އެންމެ އަހަރެއްގެ ތެރޭގައި ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޕްލެޓްފޯމެކެވެ. އެ ވުޖޫދަށް އައީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަނެއްކާ ލިބެނީ ވެސް މި ވަގުތު ހަމައެކަނި އައިއޯއެސް އަށް ކަމަށް ވެފައި، އެ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އެ ބޭނުންކުރާ ނުފޫޒު ގަދަ މީހުންގެ ތެރޭގައި މަހުޖަނު އީލޮން މަސްކާއި މަޝްހޫރު ހޯސްޓް އޯޕްރާ ވިންފްރީ ފަދަ ޝަހުސިއްޔަތުން ހިމެނެ އެވެ.
ކްލަބްހައުސް ވުޖޫދަށް ގެނައި ކުންފުނި އަލްފާ އެކްސްޕްލޮރޭޝަނުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބުނި ގޮތުގައި އެ މީހުން އަންނަނީ އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ވީހާ ވެސް އަވަހަކަށް އެ އެޕް ބޭނުންކުރެވޭނެ ގޮތް ހަދަން މަސައްކަތްކުރަމުންނެވެ. އަދި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ.
ކްލަބްހައުސް ބޭނުންކުރާ މީހުންގެ އަދަދު 10 މިލިއަނަށް އަރަ އެވެ.