އެމްޑީޕީ އަށް ނާކާމިޔާބުވީ އެތެރޭގެ ބައިބައިވުމާ ހެދި: ފައްޔާޒު
އެމްޑީޕީ އަށް ނާކާމިޔާބުވީ އެތެރޭގެ ބައިބައިވުމާ ހެދި: ފައްޔާޒު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން ވެރިކަން، ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެ ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ބާރު ދައްކަމުން އައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އިދިކޮޅުން މި އިންތިހާބުގައި ނަގައި މާލޭގައި އެމްޑީޕީގެ "ސައިޒު" ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ދައްކާލައިފަ އެވެ. މާލޭގެ މޭޔަރުކަން އެމްޑީޕީ އަށް މި އިންތިހާބުގައި ގެއްލި، ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން މިހާތަނަށް 12 ގޮނޑިއެއް ފަސޭހަކަމާއެކު ނެގީ ޕީޕީއެމުންނެވެ. މިއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، އިދިކޮޅުން މޭޔަރަކަށް ނުކުންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް އެންޓި ކެމްޕެއިން ގަދައަށް ޖެއްސި އެމްޑީޕީ ލަދުގަންނަންޖެހޭ ނަތީޖާ އެކެވެ.

މާލެ ނޫނަސް އައްޑު އާއި މުހިންމު ބައެއް އެހެން ސަރަހައްދުތަކުގައި ވެސް ކުރިން އެމްޑީޕީ ކައުންސިލްތަކުގައި އޮތް ބާރުވެރިކަން ހަނިވެ، ސުޕަ މެޖޯރިޓީ ވެސް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ "ހާއްޔެއް" ކަމަށް ބަލާ އައްޑޫ ސިޓީ ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަބަދުވެސް އެމްޑީޕީ އަށް "މަރުދޭ" އިހަވަންދޫ ކައުންސިލްގެ ހަތް ގޮނޑި ވެސް ނެގީ އިދިކޮޅު ޕީޕީއެމެވެ.

މި ސަރުކާރުގައި އެންމެ "ނުފޫޒު ގަދަ" މިނިސްޓަރު ފައްޔާޒު، އެމްޑީޕީގެ މި ނާކާމިޔާބީ އަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. މާލެ އިން ބޮޑުތަނުން ނާކާމިޔާބު ލިބުނީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުންތަކުގެ ސަބަބުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބުން ދަސްވި ފިލާވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މެދުތެރެއިން މި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ތާއީދު ވަރަށް ބޮޑަށް ގެއްލެމުންދާކަން ރައްޔިތުންގެ ވޯޓުން ދެއްކިއިރު، އެ ޕާޓީގެ އެތެރޭގައި އޮތީ ބައިބައިވުމާއި ކޯޅުމެވެ. ސަރުކާރުގެ ބައެއް ކަންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ފާޑުވިދާޅުވުމާއި، ބައެއް ވަޒީރުން މަގާމުން ވަކިކުރުމަށް ސީދާ ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތްޕުޅު ކުރައްވާފައި ވެ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ނަޝީދުގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވާ އެއް ވަޒީރެވެ. އެކަމަކު، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް އިތުބާރު ކުރައްވާ އެއް ވަޒީރު ވެސް މެ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ބޮޑުވެ، ދޭތެރެދޭތެރެއިން އެ ޕާޓީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަ އެވެ.

އެމްޑީޕީ އަށް ލޯކަލް އިންތިހާބުގައި މުހިންމު ބައެއް ގޮނޑިތައް ގެއްލުނުއިރު، މި އިންތިހާބުގައި މިދިޔަ 2-3 ހަފުތާގައި ތަރައްގީގެ އެތައް މަޝްރޫއެއް އިއުލާންކޮށް، ބޮޑެތި ވައުދުތަކެއް ސަރުކާރުން ވި އެވެ. އެއީ ލޯކަލް އިންތިހާބުގެ ކެމްޕެއިނަށް އިއުލާންކުރި މަޝްރޫއުތަކެއް ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރާއި އެމްޑީޕީ އަށް އަމާޒުވި އެވެ.