11 އެޕްރީލް 2021 - 19:50

މިނިވަންކަމާ އެކު ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރެވުނު ނަމަ، އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވުނީސް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ކާމިޔާބީއާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ މިއީ މި ލިބުނު ކާމިޔާބީ އަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދޭނެ އިންތިހާބެއް ކަމަށެވެ.
ކޮވިޑް-19 ފެތުރުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، ރަށްރަށަށް ދަތުރުކޮށް ކެމްޕެއިންކުރުމުގެ ފުރުސަތު ގެއްލުނެވެ. ނަމަވެސް ސަރުކާރުން ރަށްރަށުގައި ހިންގާ އެކި ޕްރޮޖެކްޓްތަކާ ގުޅިގެން ރަށްރަށަށް ދަތުރުކުރާއިރު، ވެރިކަންކުރާ އެމްޑީޕީން ކެމްޕެއިން ކުރަމުން ދިޔަ ކަމަށް އިދިކޮޅު ކޯލިޝަނުން ދިޔައީ ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ލިބުނު ނަމަ ރާއްޖޭގެ އެއްވެސް އަތޮޅެއް އެމްޑީޕީއަށް ކާމިޔާބު ނުކުރެވުނީސް ކަމަށެވެ.
"އޭގެ ހެކި އެ އޮތީ މާލެ އިން ދައްކާފައި. އަޅުގަނޑުމެން މި ތިބީ މާލޭގައި، މާލެއިން މާލޭގެ މޭޔަރުކަމާއި އަޅުގަނޑުމެންގެ ޓިކެޓުގައި މާލެއިން ވާދަކުރި ހުރިހާ ކެނޑިޑޭޓުން އިންތިހާބުވެފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑިން އިދިކޮޅު ކޯލިޝަނަށް 14 ގޮނޑިއަކަށް ވާދަ ކުރި އެވެ.
މާލޭގެ އިތުރުން މީގެ ކުރިން ޕީޕީއެމް/ޕީއެންސީ އަށް ގޮނޑި ކާމިޔާބުވެފައި ނުވާ އެތައް ތަނަކުން މިފަހަރު ގޮނޑި ކާމިޔާބު ކުރެވުނުކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އަބަދުވެސް އެމްޑީޕީން ކޮންޓްރޯލްކުރާ އައްޑޫގެ ތިން ގޮނޑިއެއް ހިމެނެ އެވެ. އަދި އެހެން އަށް އަތޮޅެއްގެ ކައުންސިލް ރައީސްކަން ވެސް އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވުނު ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހއ، ރ، ޅ، ގއ އަދި ގދ. ހިމެނެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ވަނީ، އެ މީހުންގެ ބަސް މިހާރު އިއްވާފައި ކަމަށެވެ. އެހެންވެ، ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ.
"އެއީ ރައްޔިތުންގެ ނިންމެވުމެއް. އެހެންވީމަ ރައްޔިތުންގެ ނިންމުމާ އެކީ ޕީޕީއެމުން އަބަދު ވެސް ކުރިއަށް ދާނީ، ޕީޕީއެމް އިން އަބަދު ވެސް އިސްކުރާނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުން،" އޭނާ ވިދާޅުވި އެވެ.