12 އެޕްރީލް 2021 - 12:35

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފ. ދަރަނބޫދޫން ވާދަކުރި ދެ ކެންޑިޑޭޓުން އެއްވަރުވެ، އަލުން އިންތިހާބު ބާއްވަން ޖެހިއްޖެ އެވެ.
ވާދަވެރި އެ އިންތިހާބުގައި، އެއްވަރަށް ވޯޓު ލިބުނީ، ކައުންސިލްގެ އަންހެނުން ތަމްސީލު ކުރާ ދެ ގޮނޑި އަށް ވާދަކުރި އަދާލަތު ޕާޓީގެ ދެ ކެންޑިޑޭޓުންނެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން، ދެ ކެންޑިޑޭޓުން އެއްވަރު ވެއްޖެ ނަމަ ދެން ޖެހޭނީ އަނެއްކާ ވެސް އިންތިހާބު ބާއްވާށެވެ. އެ ރަށުގެ މިހާރުގެ ކައުންސިލުން ބުނީ، އެކަން އިލެކްޝަންސް އަށް އަންގައި، ވީ އެންމެ އަވަހަކަށް، އަންހެނުންގެ ގޮނޑީގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އަލުން އިންތިހާބު ބޭއްވުމަށް ކައުންސިލުން ނިންމި ނަމަވެސް، އެކަމުގައި، ދަރަނބޫދޫގެ އަދާލަތު ޕާޓީގެ އިސް މީހުންގެ ހިޔާލުތަފާތެވެ. ކެމްޕޭން މެނޭޖަރު މުސްއަބު މުހައްމަދު ބުނިގޮތުގައި މިހާރު މަސައްކަތް ކުރަމުން ދަނީ، އިންތިހާބު ނުބާއްވައި ކަންކަން ހަމަޖެއްސޭނެ ގޮތެއް ވޭތޯ ބެލުމަށް ކަމަށެވެ.
އޭނާ ބުނިގޮތުގައި ދޫކޮށްލާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ކެންޑިޑޭޓުންނާއި އެ މީހުންގެ އާއިލާގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. އަދި އެންމެ ފަހުގޮތް ނިންމާނީ މުސްއަބު ކަމަށް ބުންޏެވެ.
"މަޝްވަރާކުރުމަށް ފަހު، އަމިއްލަ އަށް މީހަކު ދޫކޮށްނުލައި ފިނަމަ، އަޅުގަނޑު ބުނާނަން ދޫކޮށްލަންވީ މީހެއް. އެގޮތަށް ނިންމައި އެއްބަސްވެފައި މިހާރު މިވަނީ،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބުގައި އެއްވަރުވި ނަމަވެސް، ކެންޑިޑޭޓެއް ހޮވުމުގައި އަމިއްލައަށް ގޮތެއް ނުނިންމޭނެ އެވެ. އެއްވަރު ވެއްޖެ ނަމަ ދެން ޖެހޭނީ އަލުން އިންތިހާބު ބާއްވަން ކަމަށާއި އެ ނޫން ގޮތަކަށް އަމަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.