ކަނޑަށް ތެޔޮ އެޅުމުން ބަދަލަށް 17 މިލިއަން ޑޮލަރު
ކަނޑަށް ތެޔޮ އެޅުމުން ބަދަލަށް 17 މިލިއަން ޑޮލަރު

ކޮލަމްބޯ (އެޕްރީލް 11) - ސްރީ ލަންކާގެ އިރުމަތިން 270،000 ޓަނުގެ ތެޔޮ ހިފައިގެން ދަތުރުކުރަނިކޮށް ރޯވި ޓޭންކަރުން ކަނޑަށް ތެޔޮ އެޅުމުން އެ ބޯޓުގެ ގްރީކުގެ ވެރިފަރާތުގެ އަތުން 17.38 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ލަންކާ ސަރުކާރުން ދައުވާކޮށްފި އެވެ.

ނިއު ޑައިމަންޓް ބޯޓުގައި މިދިޔަ ސެޕްޓެމްބަރު މަހު އަލިފާން ރޯވީ ކުވޭތުން އިންޑިއާ އަށް ކްރޫޑް ތެޔޮ ހިފައިގެން ދަތުރުކުރަނިކޮށެވެ. އަލިފާން ރޯވި އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ ލަންކާގެ އިރުމަތިންނެވެ. އެ ބޯޓުން ބޭރުވި ތެޔޮ ވަނީ 40 ކިލޯމީޓަރު (25 މޭލު) ގެ ސަރަހައްދަކަށް ފެތުރިފަ އެވެ. އޮފިޝަލުން ލަފާކުރަނީ 400-480 ޓަނުގެ ތެޔޮ ކަނޑަށް ބޭރުވެފައިވާނެ ކަމަށެވެ.

ތެޔޮ ބޯޓުގެ ކެޕްޓަން މިިދިޔަ އޮކްޓޯބަރު މަހު ވަނީ 65،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެއީ ކަނޑަށް ތެޔޮ ލީކުވާއި ލީކުވި ތެލުން ތިމާވެއްޓަށް ލިބުނު ގެއްލުން ރިޕޯޓް ނުކުރުމުންނެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ކްރީކުގެ ޕޯޓޯ އެމްޕޮރިއޯސް ޝިޕިން ކުންފުނިން ބަދަލު ހޯދުމަށެވެ.

"އެޓާނީ ޖެނެރަލް މިހާރު ވަނީ އެމްޓީ ނިއު ޑައިމަންޑުން ކަނޑަށް އެޅުނު ތެލުން ތިމާވެއްޓަށް ލިބުނު ގެއްލުމަށް 3،423 މިލިއަން ރުޕީސް (17.38 މިލިއަން ޑޮލަރު) ގެ ބަދަލެއް ހޯދުމަށް ބޯޓުގެ ވެރި ފަރާތުގެ ވަކީލުންނަށް ހުށަހަޅާފައި،" ލަންކާގެ ސްޓޭޓް ޕްރޮސެކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 330 މީޓަރު (1،000 ފޫޓު) ދިގު ނިއު ޑައިމަންޑްގައި ރޯވި އަލިފާން ނިއްވާލުމުގައި ލަންކާ އާއި އިންޑިއާގެ ކޯސްޓްގާޑުން އެހީތެރިވެދީފައިވެ އެވެ. އަލިފާން ނިއްވާލުމަށް ލަންކާ އިން ކުރި މަސައްކަތަށް ޕޯޓޯ އެމްޕޯރިއޮސް އިން ވަނީ ލަންކާ އަށް 2.38 މިލިއަން ޑޮލަރު ދީފަ އެވެ.

ޓޭންކަރުގައި އަލިފާން ރޯވީ އިންޖީން ރޫމުގައި އެއްޗެއް ގޮވުމަށް ފަހު އެވެ. އެ ހާދިސާގައި ވަނީ ޓޭންކަރުގެ ފިލިޕީންސް ފަޅުވެރިއަކު މަރުވެފަ އެވެ. ޓޭންކަރުގައި ދެން ތިބި 22 ފަޅުވެރިން ވަނީ އެހެން އުޅަނދަކަށް ނަގައިފަ އެވެ.