11 އެޕްރީލް 2021 - 09:43

ބުދަ ދުވަހާ ގުޅޭ
"އެކަމަކު ކޮން ރަށަކަށް ދާނީ؟" އަހަރެން ސުވާލުކުރީމެވެ. "ކޮންމެކޮންމެ ރަށެއް އަހަންނަކަށް ފަސޭހައެއް ނުވާނެއްނު!"
"އަހަރެންގެ ރަށަށް ދޭ!" އަޒީޒު އެދުނެވެ. "ހުރުމާ ކެއުމާ ހުރިހާ ކަމެއް މަ ހަމަޖައްސާނަން. ފޯމުލުމާ ހުރިހާ ކަމެއް މަ ކޮށްދޭނަން. ހަމަ އެކަނި ކައިވެންޏަށް ކަލޭ ވައްޓާލާނީ!"
އަހަރެން ނިންމީ ހިންމަފުށްޓަށް ގޮސް ކައިވެނިކުރާށެވެ. އެ ކަމުގައި އަޒީޒުގެ އެހީތެރިކަން ލިބުނެވެ. ފޯމު ލައިދިނީ ވެސް އަޒީޒެވެ. ރަށުކޯޓުން ވަގުތުން ފޯމުބަލައިގަތެވެ. ހުރިހާ ކަމެއް ދިޔައީ ވަރަށް އޮމާންކޮށެވެ. އަހަންނަށް ނޭނގި އޮތް ކަމަކީ، ދެއަންބަށް ކައިވެނިކޮށްދޭ އުސޫލު އޭރު ބަދަލުވެފައި އޮތް ކަމެވެ. ހިންމަފުށީ ކޯޓަށް ފޯމުލުމާއެކު އޮންނަ އުސޫލުގެ މަތިން ހިންމަފުށީ ކޯޓުން އެ ކައިވެންޏަށް ހުއްދަ ހޯދަން ފެމެލީ ކޯޓަށް ހުށައެޅިއެވެ. އެއީ ދެއަންބަށް މީހަކާ އިންނަ ނަމަ އެ ކަން ކުރަން ފަހުން ހަމަޖެހުނު ގަވައިދެވެ. އެ ހިސާބުން ފެމެލީކޯޓުން ގުޅަން ޖެހެނީ ދޮށީ އަނބިމީހާއަށެވެ. ދޮށީ އަނބިމީހާގެ ބަޔާނެއް ހޯދަން ޖެހެއެވެ.
ފެމެލީ ކޯޓުން ލުބާނާއަށް ގުޅިކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު މެންދުރު އަހަރެން ގެއަށް ވަން ވަގުތު ލުބާނާގެ މޫނު ފެނުމުން އޭގެ މާނަ އަހަންނަށް ވިސްނުނެވެ. އޭނަގެ ރުޅި އޭރު ވެސް ހުރީ ނުވަދިހަ ނުވައެއްގައެވެ.
"ހަމަ މިހާރު އަހަރެން ވަރިކުރޭ!" ލުބާނާގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ. "ފުރަތަމަ ފަހަރު ވެސް ދޮގު. ދެވަނަ ފަހަރު ވެސް ދޮގު. ދެން މި ފަހަރު ކޮން ދޮގެއް ހަދާނީ؟ އަހަންނަށް ސިއްރުން ހިންމަފުށްޓަށް ގޮސް ކައިވެނިކުރަން ކަލޭ ލަދެއް ނުގަނޭތަ؟ ކިހާ ފިނޑިކަމެއް ކުރަން ތި އުޅުނީ؟ ހަމަ މިހާރު، މި ސިކުންތުގަ އަހަރެން ވަރިކުރޭ!"
ދިފާއުގަައި އަހަންނަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތެވެ. ހެދޭނެ ދޮގެއް ވެސް ނެތުނީއެވެ. މާކަނައެއް ބިމަށް ތުންގަނޑު ހަރާލައިގެން އިންނަހެން އަހަރެން ހުރީމެވެ. ލުބާނާ ކިޔާނެ އެެއްޗެއް ކިޔަން ދޫކޮށްލީއެވެ. އެ ވަރުން ވެސް އަހަރެން ނިންމައިގެން ހުރީ ލުބާނާ ވަރިނުކުރާށެވެ. އަހަރެން ހިތަށްއެރިއެވެ. ދީނުގައި ހުއްދަ ކަމަކަށް އަންހެނުން އެހާ ދެކޮޅުހަދަނީ ކީއްވެގެން ހެއްޔެވެ؟
"އަހަރެން ބަޔާނެއް ވެސް ނުދޭނަން. ކޯޓަކަށް ނުވެސް ދާނަން،" ލުބާނާ އެ ކަން ވެސް އަހަންނަށް އަންގައިލިއެވެ. "ދެން ނިކަން ކައިވެނިކޮށްބަލަ! ކަލޭގެ ދުލުން އަހަރެން ކައިރީގަ އެ ވާހަކަ ބުނި ނަމަ ހުއްދަ ވެސް ދިނީމުސް. ކައިވެނި ޕާޓީއަށް ވެސް ދިޔައީމުސް. އަހަރެން ތިހާ ފިނޑިއެއް ނުވާނެ. މިހާރު ދެން އޮތް ހަމައެކަނި ގޮތަކީ އަހަރެން ވަރިކުރުން."
އަހަރެން މީޒާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ލުބާނާ ވަރިކުރަން އަހަރެން ބޭނުން ނުވާ ވާހަކަ ވެސް ބުނީމެވެ. އެ ކަމާ މީޒާގެ އެއްވެސް ޝަކުވާއެއް ނެތެވެ. މައްސަލައަކީ، އަނެއްކާ ވެސް ކައިވެނި ލަސްވިކަމެވެ.
އަހަރެން ވަރިނުކުރުމުން ލުބާނާ ކޯޓަށް ފޯމުލިއެވެ. އޭނަގެ އެކުވެރިންގެ އެހީގައި، ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުވާން އަހަންނަށް ޗިޓު ފޮނުވިއެވެ. އަހަރެން ހިތަށްއެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން ވަރިއެއް ނުކުރާނަމެވެ. ކުދިންނަށް ދެރަ ގޮތެއް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އަޒީޒުގެ ވިސްނުން މުޅިން ތަފާތެވެ.
"އަހަރެން ވެސް ވަރަށް މަސައްކަތް ކުރިން ވަރިނުކުރަން،" އަޒީޒު ކިޔައިދިނެވެ. "ހަމަ ތިހެން ހިތަށްއެރީ. ކުދިންނަށް ނިކަމެތިކަމެއް ލިބިދާނެއޭ! އެކަމަކު ކުދިން ކުރިމަތީގަ ވެސް އަންހެނުން ހެސްކިޔާފަ ޒުވާބުކުރަން ފަށައިފި. ގަޔަށް އަތްލާން ފަށައިފި. ދެން ކުދިންނަށް ލިބެން ފެށި ގެއްލުން ހައްތަހާ ބޮޑުވީ. އެ ހިސާބުން އަހަރެން ހިތަށްއެރީ އަންހެނުން ވަރިކުރާނީއޭ. ވަރިކުރިޔަސް، އަހަރެން ކުދިންނާ ކިތަންމެ ދުރުގަ ހުއްޓަސް ކުދިންނަށް ހަރަދު ދީ، ކުދިންގެ ކަންކަން ބެލެހެއްޓޭނެތާއޭ! އޭރުން ގައިމު ކުދިން ކުރިމަތީގަ އަންހެނުން ޒުވާބެއް ނުކުރާނެއޭ! އެހެންވެ އެންމެ ފަހުން އަންހެނުން ވަރިކުރީ. މިހާރު ކުދިންނާ އޮންނަ ގުޅުން މާ ރަނގަޅު."
އަހަރެން އެ ކަމާ މެދު ފުންކޮށް ވިސްނީމެވެ.
"އެކަމަކު ބުނެފާނަން ވާހަކައެއް. ހަރަދު ދޭނެ ގޮތް ކޯޓުން އަހާނެ،" އަޒީޒު ބުންޏެވެ. "ނަމަނަމަ ކޯޓު މެދުވެރިކޮށް ނޫނީ ހަރަދު ދޭން އެއްބަސްނުވާތި! އަހަރެންގެ މޮޔަކަމުން އަހަރެން ފައިސާ ދިނީ ވަރިކުރިފުޅު އަތަށް. ދެ އަހަރު ވެސް ވީ ފަހުން ވަރިކުރިފުޅު ކޯޓަށް ގޮސް މައްސަލަޖައްސައިފި. ބުނެފި ވަރިކުރި ފަހުން އަހަރެން އެއްވެސް ހަރަދެއް ނުދެޔޭ! މަ ކިޔައިފިން ހަރަދު ކުރީމޭ! ކޯޓުން އެންމެ ފަހުން ބުނެފި ސާބިތުކޮށްދޭށޭ! ކޮން ސާބިތެއް ކުރެވޭނީ؟ އަތުންއަތަށް ނަގުދު ފައިސާ ދިނީ. އެންމެ ފަހުން މައްސަލަ ނިމުނީ އަހަރެން ހަރަދު ނުދޭކަމަށް. ކޯޓުން ހުކުންކުރީ ދެ އަހަރަށް ވާ ފައިސާ އެއްފަހަރާ ކޯޓަށް ދައްކަން. ވިސްނާލަބަލަ! ދެ ކުދިން ތިބީމަ މަހަކަށް ތިން ހާސް ރުފިޔާ. ޖުމުލަ ހަތްދިހަ ދެ ހާސް ރުފިޔާ. ކޮން ތާކުން މަ އެހާ ފައިސާ ނެރޭނީ؟ ވަކި ހިސާބަކުން އަހަރެން އޮތީ ޖަލުގަ."
ރަނގަޅު ގޮތް އަހަންނަށް ވިސްނައިދިނީ އަޒީޒެވެ. ކޯޓަށް ދިޔަ ފުރަތަމަ ފަހަރު އަހަރެން ލުބާނާ ވަރިކުރީމެވެ. ދެން ކޮންމެހެން ސިއްރުން ކައިވެނިކުރާކަށް ވެސް ނުޖެހުނެވެ. މީޒާގެ ކައިވެންޏަށް ވަލީ ދިނީ މީޒާގެ ބޮޑުބޭބެއެކެވެ. އޭނަ އެ ކަން ކުރީ ކުރާ ހިތަކުން ނޫނެވެ. ވަލީދިނުމުގެ އިތުރުން އެއްވެސް ވާހަކައެއް ވެސް އޭނަ ނުދައްކައެވެ. އަހަންނާ އަނގަަޔަކުން ވެސް ނުބުނެއެވެ.
މީޒާޔާ ކައިވެނިކުރި އިރު ވެސް އަހަންނަށް ޖަވާބު ނުލިބޭ ސުވާލެއް އޮތެވެ. އެއީ ކައިވެންޏަށް ފަހުގައި ނޫނީ ނާހަން އަހަރެން ނިންމައިގެން ހުރި ސުވާލެކެވެ.
"އަދި އެބަ އޮތޭ ސުވާލެއް،" ކައިވެނީގެ ފުރަތަމަ ރޭ އަހަރެން ބުނީމެވެ. "ވަރަށް ގިނަ ދުވަސް ވެއްޖެ މި ސުވާލު އަހަން އުޅޭތާ! އަހަރެން ދެކެ މީޒާ ލޯބިވީ ކީއްވެ؟ މީޒާޔާ ބަލާފަ އަހަރެން މީ ކާކު؟"
މީޒާ ހޭން ފެށިއެވެ. އެ ވާހަކަ ކިޔައިދޭން އޭނައަށް ފަސޭހަ ނޫން ކަހަލައެވެ.
"ލައިފްގަ ހުންނާނެ ދޯ އަހަރެންގެ ހުވަފެންތަކެއް ވެސް،" ކުޑަކޮށް ރަކިވެފައި މީޒާ ބުންޏެވެ. "އެ ހުވަފެން ހަގީގަތަކަށް ހެދެން އަންނަނީ ނާހިދާ މެރީކޮށްގެން. ކިޔަވައިދޭ އިރު ނާހިދު ދައްކާ ވާހަކަ ހުރިހާ ވެސް އެއްޗަކީ. ނާހިދު ބުނަމެއްނު އެ މީހަކު ވާހަކަދައްކާ ބަހަކުންނޭ އެ މީހެއްގެ ހިތަށް އަސަރުކުރާނީ. ދަންނަ ބަހަކުން ދައްކާ ވާހަކަ ވަންނާނީ ބޮލަށޭ. މާދަރީބަހުން ބުނާ އެތި ވަންނާނީ ހިތަށޭ! މިއަދުގެ އަރަބި ގައުމުތަކުގަ އެ ތިބަ މީހުން ވާހަކަދައްކަނީ ޤުރުއާނުގަ މި ހުންނަ އަރަބި ބަހަކުން ނޫނޭ! އެހެންވީމަ އެ މީހުންނަކަށް ޤުރުއާނަކުން އަސަރެއް ނުކުރެޔޭ! ޤުރުއާނުން އަސަރުކުރާނީ، ޤުރުއާނިކު އަރަބިން ވާހަކަދައްކާ މުޖުތަމައެއް އުފެދިގެންނޭ!"
އަހަރެން އަޑުއަހަން ހުރީމެވެ. ޝައުގުވެރިކަމާ އެކުގައެވެ. މީޒާ ކިޔައިދިނެވެ.
"އެކަމަކު ރާއްޖޭގަ އަރަބި ކިޔަވާފަ ތިބޭ ގިނަ މީހުންނަކަށް އަރަބި ބަހަކުން އަސަރެއް ނުކުރެޔޭ ބުނީމެއްނު!" މީޒާ ބުންޏެވެ. "އެއީ ފޮތުބަހެއްގެ ގޮތުގަ ޤުރުއާނިކު އަރަބި ކިޔަވާތީއޭ! އެ ބަހުން ވާހަކަނުދައްކާތީއޭ! އެ މީހުން ފޮތް ބެލީމަ މާނަ އެނގެޔޭ ވާހަކަނުދައްކާތީއޭ މި މައްސަލަ ޖެހެނީ. މިސާލަކަށް ނަމާދުގަ ކިޔާ އެއްޗެހި ވެސް ބަރާބަރަށް ވިސްނޭނީ ވާހަކަދައްކާ ބަހުރުވަޔަކަށް އަރަބި ވީމައޭ! އޭރުން ދިވެހިން ވާހަކަދައްކާ އިރު ވާހެން، ޖުމުލަ ނުނިމެނީސް ވެސް ދާނީ އެނގެމުންނޭ! އެހެން ނޫނީ މި ވާ ގޮތަކީ ޖުމުލައެއް ނިމުނީމަ މާނަޔާ ދޭތެރޭ ވިސްނީމައޭ މާނަ އެނގޭނީ. އަލްހަމްދުގެ މާނަ އެނގޭ މީހާއަށް ވެސް އާޔަތެއް ނިމުނީމައޭ މާނަ އެނގޭނީ."
އެއީ ތެދެކެވެ. އަހަރެން އެހެން ބުނީމެވެ. އެކަމަކު އެހާ ވަރަށް މީޒާ ސަމާލުކަން ދިން ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.
"ދެން އަހަރެން އެހީމެއްނު މި ޒަމާނުގަ އެ ކަން ކުރާނީ ކިހިނެއްހޭ؟" މީޒާ އިތުރަށް ބުންޏެވެ. "ނާހިދު ބުނީމެއްނު މިއަދު ވެސް އެ ކަން ކުރެވިދާނޭ! އެއީ ކުއްޖާ ތުއްތު އިރުއް ސުރެ ކުއްޖާޔާ، ޤުރުއާނިކު އަރަބިން ވާހަކަދެއްކުމޭ! އޭރުން ކުއްޖާ ބޮޑުވާ އިރު އޭނަ ވާހަކަދައްކާނީ ޤުރުއާނިކު އަރަބިންނޭ! ބޮޑުވަމުން ދާއިރު އޭނައަށް ދިވެހި ބަސް ވެސް ދަސްވާނޭ! އިނގެރޭސި ވެސް މުހިންމު ވާނޭ! ތިން ބަސް އެނގުނީމަ ހުންނާނީ ބަރާބަރަށޭ! މައްކާގައި ކުރިން އުޅުނު މީހުން ގޮތަށް، ޤުރުއާން އިވުނީމަ އޭގެ އަސަރުކުރާ ކުއްޖަކަށް ކުއްޖާ ހެދޭނީ އެހެނޭ! އެ ވާހަކަަތައް އިވުނީމަ އަހަރެން ހިތަށްއެރީ އަހަރެންގެ ދަރިން ވާންޖެހޭނީ އެ ކަހަލަ ކުދިންނަށޭ. އެ ކަން ކުރެވޭނީ ނާހިދު ކަހަލަ މީހަކާ އިނދެގެންނޭ!"
މީޒާއަކީ އަހަރެން ހީކުރި ވަރަށް ވުރެ މާ ބުއްދިވެރި ކުއްޖެކެވެ. ހަރުދަނާ ކުއްޖެކެވެ. އޭނަ ވިސްނީ ވަރަށް ދުރަށެވެ. އެ ފަދަ ކުއްޖަކު ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟
މިއަދު އަހަރެންނަކީ މީޒާގެ ފިރިމީހާއެވެ. ދޮށީ ބަނޑުގެ ކުދިންނާއި އަހަންނާ ދެމެދުގައި އޮންނަ ގުޅުން ވެސް ރަނގަޅެވެ. މިހާރު ލުބާނާއަކީ ލުބާނާ ލޯބިވި ފަހުދުގެ އަނބިމީހާއެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވި މީހާ ލިބުނީއެވެ. އަހަންނަށް ވިސްނުނު ގޮތުގައި، ކައިވެނިކޮށް ދަރިން ލިބުނަސް އެއީ ތިމާ ދެކެ އެންމެ ލޯބިވާ މީހާ ކަމުގައި ނުވެދާނެއެވެ. ކައިވެންޏަށް ފަހުގައި ވެސް އެންމެ ލޯބިވާ މީހާޔާ ދިމާވެދާނެއެވެ. ލުބާނާއަށް ނާންގައި މީޒާއާ ކައިވެނި ކުރަން އުޅެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަން އަހަރެން ވެސް ގަބޫލު ކުރަމެވެ. ދަރިވަރާއި މުދައްރިސާ ދެމެދުގައި އޮންނަން ޖެހޭނީ ސާބިތު ގުޅުމެކެވެ. ދެ މީހުން ދެމެދުގައި ރަތް ރޮނގެއް އޮންނަން ޖެހޭނެއެވެ. އެއްވެސް ހާލެއްގައި އެ ރޮނގު ހުރަސްކޮށްގެން ނުވާނެއެވެ. އަހަންނަށް ކުރެވުނީ ކުށެކެވެ. އެ ކަމާ އެއްބަސްވެދާނަމެވެ. އެހެނަސް އެއީ ފާފައެއް ނޫނެވެ.
ނިމުނީ