11 އެޕްރީލް 2021 - 18:27

ގދ. ގައްދޫގެ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި މުހައްމަދު އަހުމަދު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެޅުވީ ބަޔަކު ރާވައިގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ލިބުނު ކާމިޔާބީއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، މުހައްމަދުގެ ބޮލުގައި އެ ތުހުމަތު އެޅުވީ ޕީޕީއެމްގެ ޓިކެޓު ކަށަވަރުވެ، އެ މަގާމަށް ކެމްޕެއިން ކުރަން ވެސް ފެށި ފަހުން ކަމަށެވެ. އަދި މިއީ އޭނާއަށް އެ ގޮނޑި ކާމިޔާބުވާނެ ކަން އެނގުމުން، ބަޔަކު ރާވައިގެން އެޅުވި ތުހުމަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއަށް ބާރު ލިބޭ ކަމަކީ، ގައްދޫ ރައްޔިތުން އެ އޮތީ އެ ބޭފުޅުންގެ ރައީސްކަމަށް އެ ބޭފުޅާ އިންތިހާބުކޮށްފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުޑަކުއްޖަކަށް އޮރިޔާން ކާޑު ދެއްކުމުގެ ތުހުމަތުގައި މުހައްމަދު ހައްޔަރުކުރީ މީގެ ފަސް ވަރަކަށް މަސް ކުރިންނެވެ. އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން، އެ މަގާމު ކާމިޔާބުކުރި އިރު އޭނާ ހުރީ ކ. މާފުށީ ޖަލުގަ އެވެ. އެ ރަށު ރައްޔިތުން މުހައްމަދު އަހުމަދަށް 737 ވޯޓު ދިން އިރު، ރައީސް ކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރި ކެނޑިޑޭޓް މުހައްމަދު ރިޒާނަށް 652 ވޯޓު ދީފައި ވެ އެވެ.
އެނގިފައިވާ ގޮތުގައި މުހައްމަދު އަހުމަަދު އޮރިޔާންކާޑު ދެއްކި އަންހެން ކުއްޖާ އަކީ އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާ އެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ މަހު ނެރުނު ނޫސްބަޔާނެއްގައި ވެސް މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައި ވެ އެވެ. އެ ކަން ފާހަގަކުރެއްވުމަން މިއީ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި މިކަން ހިނގާ ދިޔަ ގޮތް އަދި ސާފުވެފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، މިކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނިންމާފައި ނެތް ކަމަށާއި ނަމަވެސް ކުށް ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެ މައްސަލައިގައި އޭނާގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅެއް އަޅުގަނޑުމެން އަޅާނަން، އެއަށް އެއްވެސް ސުވާލެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ކުޑަކުއްޖަކާ ގުޅޭ މައްސަލައެއްގެ ތުހުމަތުތަކެއް މުހައްމަދު އަހުމަދަށް އަމާޒުވެފައި ވެ އެވެ. އެއީ އޭނާ އެ ރަށު ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އިރު ހިނގި ކަމެކެވެ. ފަހުން ތުހުމަތުކުރީ މިސްކިތު އިމާމަކަށް ހުއްޓާ އެވެ.