މާލެ އިން ވޯޓު ލީ މީހުންގެ އަދަދު އާދަޔާހިލާފަށް މަދު!
މާލެ އިން ވޯޓު ލީ މީހުންގެ އަދަދު އާދަޔާހިލާފަށް މަދު!

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އިން ވޯޓު ލީ މީހުންގެ އަދަދު އާދަޔާހިލާފަށް މަދުވެއްޖެ އެވެ. މާލޭގެ ޖުމްލަ ވޯޓު ކަމަށް ބަލަނީ މޭޔަރު ކަމަށް ވޯޓު ދިން މީހުންގެ އަދަދަށެވެ.

މާލެ އިން ވޯޓު ލީ މީހުންގެ އަދަދު އާދަޔާހިލާފަށް މަދު!
މާލެ އިން ވޯޓު ލީ މީހުންގެ އަދަދު އާދަޔާހިލާފަށް މަދު!

މާލެ ސިޓީ މޭޔަރު ކަމަށް ވޯޓު ލީ، އެ ގޮނޑި އަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ 29 ޕަސެންޓް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހިސާބުތަކުން ދައްކަ އެވެ. މާލޭގެ މޭޔަރަކީ، މި އިންތިހާބުގައި އެންމެ ގިނަ މީހުން ވޯޓު ލާން ހަމަޖެހިފައިވާ ގޮނޑި އެވެ. އެ މަގާމަށް ވޯޓު ލުމުގެ ހައްގު 51،702 މީހުންނަށް ލިބިފައި އޮތް ނަމަވެސް ވޯޓު ލާފައި ވަނީ އެންމެ 15،137 މީހުންނެވެ. މިިއީ މި ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 29.3 ޕަސެންޓެވެ.

އާންމު ގޮތެއްގައި މާލެ އަކީ ގިނަ އަދަދަކަށް މީހުން ވޯޓު ލާން ނުކުންނަ ރަށެކެވެ. އެހެން ނަމަވެސް، ނިމިގެން ދިޔަ އިންތިހާބުގެ ކުރިން ވެސް، ވޯޓު ލާން ނުދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގިނަ ބަޔަކު ހިމެނެ އެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކުރި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް މިހާތަނަށް ކަށަވަރުވެފައި ވަނީ ގާތްގަނޑަކަށް 9،300 ވޯޓެވެ. މިއީ ވޯޓު ލީ މީހުންގެ 61 ޕަސެންޓު ކަމަށް ވީ ނަމަވެސް، އެ ގޮނޑި އަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ 17 ޕަސެންޓެވެ.

މާލެއިން ވޯޓު ލީ މީހުންގެ އަދަދު ދަށް ނަމަވެސް، މުޅި ރާއްޖޭގައި މި އިންތިހާބުގައި 67 ޕަސެންޓް މީހުން ވޯޓު ލާފައި ވެ އެވެ. އެއީ ގާތްގަނޑަކަށް 182،995 މީހުންނެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 273،128 މީހުންނަށެވެ.