11 އެޕްރީލް 2021 - 12:42

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މި މެޗުގެ ނަތީޖާއާއެކު، ތާވަލްގެ ތިން ވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސް އަށް ވަނީ 12 މެޗުން 18 މެޗު ލިބިފަ އެވެ. ޓީސީ ސްޕޯޓްސް ތާވަލްގެ ފަސް ވަނައިގައި އޮތީ 12 މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ޓީސީންނެވެ. ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ގްރީނަށް ލިބުނު ކޯނަރަކުން، އެ ޓީމުގެ މިސްރު ޑިފެންޑަރު މަހުމޫދު ސައީދު ބޮލުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފުގައި ގްރީންގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެެވެ. އެކަމަކު އަންކޮ ފޮނުވާލި ބާރު ޝޮޓް ޓީސީގެ އަޒަރުބައިޖާން ގޯލްކީޕަރު މަމަދޯވް އެލްމަދީން ވަނި ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ކުޅެން އެރި ޓީސީގެ ޒުވާން މިޑްފީލްޑަރު ނިޝާމް މުހައްމަދަށް ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން، ޓީސީ މެޗު ނިންމާލީ 10 މީހުންނާއެކު އެވެ.
މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ މި މެޗުގައި ޓީސީން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މެޗުގައި ޓީސީގެ ފަރާތުން މަދުވީ "ހަމައެކަނި ގޯލެއް" ކަމަށެެވެ.
"މި މެޗުގައި ޓީސީގެ ފަރާތުން އަހަރެން ބޭނުންވި ކުޅުން ފެނިއްޖެ. މި މެޗުގައި ޓީސީގެ ފަރާތުން އަހައެކަނި މަދުވީ ގޯލެއް،" ނިޒާމް ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މި މެޗުން ޕޮއިންޓާއެކު ހިތްހަމަޖެހޭ ކަމަށެވެ.
"ކޮންމެ މެޗެއްގައި ވެސް ފައިޓްކުރާނީ ތިން ޕޮއިންޓް ހޯދަން. އެކަމަކު މި މެޗު މި ނިމުނީ ދެ ޓީމު ވެސް ޕޮއިންޓްސް ޝެއާކޮށްލައިގެން،" ނިސްތާރު ބުންޏެެވެ.