13 އެޕްރީލް 2021 - 10:25

ކަލާޒް ޗެނެލުން ކުރިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ސަސުރާލް ސިމަރް ކާ" ގެ ދެވަނަ ސީޒަން މި މަހުގެ 26 ގައި ދައްކަން ފަށަން ނިންމައި، އޭގެ އާ ޕްރޮމޯއެއް އާންމުކޮށްފި އެވެ.
މި ފަހަރު ވެސް ކުރީގެ ސިލްސިލާގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ދިޕިކާ ކައްކަރް ފެންނާނެ އެވެ. އޭނާއާ އެކު ބޮޑު ކާސްޓެއް ދެވަނަ ސީޒަނުން ވެސް ފެންނާނެ އެވެ. "ސަސުރާލް ސިމަރް ކާ" އަކީ ސުޕަނެޗްރަލް ސިލްސިލާއެކެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސިލްސިލާގެ ދެވަނަ ސީޒަން ގެނެސްދޭ އިރު، "ސަސުރާލް ސިމަރު ކާ 2" ކަލާޒް އިން ދައްކާނީ ކޮންމެ ހަފުތާއެއްގެ ހޯމައިން ހޮނިހިރު ދުވަހާ ހަމައަށެވެ. އެއީ ރާއްޖެ ގަޑިން 6:00 ގަ އެވެ.
"ސަސުރާލް ސިމަރު ކާ 2" އިން ދިޕިކާ އަލުން ބެލުންތެރިންނަށް ބައްދަލުކުރާ އިރު އޭނާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން 2019-2020 އަށް ގެނެސްދިން "ކަހާ ހަމް ކަހާ ތުމް" އެވެ. ދިޕިކާގެ ފިރިމީހާ ޝުއައިބް އިބްރާހީމަކީ "ސަސުރާލް ސިމަރު ކާ" ގެ ފުރަތަމަ ސީޒަނުގެ ބަތަލެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގަ އެވެ.
"ސަސުރާލް ސިމްރަން ކާ" އަކީ ކަލާޒް އިން އެޕްރީލް 25، 2011 އިން ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 2،063 އެޕިސޯޑް ގެނެސްދިނެވެ.