އީރާނުގެ މައި ނިއުކްލިއާ ފެސިލިޓީ އަށް ވަރުގަދަ ސައިބަ އެޓޭކެއް
އީރާނުގެ މައި ނިއުކްލިއާ ފެސިލިޓީ އަށް ވަރުގަދަ ސައިބަ އެޓޭކެއް

އީރާންގެ މައި ނިއުކްލިއާ ފެސިލިޓީ އަށް ވަރުގަދަ ސައިބަ އެޓޭކެއް ކުރިމަތިވިވެ ކަރަންޓު ކެނޑި މައްސަލަތައް ދިމާވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އީރާންގެ ނިއުކްލިއާ އިސް އޮފިޝަލް އަލީ އަކްބަރު ވިދާޅުވީ ޔޫރޭނިއަމް ފައްކާކުރުމުގެ އާ މަސައްކަތްތަކެއް ފެށުމާ އެކު ކުރިމަތިވެފައި ވަނީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށެވެ. ނަތަންޒް ނިއުކްލިއާ ފެސިލިޓީ އަށް ހަމަލާ ދިނީ ކޮން ބަޔަކު ކަމެއް އީރާނަކުން ނުބުނެ އެވެ.

ނަމަވެސް އިޒްރޭލުގެ ޕަބްލިކް މީޑިއާ އިން ބުނީ މިއީ އިޒްރޭލުން ދިން ސައިބަ އެޓޭކެއް ކަމަށެވެ. ނަމަވެސް އިޒްރޭލުން ސީދާ ގޮތެއްގައި މިކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ. މި ހަމަލާ ދީފައި މި ވަނީ އީރާނުގެ ނިއުކްލިއާ މަސައްކަތާ ދެކޮޅަށް އިޒްރޭލުން ދޭ އިންޒާރުތައް ހަރުކަށިކޮށްފައި ވަނިކޮށެވެ.

މިފަހަރު މިކަން ހިނގާފައި މި ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވަން އެމެރިކާ އިސްވެ ހެދި އެއްބަސްވުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އުވާލާފައި ވަނިކޮށް އެ އެއްބަސްވުން އަލުން އިޔާދަކުރަން މަސައްކަތްކުރަމުން ދަނިކޮށެވެ.

މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ނަތަންޒް ނިއުކްލިއާ ފެސިލިޓީގައި ޔޫރޭނިއަމް ފައްކާކުރުމުގެ އާ މަރުހަލާއެއް އިފްތިތާހުކޮށްދެއްވައިފަ އެވެ.