11 އެޕްރީލް 2021 - 21:03

މާދަމާ އަކީ މި ހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަސް ފެށޭނީ އަންނަ އަންގާރަ ދުވަހު ކަމަށް މިރޭ ކަނޑައަޅައިފި އެވެ.
ހަނދު ސާބިތު ކުރުމުގެ ބައްދަލުވުމަށް ފަހު މިނިސްޓަރު ޑރ. ޒާހިރު އިއްވެވި ބަޔާނެއްގައި ވިދާޅުވީ މިރޭ އިރުއޮއްސޭއިރު، ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ. އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މަތިން މާދަމާއަކީ 1442 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާ އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ ރޯދަ މަހަކީ، ދިވެހިންނަށް ވަރަށް ދަތި، އަދި ތަފާތު މަހެކެވެ. މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަނީ މެދުކަނޑާލައިފަ އެވެ. އަދި މައްކާގެ ހަރަމްފުޅު ވެސް އާންމުންނަށް ބަންދުކޮށްފައި ވާއިރު ރަމަޟާން މަހުގެ ތަރާވީހް ނަމާދު ވެސް ޖަމާއަތަކު ނުކުރެ އެވެ.
ކޮވިޑްގެ ހާލަތު އަދިވެސް ގޯސް ނަމަވެސް، މި އަހަރުގެ ރޯދަ މަހު މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާނެ އެވެ.