ގައްދޫ ކައުންސިލް ރައީސްކަން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ޖަލުގައި ހުރި މީހަކު ހޮވައިފި
ގައްދޫ ކައުންސިލް ރައީސްކަން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ޖަލުގައި ހުރި މީހަކު ހޮވައިފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ކ. މާފުށީ ޖަލު ބަންދުގައި ހުރި މީހަކު ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެއްޖެ އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ގައްދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި އެ ރަށު ވިންސެންޓް، މުހައްމަދު އަހުމަދެވެ.

އޭނާ އަކީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް އޮރިޔާން ކާޑު ދެއްކުމުގެ ތުހުމަތުގައި މީގެ ފަސް މަހެއްހާ ދުވަސް ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ. މި ވަގުތު ވެސް އޭނާ ހުރީ ޖަލުގަ އެވެ. ވާހަކަ ދެކެވޭ ގޮތުގައި އެ ކުއްޖާއާ މުހައްމަދު އުޅުނީ "ރައްޓެހިވެގެން" ނެވެ.

މުހައްމަދު މީގެ ކުރިން ކައުންސިލްގެ ރައީސް ކަމުގައި ހުއްޓާ ވެސް ހަމަ މިފަދަ ތުހުމަތެއް ކުރެވުނު ކަމަށް ގައްދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. މި ފަހަރު ތުހުމަތުގައި ހައްޔަރުކުރި އިރު އޭނާ ހުރީ މިސްކިތެއްގެ އިމާމަކަށެވެ. އެފަހަރު ވެސް ތުހުމަތު އައީ ހަމަ އެއް ކުއްޖަކާ ގުޅުވައިގެންނެވެ.

ކުރިން އޭނާގެ މައްޗަށް ކުރި ތުހުމަތު ސާބިތެއް ނުވި އެވެ.

ކައުންސިލް އިންތިހާބުގެ ކުރިން މި ކެންޑިޑޭޓުގެ މައްސަލަ ސަމާލުކަމަށް އައުމާ އެކު މިދިޔަ މަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މުހައްމަދުގެ މައްސަލަ އެ ކޯލިޝަނުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

މިފަދަ ތުހުމަތެއްގައި ޖަލުގައި ހުރި ނަމަވެސް، ކުށް ސާބިތުނުވާ ނަމަ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.