ދިގު ވެކްސިން ކިޔޫތައް މިއަދު އަނެއްކާ ވެސް!
ދިގު ވެކްސިން ކިޔޫތައް މިއަދު އަނެއްކާ ވެސް!

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައިދުރުކަމަށް ބެލުމެއް ނެތި، ވެކްސިން ސެންޓަރުތައް ދޮށުގައި މިއަދު ދިގު ކިއުއެއް ދަމާލައިފި އެވެ.

ދިގު ވެކްސިން ކިޔޫތައް މިއަދު އަނެއްކާ ވެސް!
ދިގު ވެކްސިން ކިޔޫތައް މިއަދު އަނެއްކާ ވެސް!

މީގެ ކުރިން ވެކްސިން ސެންޓަރުތައް ދޮށުގައި މިގޮތަށް ކިއު ދިގުވެގެން ދިޔައީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނެ އެންމެ ފަހު ދުވަހަކީ މާޗު މަހުގެ 15 ވަނަ ދުވަސް ކަމަށް ހެލްތު މިނިސްޓަރު އިއުލާން ކުރުމާ ގުޅިގެންނެވެ. އެ މުއްދަތު ހަމަވާން ހަތަރު ވަރަކަށް ދުވަހަށް ވުމާއެކު ކޮންމެ ދުވަހަކު ވެސް ސެންޓަރުތަކުގެ ކިއު ލޮލުކޮޅަށް ނުފެންނަ ވަރަށް ދަމާލަ އެވެ.

އެކަމަކު، ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ސިނަފޯމް ވެކްސިން ދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމާ އެކު އަނެއްކާ ވެސް ވެކްސިން ޖެހުމުގެ ފޯރި މަޑުމަޑުން ދަށަށް ދިޔަ އެވެ. ފާއިތުވި ހަފްތާ އަށް ބަލާއިރު ވެކްސިން ސެންޓަރުތައް އޮތީ ގާތްގަނޑަކަށް ހުހަށެވެ. އެގޮތުން އެޗްޕީއޭ އިން އާންމުކުރާ ވެކްސިންގެ އަޕްޑޭޓުން ދައްކާ ގޮތުން، މުޅި ރާއްޖެއިން ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މާދަމާ ރޯދަ މަސް ފެށޭއިރު އަނެއްކާ ވެސް މިއަދު މިވަނީ ވެކްސިން ސެންޓަރުތަކަށް ބާރުބޮޑުވެފަ އެވެ. ރޯދަ މަހުގެ ރޭގަނޑު ވެކްސިން ދޭނީ ވަރަށް ކުޑަ ވަގުތެއްގައި ކަމުން، އެޗްޕީއޭ އިންް ވަނީ ރޯދަ މަސް ފެށުމުގެ ކުރިން ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް އެދިފަ އެވެ. ނަމަވެސް، އެންމެ ފަހު ދުވަހަށް މަޑުކުރުމުގެ ސަބަބުން މިއަދު ވެކްސިން ސެންޓަރުތަކަށް ބާރުބޮޑެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދެމުން އަންނަ ނޭޝަނަލް އާޓް ގެލަރީ ސަރަހައްދަށް ބަލާއިިރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ކިއުގައި އެބަތިއްބެވެ. ދެ މީހުންގެ ދޭތެރޭގައި ކުޑަވެސް މިންވަރަކަށް ގައިދުރުކަމެއް ނެތެވެ.

މީގެ ކުރިން ވެސް ކިއުތަކުން މިކަންކަން ފާހަގަވެ، އެޗްޕީއޭއަށް އެތައް ބައެއްގެ ފާޑުކިޔުމާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު އިންތިޒާމުތައް ރަނގަޅުކޮށްފައި ނުވާކަން މިފަހަރުގެ ކިއުތަކުން ވެސް ފެނެ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާއި މީހުންނަށް މާލޭ ސަރަހައްދުން ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދެނީ 10:00 އިން 15:00 އަށެވެ. 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް އެ ވެކްސިން ދެމުން އަންނައިރު މި ވެކްސިން ޖަހަން މިއަދު މަޖިލިސް ދޮށުގައި ވެސް ކޮންމެވެސް ވަރެއްގެ ކިއުއެއް އެބަ އޮތެވެ.

ސިނަފޯމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ މަހެއް ފަހުން ޖެހޭނެ އެވެ. އެކަމަކު އަދި އެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ނުފަށަ އެވެ.

މިވަގުތު މާލޭ ސަރަހައްދުގައި ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑްގެ އެކަންޏެވެ. އެގޮތުން ދެވަނަ ޑޯޒް ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ސެނެހިޔާ އާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގެ އިތުރުން ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުންނެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ 268،456 މީހެކެވެ. އޭގެ ތެރެއިން 15،294 މީހުންނަކީ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންނެވެ.