12 އެޕްރީލް 2021 - 15:15

ލޯކަލް ކައުންސިލް އިންތިހާބުގައި ނ. ހޮޅުދޫ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ދާދި ފަހުން ކައިވެނިކުރި ދެމަފިރިން ކަމަށްވާ މުހައްމަދު އަލީ އާއި މަރިޔަމް ވަހީދާ، އެންމެ ގިނަ ވޯޓާ އެކު ކައުންސިލަށް އިންތިހާބުވެއްޖެ އެވެ.
އެންމެ ފަހުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެމަފިރިންގެ ކާމިޔާބީ ފެނިފައިވެ އެވެ. އެކަމަކު މިއީ ކައުންސިލް އިންތިހާބެއްގައި މިގޮތަށް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށް ވަނީ ބެލެވިފަ އެވެ.
ކައުންސިލްގެ މެމްބަރު ކަމަށް ހޮވުނު މަރިޔަމް ވަހީދާ އަކީ ކައުންސިލަށް ކުރިމަތިލި އަންހެން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓާ އެކު އިންތިހާބު ކައުންސިލަރެވެ.
މުހައްމަދާއި މަރިޔަމް ކައިވެނިކުރީ މިދިޔަ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. މިއީ ދެ ބޭފުޅުންގެ ދެ ވަނަ ކައިވެންޏެވެ.
މުހައްމަދު "މިހާރު" އަށް ވިދާޅުވީ ހޮޅުދޫ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލިއިރު އޭނާއާ މަރިޔަމްގެ މެދުގައި ގުޅުމެއް ނެތް ކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު އޭރު ކޮވިޑާ ހެދި ނުބޭއްވި ހޭދަވި މުއްދަތުގެ ތެރޭގައި ލޯބީގެ ގުޅުން އުފެދުނީ މާ ފަހުންނެވެ.
އަމިއްލަ ވިޔަފާރިކުރަމުން އަންނަ އުމުރުން 46 އަހަރުގެ މުހައްމަދު ވަނީ 2014 ވަނަ އަހަރު އަތޮޅު ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އެކަމަކު ޖެހިގެން އައި ކައުންސިލް އިންތިހާބުގައި އޭނާ ވާދަ ނުކުރެއްވީ، އޭރުގެ ކަނބަލުން ބަލި ހާލަތު ހުރި ގޮތުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހު އޭރުގެ އަނބިކަނބަލުން ވަނީ އަވަަހާރަވެފަ އެވެ.
މުހައްމަދު ވިދާޅުވީ ރައްޓެހިވިތާ ކުޑަ ދުވަސްކޮޅެއް ފަހުން، އުމުރުން 43 އަހަރުގެ މަރިޔަމްއާ ކައިވެނި ބައްލަވައިގަނެ އަދި އޭނާ އާ އެކު ކައުންސިލްގެ މެމްބަރުކަމަށް ހޮވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.
މަރިޔަމް ކާމިޔާބުކުރެއްވި މި އިންތިހާބަކީ އޭނާ ވާދަކުރެއްވި ފުރަތަމަ އިންތިހާބެވެ.
ދެމަފިރިން ވެސް ތިއްބެވީ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރައްވައި، ހަމަހަމަ ކަމާ އެކު ހިދުމަތް ދެއްވުމުގެ އަޒުމުގަ އެވެ.
"އެކުގައި މަސައްކަތްކުރާނީ ޕްރޮފެޝަނަލްކޮށް. ރައްޔިތުން އިންތިހާބުކުރީ ދެމަފިރިން ވެގެންނެއް ނޫން. އެކަން ގަބޫލުކޮށްގެން ދެ މީހުންވެސް ރައްޔިތުންގެ މަސައްކަތްކުރާނީ. އެ ޔަގީންކަން އޮތީމަ ރައްޔިތުން އެގޮތަށް ނިންމީ،" މުހައްމަދު ވިދާޅުވި އެވެ.
ހޮޅުދޫ ކައުންސިލުން އިދިކޮޅު ކެންޑިޑޭޓުންނަށް ހަތަރު ގޮނޑި ލިބިފައިވާއިރު ވެރިކަން ކުރާ އެމްޑީޕީއަށް ލިބިފައި ވަނީ އެންމެ ގޮނޑިއެކެވެ.