11 އެޕްރީލް 2021 - 01:44

މާލޭގެ މޭޔަރުކަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބި، މިހާތަނަށް އާރާއިބާރު ދަމަހައްޓަމުން އައި މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ވެސް ޕީޕީއެމްގެ ކޮޅަށް އަނބުރާލައިފި އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން މިހާތަނަށް 12 ގޮނޑި ނެގީ ޕީޕީއެމް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެ ނަތީޖާއާ އެކު، އެ ދާއިރާތަކުގެ ކެންޑިޑޭޓުން ވަނީ ޕީޕީއެމްގެ އޮފީހުގައި މިރޭ އުފާފާޅުކޮށްފަ އެވެ.
މޭޔަރުކަމުގެ އިތުރުން، ޕީޕީއެމަށް ދެން މާލެ އިން ލިބުނީ ހުޅުމާލެ (އިބްރާހިމް ޝުޖާއު) އާއި މާފަންނު މެދު (އަހުމަދު ނަރީޝް) އާއި މާފަންނު ހުޅަނގު (އިބްރާހިމް އަބޫބަކުރު) އާއި މާފަންނު ދެކުނު (އަބްދުﷲ ނާސިރު) އާއި މައްޗަންގޮޅި ދެކުނު (އައިޝަތު ނާޒިމާ) އާއި މައްޗަންގޮޅި އުތުރު (ސައީދާ ރަޝާދު) އާއި ހެންވޭރު ދެކުނު (ފާތިމަތު ޝަމްނާޒް އަލީ ސަލީމް) އާއި ހެންވޭރު ހުޅަނގު (އަހުމަދު އައިފާން) އާއި މެދު ހެންވޭރު (އާދަމް ރަމީޒު) އާއި ގަލޮޅު ދެކުނު (އިބްރާހިމް މުހައްމަދު) އަދި ވިލިމާލެ (ނަހުލާ އަލީ) އެވެ.
މި 12 ގޮނޑީގެ އިތުރުން އެހެން ދެ ދާއިރާއެއްގެ ނަތީޖާ ވެސް ޕީޕީއެމްގެ ކޮޅަށް ފަހުން އެނބުރިދާނެ ކަމަށް އެ ޕާޓީން ލަފާކުރެ އެވެ.
މިހާތަނަށް މާލެ އިން އެމްޑީޕީ އަށް އިންތިހާބުތަކުން ބޮޑު ކާމިޔާބީއެއް ހޯދުނަސް މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އެ ޕާޓީ އަށް މިއީ އާދައިގެ ބައްޔެއް ނޫނެވެ. ފަހު ވަގުތު ފެށި މަޝްރޫއުތަކާއި އިއުލާންކުރި ބައެއް ޕްރޮޖެކްޓްތަކާއި ހިޔާ ފްލެޓުގެ ގުރުލުން ފަދަ ކަންކަން ކުއްލި ގޮތަކަށް ބާއްވައިގެން ވެސް މިހާ ބޮޑު ނާކާމިޔާބީއެއް އެމްޑީޕީ އަށް މާލެ އިން ލިބުމުން އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ އަމާޒުވެފަ އެވެ.
މާލޭގެ އިތުރުން، އެމްޑީޕީގެ ތާއީދު އެންމެ ބޮޑު އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ މިހާތަނަށް ދަމަހައްޓަމުން އައި ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލިފަ އެވެ.