12 އެޕްރީލް 2021 - 12:34

ކޮވިޑް-19 އާ ދެކޮޅަށް ދޭ ވެކްސިންގެ ބާރު ގަދަކުރުމުގެ ގޮތުން، އެކި ވައްތަރުގެ ވެކްސިނުން ޑޯޒް ހަމަކުރުމާ މެދު ވިސްނަމުން އަންނަ ކަމަށް ޗައިނާ އިން ބުނެފި އެވެ.
އާންމުކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު ޗައިނާގެ ކޮވިޑް ވެކްސިން ފައިޒާ އާއި މޮޑާނާ އަދި އެހެން ބައެއް ވެކްސިންތަކަށް ވުރެ ބާރު ދެރަ އެވެ. އެކަމަކު ޗައިނާގެ ވެކްސިނަކީ ފައިޒާ އާއި މޮޑާނާ ވެކްސިން ފަދައިން ގަދަ ފިނީފައި ބަހައްޓަންޖެހޭ އެއްޗެއް ނޫނެވެ.
"ބަލިން ދިފާއުކޮށްދިނުމުގެ ބާރު އެހާ ގަދަ ނޫން ވެކްސިންތަކުގެ ބާރު ގަދަކުރެވޭ އެއް ގޮތަކީ އެކި ވެކްސިންގެ ޑޯޒްތައް ދިނުން،" ޗައިނީސް ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ގައޯ ފޫ ވިދާޅުވި އެވެ.
ނަމަވެސް މިއީ އެހެން ގައުމުތަކުގެ ވެކްސިނާއި ޗައިނާގެ ވެކްސިން އެއްކޮށް ދިނުމުގެ ވާހަކަ ކަމެއް ނުވަތަ ޗައިނާގެ ވެކްސިންތައް މިގޮތަށް ދިނުމުގެ ވާހަކަ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"އެކި ވައްތަރުގެ ވެކްސިނުން ވެކްސިން ފުރިހަމަކުރުމުގެ ޓެކްނިކަލް ކަންކަމާ މެދު މި އަންނަނީ ވިސްނަމުން،" ޗެންގްޑޫގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާއޯ ވިދާޅުވި އެވެ.
ޗައިނާގެ ވެކްސިނަކީ ކޮވިޑުން ދިފާއުކޮށްދިނުމުގެ ބާރު އެހާ ގަދަ ވެކްސިނެއް ނޫން ކަމަށް ގާއޯ ވަނީ މި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ގޯސްކޮށް އެ ވާހަކަ މާނަކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ގާއޯ ވިދާޅުވި ގޮތުގައި ވެކްސިންގެ ޑޯޒްގެ އަދަދާއި ޑޯޒްތައް ދިނުމުގައި ހޭދަކުރަންޖެހޭ މުއްދަތު ފަދަ ކަންކަމަށް ބަދަލު ގެނެސްގެން ވެސް ވެކްސިންގެ ބާރު ހަށިގަނޑުގައި ގަދަކުރެވޭނެ އެވެ.