12 އެޕްރީލް 2021 - 08:33

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އަދި މުޅިން ވެސް ސަޕޯޓިން ރޯލުތައް ކުޅޭ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކަންނާ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.
އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ރޯލުން އޭނާ ފެންނާނެ މި ސީރީޒަކީ ޒީ5 އިން ގެނެސްދީފައިވާ ޑައިރެކްޓަރު ކެން ގޯޝްގެ "ސްޓޭޓް އޮފް ސީޖް: 26/11" ގެ ދެވަނަ ސީޒަން "ސްޓޭޓް އޮފް ސީޖް: ޓެމްޕަލް އެޓޭކް" އެވެ.
މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއަކާ އެކު އަކްޝޭގެ ފަސްޓްލުކް ވެސް ދައްކާލާފައިވެ އެވެ. އޭގައި އޭނާ އަސްކަރީ ޔުނިފޯމްގައި ހަތިޔާރަކާ އެކު، ދުޝްމަނުންނަށް ހަމަލާދޭން ތައްޔާރުވެގެން އިންނަ ތަނެކެވެ. "ސްޓޭޓް އޮފް ސީޖް: ޓެމްޕަލް އެޓޭކް" ގައި ކިޔައިދޭނީ ޓެރަރިސްޓުންގެ ބަޔަކު އޮކްޓޯބަރު 22، 2014 ގައި ގުޖްރާތުގެ ގަންދީނަގަރްގައި ހުންނަ އަކްޝްދަރުދަމް ފައްޅި އަށް ދިން ހަމަލާއެއްގައި 30 މީހަކު މަރާލައި 80 މީހަކި ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާއިން ރައްދުގައި ދޭ ދިފާއީ ހަމަލާތަކުގެ މައްޗަށެވެ.
މި ސީރީޒްއާ ބެހޭ ގޮތުން އަކްޝޭ ބުނީ އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅެން ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.
"ހުވައަކާ ވެސް ނުލައި އެހާ ޝަރަފުވެރި ބައެއްގެ ޔުނިފޯމް ލާން ލިބުމަކީ ހަގީގަތުގައި ކުޑަކަމެއް ނޫން. މި ޔުނިފޯމް ލެވުމީނަ އެނގެނީ ސިފައިން ގައުމުގެ ދިފާއުގައި ކިހާ ބުރަ ޒިންމާއެއް ނަގާކަން،" މީގެ ކުރިން ވެސް "ބޯޑަރު" އާއި "އެލްއޯސީ: ކަރްގިލް" ފަދަ ހަނގުރާމައިގެ ފިލްމުތައް ކުޅެފައިވާ އެކްޓަރު ބުންޏެވެ.
"ސްޓޭޓް އޮފް ސީޖް: ޓެމްޕަލް އެޓޭކް" ގެ މަސައްކަތް މިހާރު ކުރިއަށް ދިޔަ ނަމަވެސް ބެލުންތެރިންނަށް އެ ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ޒީ5 އިން ބުނީ މި އަހަރުގެ ތެރޭގައި އެ ސްޓްރީމްކުރަން ފަށާނެ ކަމަށެވެ. މީގެ ކާސްޓްގައި ފުރަތަމަ ސީޒަނުގައި ހިމެނޭ ބައެއް ކާސްޓުން ވެސް ހިމެނެ އެވެ.
"ސްޓޭޓް އޮފް ސީޖް: ޓެމްޕަލް އެޓޭކް" ގޯތަމް ރޯޑް، އަބިމަންޔޫ ސިންގް، ޗަންދަން ރޯއި، ސަމީރު ސޯނީ، އަކްޝޭ އޮބެރޯއީ، މަންޖާރީ ފަޑްނިސް އަދި މިހިރު އަހޫޖާ ހިމެނެ އެވެ.
"ސްޓޭޓް އޮފް ސީޖް: 26/11" އަކީ މިދިޔަ އަހަރު ގެނެސްދިން އެއްޗެކެވެ. އެ ބިނާކޮށްފައި އޮތީ ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް 2008 ގައި މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާއަށެވެ. އޭގެ ކާސްޓްގައި އަރުޖަން ބަޖްވާ، ވިވެކް ދަހިޔާ، މުކުލް ދޭވް، ތާރާ އަލީޝާ ބެރީ އަދި އަރުޖިން ބިޖްލާނީ ހިމެނެ އެވެ.
ވެބް ސީރީޒެއްގެ މަސައްކަތް އަކްޝޭ، 46، ކުރަމުން އަންނަ އިރު، ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދި ކަންނާގެ ދަރިފުޅުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަބް ކުޝަލް މަންގަލް" އެވެ.