11 އެޕްރީލް 2021 - 12:04

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ މޭޔަރުންނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި، މާލެ ފިޔަވައި އެހެން ހުރިހާ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ، އެމްޑީޕީން އުއްމީދުކުރި ގޮތާ ހިލާފަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެއާއެކު، ސިޓީ ކައުންސިލްގެ މެޖޯރިޓީ، ފުރަތަމަ ފަހަރަށް އެމްޑީޕީ އަތުން ވަނީ ގެއްލިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކްއަޒީޒު ވިދާޅުވި ގޮތުގައި މޭޔަރުންނަށް ގުޅުއްވައި، ރައީސް ވަނީ، ލާމަރުކަޒީ ނިޒާމްގެ ތެރެއިން، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގާނޫނަށް ބަދަލު ގެނެސްގެން، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީގެން އިއްޔެ ބޭއްވި އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. މޭޔަރު ކަމަށް އޭނާ ހޮވިވަޑަބޮޑއިގެންނެވި ނަމަވެސް، އައްޑޫގެ އަގުލަބިއްޔަތު ވެސް ވަނީ އެމްޑީޕީ އަށް ގެއްލިފަ އެވެ.
ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ މޭޔަރުގެ މަގާމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީން ކުރިމަތިލެއްވި މުހައްމަދު އާތިފެވެ. ފުވައްމުލަކު ކައުންސިލްގެ މޭޔަރު ކަމަށް ހޮވިވަޑައިގަތީ، އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގެވެ. އެ ކައުންސިލްގެ މެޖޯރިޓީ ވެސް ހޯދީ ސަރުކާރު ނިސްބަތްވާ ޕާޓީންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ، މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވި މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.
ބައެއް ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލުނު ނަމަވެސް، ޖުމްލަކޮށް ބަލާއިރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ސަރުކާރު ކެންޑިޑޭޓުންނެވެ.