11 އެޕްރީލް 2021 - 17:21

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި މައްސަލަ ނުޖެހުނު ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މައްސަލަ ނުޖެހުނީސް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދުބާއީގެ އެގްޒެކިއުޓާޒް ކުންފުންޏާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި އަދި އޭގެ ފައިސާ ވެސް ނުލިބޭ މައްސަލާގައި ނަޝީދު މީގެ ކުރިން ވަރަށް ވަނީ ސަރުކާރުން ވައްކަން ކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއީ ފާޅުގައި ސިދާ ރައީސްއާ މައްސަލަ ޖެހުނު ކަމަށް އެ މަނިކުފާނު ވިދާޅުވި ފުރަތަމަ ފަހަރެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ބޭނުން ވަނީ ނަޒާހަތްތެރި ޕާޓީއަކަށް ވާން ކަމަށާއި އެ މެންބަރުން އެދޭ ގޮތަށް އެކަން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ އަދި ރައީސްއާ މައްސަލަ ޖެހެން ދިމާވީ ވެސް ވެންޓިލޭޓަރު ކޮރަޕްޝަނާ ހެދި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެ މީހުން [ރައީސް އާއި ނަޝީދު] ގެ ދޭތެރޭގައި މައްސަލަ މި ހުންނަނީ މިސާލަކަށް ވެންޓިލޭޓަރު މައްސަލާގައި. އަޅުގަނޑުމެން ދެ މީހުން ދޭތެރޭގައި މައްސަލައެއް ނުހުންނާނެ ވެންޓިލޭޓަރު މައްސަލަ ނެތް ނަމަ،" ނަޝީދު ވިދާޅުވި އެވެ.
މި ނާކާމިޔާބީގެ ޒިންމާ މުޅި ޕާޓީން ވެސް އުފުލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅުކޮށް ކާމިޔާބީ ހޯއްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ނާކާމިޔާބުގައި ހިތްވަރު ގަދަ ކުރަން. ވެއްޓުނީމަ އަދި ދުއްވާގަންނާނީ ކުރިޔަށް ވުރެ ބާރަށް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީއަށް އިންތިހާބު ބަލިވީ ޕާޓީ ދެބައިވެފައިވާތީ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފަ އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން 30 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އަނެއް ބައި ލިބޭނެކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ނެތެވެ. މި މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ނިންމައި އޭސީސީން ޕީޖީ އަށް މައްސަލަ ފޮނުވި ނަަމަވެސް ދައުވާކުރަން ހެކި ނެތް ކަމަށް ބުނެ ދެ ފަހަރަށް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އަދި މިހާރު ވަނީ އާ ކަންތައްތަކެއް ފާހަގަކޮށް ތަހުގީގުކުރަން ޕީޖީން އަންގައިފަ އެވެ.