އަޑިއަށް ދިޔަ ބޯޓު 1،000 މީޓަރު އަޑީގައި، ތެޔޮ ލީކުވުމުގެ ބިރެއް ނެތް: ކޯސްޓް ގާޑު
އަޑިއަށް ދިޔަ ބޯޓު 1،000 މީޓަރު އަޑީގައި، ތެޔޮ ލީކުވުމުގެ ބިރެއް ނެތް: ކޯސްޓް ގާޑު

އިއްޔެ އަލިފާން ރޯވި "ބްރޯ ފިއުލްސް" ގެ ސީ ސްޓާ ތެޔޮ ބޯޓު އެނބޫދޫ ފިނޮޅު ކައިރިއަށް އަޑިއަށް ދިޔަ ނަމަވެސް ތެޔޮ ލީކުވުމުގެ ބިރެއް ނެތް ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ކޯސްޓްގާޑު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް މުހައްމަދު ސަލީމް ވިދާޅުވީ، ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ރިޕޯޓް ލިބުމާ އެކު ވަރަށް އަވަހަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ބޯޓު އަޑިއަށް ދިޔައީ އެވެ.

އެނބޫދޫ ފިނޮޅުގެ އިިރުން 1.5 ނޯޓިކަލް މޭލު ބޭރުގައި މި ހާދިސާ ހިނގިއިރު ސަލީމްް ވިދާޅުވީ މި ދުވަސްކޮޅުގެ އޮއިވަރާއި ވައި ހުރި ގޮތުން، ބޯޓު ދާނީ އިރުމައްޗަށް ކަމަށެވެ. ބޯޓު މިހާރު އޮތީ 1،000 މީޓަރަށް ވުރެ އަޑީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޯޓުން ތެޔޮ ލީކުވުން ކަމަށް ކޯސްޓްގާޑުގެ ޕްލޭންތަކުގައި އޮންނަނީ އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަކަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ތެޔޮ ލީކުވުމުންނެވެ.

ސަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ކަމާއި ގުޅޭ އިދާރާތަކަށް ވެސް ކޮންޓްރޯލްކުރެވޭނެ ހާދިސާއެއް ކަމަށެވެ. ތެޔޮ ލީކުވުމުގެ ބޮޑުކަމެއް ހިނގާފައި ނުވިޔަސް ރާއްޖޭގެ ތިމާވެށީގެ ނާޒުކަމުން، އެފަދަ ހާދިސާތައް ހިނގުމުން ވަރަށް ކައިރިން މޮނިޓަކުރާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދު މޮނިޓަ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށެވެ. އޮއިވަރު ބަދަލުވެ އަތޮޅަކާ ދިމާލަށް އެ ސަރަހައްދުން ތެޔޮ ލީކުވެގެންދާ ކަމަށް ކިރިޔާ ވެސް އޮބްޒާވްކުރެވިއްޖެ ނަމަ، އެކަމަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާދިސާ ހިނގީ އާންމުކޮށް މީހުން ދަތުރުކުރާ ރޫޓެއްގައި ކަމަށް ވާތީ، އެތަނުން ތެޔޮ ލީކުވާ ނަމަ އެކަން އެނގޭނެ ކަމަށެވެ.

ބޯޓު އޮތީ ވަރަށް އަޑީގައި ކަމަށް ވާތީ އެ ބޯޓު ނެގުމުގެ މަސައްކަތް ނުކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ބޮޑު ހަރަދެއް ކޮށްގެން އެފަދަ ބޯޓުތައް ނަގަން މަސައްކަތްކޮށްފައި ވަނީ ވަރަށް މަދު ގައުމަކުންނެވެ.

"ތެޔޮ އާންމުކޮށް މިހާ އަޑީގައި އޮންނަ ބޯޓަކުން ލީކުވާނީ މަޑުމަޑުން މަޑުމަޑުން. އެހެންވީމަ، މައްޗަށް އަރަންވާއިރަށް ޑިސްއިންޓަގްރޭޓްވާނެ. އެހެން ނަމަވެސް ރާއްޖޭގެ އެތެރެވަރިއަށް އެއްވެސް ވަރަކަށް އަސަރުކުރާ ނަމަ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،"

އޭގެ އިތުރުން، ސަލީމް ވިދާޅުވީ މިފަދަ ހާދިސާތައް ހިނގުމުން ބޭނުންކުރާނެ ސާމާނު ވަރަށް ފަހުން ޖަޕާނު ސަރުކާރުން އެމްއެންޑީއެފަށް ހަދިޔާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހިނގައިގެން އުޅޭ ހާދިސާގައި މިހާރުން މިހާރަށް ހާސްވާންޖެހޭ ފަދަ ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރު މުހައްމަދު ނައީމް ވިދާޅުވީ އެ ހާދިސާ ހިނގި ތަނަށް މިއަދު ހެނދުނު ވެސް އެ ބޭފުޅުން ވަޑައިގެން 45 މިނެޓެއްހާއިރަށް އޮބްޒާވްކުރި އިރު ތެލުގެ އަސަރެއް އެ ސަރަހައްދުން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން، އަދި ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ޑީސަލަކީ ނޮން ޕާސިސްޓެންޓް ތެލެއް ކަމަށް ވާތީ، ފެނުގެ މައްޗަށް އަރައި އިރަށް ގުދުރަތީ ގޮތުން ގެއްލުން ނުވާ ވަރަށް ތެޔޮތައް ވަކިވެގެންދާނެ ކަމަށެވެ.

ބޯޓު އަޑިއަށް ދިޔަ ހާދިސާ އިން ތިމާވެއްޓަށް ވެދާނެ ގެއްލުން ކުޑަކުރަން ކަމާ ގުޅުން ހުރި އިދާރާތާ އެކު މަސައްކަތް ކުރާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އަޑިއަށް ގޮސްފައި ވަނީ 100،000 ލީޓަރުގެ ޑީސަލް ރައްކާ ކުރެވޭ ޖާގައިގެ ބޯޓެކެވެ. މި ބޯޓް 60،000 ލިޓަރު ތެލާ އެކު އަޑިއަށް ދިއުމުން 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވާނެ ކަމަށް ބްރޯ ފިއުލް އިން ބުނެފައިވެ އެވެ.