16 ނޮވެމްބަރ 2016 - 05:49

"ޖެކީ" އޭ ބުނުމުން މި ފިލްމަކީ އަސްލު ކިހާ ވަރެއްގެ، ކޮން ކަހަލަ ފިލްމެއްކަން ނޭނގި ދާނެ އެވެ. އެކަމަކު ފިލްމަކީ ބައޮގްރަފިކަލް ޑްރާމާއެކޭ ބުނެފި ނަމަ ޝައުވެރިކަން ބޮޑު ވެދާނެ އެވެ.

އެއަށް ވުރެ ބޮޑަށް "ޖެކީ" ޝައުގުވެރި ވަނީ މި ފިލްމުގެ ވާހަކައަކީ އެމެރިކާގެ 35 ވަނަ ރައީސް ޖޯން އެފް ކެނެޑީ ނޮވެމްބަރު 22، 1963 ގައި އަވަހާރަކޮށްލުމާ ގުޅިގެން، އޭނާގެ ހުވަފަތް އަނބިކަނބަލުން ޖެކޮލިން ކެނެޑީ (ޖެކީ) ގެ އަސަރު ގަދަ ސޮފުހާތައް ދައްކުވައިދޭ ފިލްމަކަށްވާތީ އެވެ.
ފިލްމުގައި ޓައިޓްލް ރޯލް ކުޅެފައި ވަނީ މަޝްހޫރު ބަތަލާ ނަޓަލީ ޕޯޓްމަން އެވެ. "ޖެކީ" ވަނީ މި އަހަރު ބޭއްވި ވެނިސް ފިލްމް ފެސްޓިވަލާއި ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގެ އިތުރުން ނިއުޔޯކް ފިލްމް ފެސްޓިވަލްގައި ވެސް ދައްކާލައި، ކްރިޓިކުންގެ ތައުރީފު ހޯދައިފަ އެވެ.
ޕަބްލޯ ލެރައިން ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ނަޓަލީ ދައްކައިފައިވާ އެކްޓިންއަކީ މިހާތަނަށް އޭނާގެ ފަރާތުން ފެނުނު އެންމެ މޮޅު އެކްޓިން ކަމަށް ވެސް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.
އެހެންވެ ޖެކީގެ ރޯލް އޭނާ ކުޅެފައި ވަނީ ވަރަށް ފުރިހަމަ އަށް ކަމަށާއި މިއީ ނުބަލައި ދުކޮށްލާ ވަރުގެ ފިލްމެއް ނޫން ކަމަށް ކްރިޓިކުން އެއްބަސްވެފައިވެ އެވެ.
"ޖެކީ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ނޯއާ އޮޕެއިންހެއިމެވެ. ވެނިސް ފިލްމް ފެސްޓިވަލްގައި އޭނާ ވަނީ އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ވެސް ހޯދައިފަ އެވެ.
މަޝްހޫރު ބަތަލާ ޖެނިފާ ލޯރެންސްގެ ލޯބިވެރިޔާ ޑެރެން އެރޮނޮފްސްކީ ޕްރޮޑޮއުސްކޮށްފައިވާ "ޖެކީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ ދޭއްގަ އެވެ.
މި ފިލްމުގެ އިތުރު ކާސްޓުންނަށް ބަލާ އިރު ކެނެޑީގެ ރޯލް ކުޅެފައި ވަނީ ޕީޓާ ސާސްގާޓެވެ.
އިތުރު ކާސްޓުންގެ ތެރޭގައި ޖޯން ހާޓް، ގްރެޓާ ގާވިގް، މެކްސް ކެސެލާ އަދި ބެތު ގްރާންޓް ހިމެނެ އެވެ.