ކޮވިޑަށް ފަހު އިގްތިސާދު އެންމެ އަވަހަށް ކުރިއަރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ
ކޮވިޑަށް ފަހު އިގްތިސާދު އެންމެ އަވަހަށް ކުރިއަރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ

ކޮވިޑް-19ގެ ސަބަބުން އައި އިގްތިސާދީ ހީނަރު ކަމަށް ފަހު ދުނިޔޭގައި ދެވަނަ އަށް އެންމެ ހަލުވިކަމާ އެކު އިގްތިސާދު ކުރިއަރާ ގައުމަކީ ރާއްޖެ ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އައިއެމްއެފް އިން ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓް ލުކް" ރިޕޯޓުން ދައްކާ ގޮތުގައި ޖީޑީޕީ (ގައުމީ އުފެއްދުންތެރިކަމުގެ) ނިސްބަތުން ރާއްޖޭގެ އިގްތިސާދު މި އަހަރު 18.9 ޕަސެންޓް ކުރިއަރާނެ އެވެ. މިދިޔަ އަހަރު މި އަދަދު ވަނީ 32.2 ޕަސެންޓް ދަށްވެފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދު ކުރިއަރާވަރު އިތުރުވުން ބަރޯސާ ވަނީ އެ ގައުމަކުން ހަދާފައިވާ ޕޮލިސީތަކަށެވެ. އެހެންކަމުން ރަނގަޅު ޕޮލިސީތައް ހެދުމަށް އައިއެމްއެފުން ވަނީ ގައުމުތަކުގެ ލީޑަރުންނަށް އިލްތިމާސްކޮށްފަ އެވެ. މި ޕޮލިސީތައް ހެދުމުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ކޮވިޑް-19އިން އަރައިގަތުމަށް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރީ މިދިޔަ އަހަރު ހަތަރު މަސް ދުވަސް ވަންދެން ޓޫރިޒަމް އެއްކޮށް ހުއްޓިފައި އޮތުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ޓޫރިސްޓުން އަންނަ އަދަދު އަންނަނީ މަހަކަށް ފަހު މަހެއް އިތުރުވަމުންނެވެ.

އައިއެމްއެފުން ބުނާގޮތުގައި ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލިބުނު ގެއްލުމަކީ 2008 ވަނަ އަހަރު އައި "ގްލޯބަލް ފައިނޭންޝަލް ކްރައިސިސް"ގައި ލިބުނު ގެއްލުމަށްވުރެ ކުޑަ ގެއްލުމެއް ކަމަށެވެ. އެހެންކަމުން އިގްތިސާދު އަލުން އިއާދަ ކުރުމަށް ދިގު މުއްދަތެއް ނުނަގާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެ އެވެ.