އަލްހާނަށް ލިބުނީ އެއް ޕަސެންޓް ވޯޓް!
އަލްހާނަށް ލިބުނީ އެއް ޕަސެންޓް ވޯޓް!

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 20،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވާއިރު، މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހްމީ އަށް ލިބިވަޑައިގެންފައި ވަނީ އެންމެ 275 ވޯޓު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ. އެ ނަތީޖާއަކީ ވޯޓު ލީ މީހުންގެ އެންމެ އެއް ޕަސެންޓެވެ.

އަލްހާންގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރެވެ.

މި އިންތިހާބުގައި މޭޔަރުން ހޮވުމަށް 51،702 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު، އިންތިހާބުގައި ވޯޓު ލާފައި ވަނީ 21،091 މީހެކެވެ. އޭގެ ތެރެއިން 970 ވޯޓު ބާތިލްވެފައި ވާތީ، ސައްހަ ވޯޓަކީ 20،116 ވޯޓެކެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، 12،441 ވޯޓާއެކު މޭޔަރު ކަމަށް ހޮވިވަޑައިގަތީ މުއިއްޒެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އަނަސް އަށް ލިބިވަޑައިގަތީ 7،400 ވޯޓެވެ. އެއީ 36.7 ޕަސެންޓެވެ.

އެންމެ ފަހުން، ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، މެމްބަރުކަމުން ވަކިވެވަޑައިގަތް އަލްހާނަށް މާލެއިން ޖުމްލަ 275 ވޯޓު ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކާއިރު އެއީ 1.37 ޕަސެންޓެވެ.

އީސީގެ ކައުންސިލް އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު އަދި 106 ފޮއްޓެއްގެ ވޯޓު ނުގުނަ އެވެ. އެހެންވެ، މި ވަގުތުގެ ނަތީޖާ އަށް ކުޑަ ބަދަލެއް އަތުވެދާނެ އެވެ.

މާލެއިން އަލްހާނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތް އިރު އަލްހާން ވިދާޅުވެފައި ވަނީ 51،000 މީހުން ވޯޓު ލާ އާބާދީއެއް އޮތް ތަނަކުން، އޭނާ، ބޮޑު ދެ ޕާޓީީއާ ވާދަކޮށް، އެއް ޕަސެންޓް ނެގުމަކީ ކުދި ސިޔާސީ ޕާޓީތަކަށް ތާއީދު ނެތް ކަން ދައްކައިދިން ކަމެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ އަލްހާން ގުޅިވަޑައިގަތީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ އެވެ. ޖޭޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާ އަށް އޭނާ ވާދަ ކުރެއްވި ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުއިއްޒެވެ.

އަލްހާންގެ ފުރަތަމަ ސިޔާސީ ޕާޓީއަކީ ޑީއާރުޕީ އެވެ. އޭގެ ފަހުން، އެމްޑީޕީއާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި ފޭދޫ ދާއިރާގެ މެމްބަރުކަން އޭނާ ވަނީ ހޯއްދަވައިފަ އެވެ. އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި އެ ޕާޓީން އަލްހާން ވަކިކުރީ، ވަކި ބަޔަކު އެމްޑީޕީ ހައިޖެކްކޮށް، ޒުވާނުންނަށް ފުރުސަތު ބަންދުވެ، އިސްލާހަށް ފުރުސަތު ނެތް ކަމުގެ ފާޑުވިދާޅުވުންތައް ކުރިމަތިކުރަން ފެށުމުންނެވެ.

އޭގެ ފަހުން ޖޭޕީއާ ގުޅިވަޑައިގެން ނަމަވެސް، އޭނާ އެ ޕާޓީން ވަކިވެވަޑައިގަތީ ސީދާ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށެވެ. ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މޭޔަރަކަށް ނުކުންނެވުމުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުންދާތީ ޕާޓީން ވަކިވެވަޑައިގެންނެވި އެވެ. އެކަމަކު އެއް ޕަސެންޓްގެ ނަތީޖާއަކުން ބޮޑު ނާކާމިޔާބީއެއް މިވަނީ ކުރިމަތިވެވަޑައިގެންފަ އެވެ.

އަވަސް އަވަހަށް އެކި ޕާޓީތަކަށް ގުޅިވަޑައިގަތުމުގެ "ރެކޯޑް" އެއް އޮތް އަލްހާން ރޭ ވަނީ އެމްޑީޕީގެ ޓިކެޓުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ. އެކަމަކު އެ ޕާޓީން އެކަމުގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.