11 އެޕްރީލް 2021 - 16:55

ވަރަށް މަދު ޤައުމަކަށް ފިޔަވައި، ރާއްޖެ އާއި އިސްލާމީ ގައުމުތަކަށް މިއަދަކީ، މި އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން، ދީނީ އާދަކާދައިގެ މަތިން، މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން، މިއަދުގެ އިރު އޮއްސުމާއެކު، އެ ގައުމުތަކުގައި އޮންނާނެ އެވެ.
މި ބިމުގެ ވަށައިގެން ހަނދު ދައުރުކުރާ ބާރުމިނާއި، އެ ދުވަސްވަރެއްގައި ހަނދާއި މި ބިމާ ދެމެދު ހުންނަ ދުރުމިނުގެ ތަފާތުން، ހިޖްރީ މައްސަރުގެ ދިގުމިން އެކި މައްސަރުގައި ތަފާތުވެއެވެ. ކީރިތި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތުގައި، ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. ޢިލްމީ ހޯދުންތަކުން ވެސް ކަށަވަރުވަނީ، ހަނދު މަހެއްގެ އެންމެ ކުރު މުއްދަތަކީ 29 ދުވަސް ކަމެވެ. އަދި އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމެވެ.
މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅަނގު ފަރާތު އުދަރެހުގައި ހަނދު ހުންނަނީ، އެ މައްސަރެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، ހަނދުގެ އުމުރުން 29 ދުވަސް ފުރިހަމަވެފައި، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދިޔަ ބުރު ވެސް ފުރިހަމަވުމުންނެވެ. އެއީ 29 ދުވަހުގެ މައްސަރެކެވެ.
ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، ރާއްޖޭގެ އެންމެ އުތުރަށް މިއަދުގެ އިރު އޮއްސުމުގެ 24 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ވެރިރަށް މާލެއަށް، މިއަދުގެ އިރު އޮއްސުމުގެ 22 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ރާއްޖޭގެ އެންމެ ދެކުނަށް، މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
މިހެންވުމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ހުޅަނގު ފަރާތު އުދަރެހުގައި ހަނދެއް ނުހުންނާނެ އެވެ. މާނައަކީ، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެނުމަކީ މުސްތަޙީލް ކަމެކެވެ. ހަމަލޮލަށް ވިޔަސް ނުވަތަ ދުރުމިއަކަށް ވިޔަސް، ހަނދެއް ނުފެންނާނެ އެވެ.
އެންމެ އިރުމަތީގައިވާ އިސްލާމީ ޤައުމުތަކުގެ ތެރެއިން ބުރޫނާއީ އަށް، މިއަދުގެ އިރު އޮއްސުމުގެ 28 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އައު ހަނދު އުފަންވާނީ ބުރޫނާއީ ގަޑިން މާދަމާގެ ހެނދުނު 10:30ގަ އެވެ. އެހެންކަމުން ބުރޫނާއީއަށް ވެސް މިރޭ ހަނދެއް ނުފެންނާނެ އެވެ.
ރަމަޟާން މަސް ފެށުމުގަޔާއި ޝައްވާލް މަސް ފެށުމުގައި އިސްލާމީ ގިނަ ޤައުމުތައް ތަބާވާ ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ހިސާބަކަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ އެތައް މިނެޓެއް ކުރިން ހަނދު އޮއްސޭނެ އެވެ. މައްކާއަށް މިއަދުގެ އިރު އޮއްސުމުގެ 27 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އައު ހަނދު އުފަންވާނީ، ސަޢޫދީ ގަޑިން މާދަމާގެ ފަތިހު 5:30ގަ އެވެ. މެދުއިރުމައްޗާއި ގަލްފުގެ ހުރިހާ ޤައުމަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 20-32 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެހެންކަމުން އެއިން އެއްވެސް ޤައުމަކަށް، މިރޭ ހަނދެއް ނުފެންނާނެ އެވެ.
ގަލްފަށް ވުރެ އުތުރަށް ޖެހިލާއިރު، ތުރުކީ ވިލާތުގެ އިސްތަންބޯލްއަށް މިއަދުގެ އިރު އޮއްސުމުގެ 37 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އައު ހަނދު އުފަންވާނީ ތުރުކީ ގަޑިން މާދަމާގެ ފަތިހު 5:30ގަ އެވެ. އެހެންކަމުން ތުރުކީ ވިލާތަށް ވެސް މިރޭ ހަނދެއް ނުފެންނާނެ އެވެ.
އެފްރިކާ ބައްރުގެ ދެކުނުން، މޮޒަންބީކްގެ މަޕޫޓޯއަށް މިއަދުގެ އިރު އޮއްސުމުގެ 05 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އައު ހަނދު އުފަންވާނީ، މޮޒަންބީކް ގަޑިން މާދަމާގެ ފަތިހު 4:30ގަ އެވެ. އެންމެ ހުޅަނގުގައިވާ އިސްލާމީ ޤައުމު ކަމަށްވާ ސެނެގޯލްގެ ޑަކާރްއަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ 16 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އައު ހަނދު އުފަންވާނީ، ސެނެގޯލް ގަޑިން މިރޭ ދަންވަރު 2:30ގަ އެވެ.
މި ހިސާބުތަކުން ކަށަވަރުވަނީ، މިއަދުގެ އިރު އޮއްސުމުގެ 5-40 މިނެޓް ކުރިން، ދުނިޔޭގެ ހުރިހާ އިސްލާމީ ޤައުމަކަށް ވެސް ހަނދު އޮއްސޭ ކަމެވެ. އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭ ނަމަ، އެ ދުވަހެއްގެ އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދެއް ނުހުންނާނެ އެވެ. މާނައަކީ، މިއަހަރުގެ ރަމަޟާން މަހަށް މިރޭ ހަނދު ފެނުމުގެ އެއްވެސް ފުރުޞަތެއް، ދުނިޔޭގެ އެއްވެސް އިސްލާމީ ޤައުމަކަށް ނެތެވެ.
އެހެންކަމުން 2021 އެޕްރީލް 12 ވާ ހޯމަ ދުވަހަކީ، 1442 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 30 ވަނަ ދުވަހެވެ. އަދި 1442 ވަނަ އަހަރުގެ މުލަ ރޯދަ ދުވަހަކީ، 2021 އެޕްރީލް 13 ވާ އަންގާރަ ދުވަހެވެ.