12 އެޕްރީލް 2021 - 16:17

އެމްޑީޕީން އަޣްލަބިއްޔަތު ހޯދަމުން އައި ދ. ރިނބުދޫން، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއަކަށް އަމިއްލަ ކެންޑިޑޭޓުން އިންތިހާބުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވަނީ މީގެ ކުރިން ކާމިޔާބު އެތައް ދާއިރާއެއް ގެއްލިފަ އެވެ. އެ ދާއިރާތަކުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާމިޔާބު ހޯދާފައި ވިޔަސް ރިނބުދޫގެ ރައްޔިތުން ވޯޓު ދިނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ކެންޑިޑޭޓުންނަށެވެ.
އެ ގޮނޑިތައް ކާމިޔާބުކުރި ކެނޑިޑޭޓުންގެ އިތުރުން، އެ ގޮނޑިތަކަށް ވާދަކުރީ އެމްޑީޕީންނެވެ.
ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ އަހުމަދު އިގްބާލް އަބްދުލް ގައްޔޫމެވެ. ދެން ތިބި މެންބަރުންނަކީ އަޝްރާފް ހަސަން، ނަވާޒް ޝަރީފް، ޝަފަގް ޝަމީމް އަދި މަރިޔަމް ޝިފާޒާ ހަސަނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ވެސް ކާމިޔާބުކުރީ، މި ޓީމާ އެކު އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ.
މި ފަހަރު އެ ރަށުގެ ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރި ޓީމުގެ ފަރާތުން "މިހާރު" އަށް ވާހަކަދެއްކި މެމްބަރަކު ވިދާޅުވީ، އެ ޓީމުން ރައްޔިތުންނަށް ކަށަވަރުކޮށްދިނީ ހެޔޮ ބަދަލެއް ގެނެސްދިނުން ކަމަށެވެ.
"ރައްޔިތުން އަސްލު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބީ، ކައުންސިލްގެ މެމްބަރުންނަށް. އަޅުގަނޑުމެން ކަށަވަރުކޮށްދިނީ މިހާރު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރިނބުދޫގައި 2011 އިން ފެށިގެން، ކައުންސިލް ތިން އިންތިހާބުގައި ވެސް ހުރިހާ ގޮނޑިއެއް ކަހަލަ ގޮތަކަށް ކާމިޔާބުކޮށްފަައި ވަނީ އެމްޑީޕީންނެވެ.
އެ ޓީމުން ބުނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ވުމުގައި އެ ރަށު ކައުންސިލުން މީގެ ކުރިން އެހާ ބޮޑަށް ސަމާލުކަން ނުދޭ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން އިންވެސްޓްކޮށްގެން ހިންގާފައިވާ ޕްރޮޖެކްޓްތަކުން ރައްޔިތުންނަށް މަންގފާ ލިބިފައި ނުވާތީ އެކަމާ ހިތްހަމަނުޖެހިފައިވާ ކަމަށް ބުންޏެވެ.
އެ ޓީމުން ކެމްޕެއިން ކުރީ އެއްވެސް ޕާޓީއަކާ ގުޅިގެން ނޫން ކަމަށާއި މަސައްކަތުގައި ކުރިއަށްދާނީ ވެސް މިނިވަންކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިނބުދޫގައި 587 މީހުން އުޅޭ އިރު، ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 304 މީހުންނަށެވެ. މި އިންތިހާބުގައި އެ ރަށު 90 ޕަސެންޓު މީހުން ވޯޓުލި އެވެ.