16 ނޮވެމްބަރ 2016 - 05:43

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
އަހަރެން ޝައުކަތަށް ގުޅީމެވެ. ވަރަށް އަވަހަށް އޭނަ އައެވެ. އޭރު ވެސް އެ ވަންނަ އެއްޗެއް ވަދެވަދެފައި ނުކުންނަކަން އަހަންނަށް ފާހަގަވިއެވެ. އެ އިހުސާސް ބުނެދޭން ފަސޭހައެއް ނޫނެވެ. ހީވާނީ ވައިގަނޑެއް އަރައިފައި ހުންނަހެންނެވެ. ދެ ފަހަރަކު އެއް ދިމާއެއްގައި އެ ވައިގަނޑު ހަރުލައެއް ނުހުންނާނެއެވެ. ވައިލެވެން އުޅޭހެން ހީވާނެއެވެ. އެކަމަކު ނުލެވޭނެއެވެ. އިނގިލީގެ ވަކި ތަންކޮޅަކަށް ކަށްޓެއް ހެރޭހެން ހީވެދާނެއެވެ. ކަރުތެރޭގެ އަތް ނުލެވޭ ހިސާބެއް ކަހައިގެންފާނެއެވެ. ފައިތިލައިގެ މެދާއި، ބުރިކަށީގެ ކޮންމެވެސް ތަންކޮޅެއް ކަހައިގެންފާނެއެވެ. މުޅި ބުރިކަށި ކެހިޔަސް އެ ތަންކޮޅު ކެހޭހެނެއް ހިއެއްނުވާނެއެވެ. މޭއަންދާހެން ވެސް ބައެއް ފަހަރު ހީވާނެއެވެ. ޝައުކަތު އައިސް ކިޔަވަން ފެށިއެވެ. އެއީ، ޖިންނި ހާޒިރުކުރަން އެންމެ އުނދަގޫވި ފަހަރެވެ. އެހެންނަމަވެސް، އެންމެ ފަހުން ޖިންނިއަށް މަޖުބޫރުވީ ޝައުކަތުގެ ސުވާލުތަކަށް ޖަވާބު ދޭށެވެ.
"ކޮން ކަމެއް ޖެހިގެން ތި އުޅެނީ؟" ޝައުކަތު އެހިއެވެ. "ކީއްކުރަން އިރުއިރުކޮޅާ ތި ވަންނަނީ؟ ކީއްކުރަން ތި އުޅެނީ؟ ކަލޭ ތީ ކާކު؟"
އެއްޗެއް ބުނަން އުޅުނުހެން ހީވެފައި ވެސް ނުބުނެ އިރުކޮޅެއް ދިޔައެވެ. ކުރިން ދޭންއުޅުނު ޖަވާބު ބަދަލުކުރި ކަހަލައެވެ. އަހަންނަކަށް އެ ޖިންނީގެ މޫނެއް އޭރަކު ނުފެނެއެވެ.
"ޒުހުރީ!" އޭނަ ބުންޏެވެ. "މަށަށް ކިޔަނީ ޒުހުރީ."
ޒުހުރީއަކީ މުއުމިން ޖިންނިއެކެވެ. އަހަރުމެން ދަންނަ އެކުވެރިއެކެވެ. އޭނައާ ދޭތެރޭ އަހަރުމެންގެ ހިތަކު ބިރެއް ނެތެވެ. އެކަމަކު، ސިއްރުސިއްރުން އޭނަ އުޅެނީ ކީއްވެގެން ހެއްޔެވެ؟ ކާކުތޯ އަހަންދެން ނަން ނުބުނީ ކީއްވެގެން ހެއްޔެވެ؟ ޝައުކަތާއި އަހަންނަށް ވެސް ޝައްކުވިއެވެ. ޒުހުރީއަކީ އެހެން އުޅޭ ޖިންނިއެއް ނޫނެވެ.
"ތީ ޒުހުރީއެއް ނޫން!" ޝައުކަތު ޔަގީންކަމާ އެކުގައި ބުންޏެވެ. "ކާކުތީ؟ ބުނޭ؟"
"އާނ މީ ޒުހުރީއެއް ނޫން!" އޭނަ ހީނގެންފައި ބުންޏެވެ.
އަހަރެންގެ ހަށިގަނޑުގެ ކޮންޓުރޯލު ހޯދަން އެ ޖިންނި މަސައްކަތް ކުރިއެވެ. އެ ކަމެއް ނުވިއެވެ. ޝައުކަތު ކިޔަވަން ފެށުމުން ޒުހުރީ ގޮސް އަހަރެންގެ ގައިތެރޭގައި ފިލިއެވެ. ފެންއަޅައި ނިމުމުން އަހަރެންގެ ހަށިގަނޑުގެ ތެރެއަށް އެ ޖިންނިއަށް ވަދެވުނީ ކިހިނެއް ހެއްޔެވެ؟ ތަކުރާރުކޮށް އުފެދުނު ސުވާލަކީ އެއީއެވެ.
"ކިހިނެއް ކަލޭ ވަނީ؟" ޝައުކަތު ސުވާލުކުރިއެވެ.
އެއްވެސް ޖަވާބެއް ޖިންނި ނުދިނެވެ. ނުވެސް ނުކުތެވެ.
"ކީއްކުރަން ވަދެގެން ތި އުޅެނީ؟" ޝައުކަތު އެހިއެވެ.
"ސިހުރުލާންވެގެން،" ޖިންނި އެ ފަހަރު ޖަވާބު ދިނެވެ. "އެކަމަކު ގަޔަކު ހަރެއްނުލާ! ބާތިލުވެގެން ވެއްޓެނީ."
ޖިންނި ކިތަންމެ މާޔޫސް ވިޔަސް އަހަރެން ވަރަށް އުފާވިއެވެ. ޝައުކަތު ހިތްހަމައެއްނުޖެހުނެވެ.
"އެކަމަކު ކަލެއަށް ވަދެވިގެން ނުވާނެއްނު!" ޝައުކަތު ބުންޏެވެ.
"އަހަރެން ބޭނުން މީހެއްގެ ގައިތެރެއަށް އަހަންނަށް ވަދެވޭނެ،" އޭނަ ޖަވާބުދިނެވެ. "އެ ކަހަލަ ޖިންނިއެއް އަހަންނަކީ."
"ކަލޭ ތިހިރީ މުރުތައްދުވެފަ!" ޝައުކަތު ޔަގީންކަމާ އެކުގައި ބުންޏެވެ.
"އާނ! ކަލޭ ހާދަ މޮޅޭ!" ހީނގެންފައި އޭނަ ބުންޏެވެ. "ކަލޭ ވެސް މުރުތައްދުވާންވީނު. އޭރުން ކަލެއަށް ބޭނުންކަމެއް ކުރެވޭނެ. މަ ވެދާނަން ކަލޭގެ އަޅަކަށް."
"ތީ ސިހުރުވެރިއެއްނު!" ޝައުކަތު ބުންޏެވެ. "ކޮބާ ތަފާތެއް؟"
"މަ އެއްވެސް އުޖޫރައަކާ ނުލާ ކަލެއަށް ސިހުރުހަދައިދޭނަން." އޭނަ ވަރަށް ޖޯޝާ އެކުގައި ބުންޏެވެ.
މުރުތައްދުވުމުން ރުޤްޔާއިން ކުރަންވާ އަސަރު ކުރާލެއް ތަންކޮޅެއް ލަހެވެ. އެ ކަމާ އަހަރުމެން ކަންބޮޑުވިއެވެ. އަނެއްކޮޅުން، އަހަރެންގެ ހަށިގަނޑުގެ އެތެރޭގައި ހުރެގެން އަހަންނަށް ސިހުރު ޖެއްސޭތޯ އޭނަ މަސައްކަތް ފެށިއެވެ. މުރުތައްދުންގެ އަދަބަކީ މަރާލުމެވެ. އެ ކަން ނުކުރެވިގެން އުޅެނިކޮށް އޭނަ ރައްކާވިއެވެ. އަނެއްކާ އައެވެ. އެ ފަހަރު އައީ އޭނަގެ އެހީތެރިއެއް ގޮވައިގެންނެވެ. ބަލާބެލުމަށް އެ ޖިންނި ވަރަށް ހަގުހެން އަހަންނަށް ހީވިއެވެ. އެ ޖިންނި އަހަރެންގެ ހަށިގަނޑު ތެރެއަށް ވެއްދިއެވެ. ވަނުމުގެ ކުރިން އެ ޖިންނި ބިސްމި ކިއެވެ. އެކަމަކު އެއީ ކާފިރުޖިންނިއެކެވެ. އަހަރުމެންނަށް ލަފާކުރެވުނު ގޮތުގައި ބިސްމި ކިޔުމުން ވަދެވޭނެކަން އޭނައަށް އެނގުނީއެވެ. ވަދެފައި އޭނަ ބޭނުންވީ އަހަންނަށް ގެއްލުމެއް ދޭކަށް ނޫނެވެ.
"މަގޭ އުމުރަކީ ބާރަ އަހަރު،" ޝައުކަތު ސުވާލު ނުކުރަނީސް އޭނަ ބުންޏެވެ. "އަހަރެން މި އައީ އިސްލާމް ވާންވެގެން."
އިންސާނުންގެ ތެރޭގައި އޮންނަ އޮޅުވައިލުމާއި، އަމިއްލައެދުމާއި، ކެހިދިނުން ޖިންނީންގެ ތެރޭގައި ވެސް އޮވެއެވެ. އެ ކުޑަ ޖިންނިއަކީ އޭގެ ފުރިހަމަ މިސާލެކެވެ. ފުރަތަމައިނުން ވެސް ފާޅުކުރީ އޭނަގެ އަމިއްލަ އެދުމެވެ. ޝައުކަތު އެ ކަން ކޮށްދިނެވެ. އެ ޖިންނި ވަގުތުން އިސްލާމްވިއެވެ. ހަމަ އިސްލާމްވި ތަނާ އެހެން ޖިންނިއެއް އައެވެ. އެ ދުވަހަކީ ވަރުގަދަ ދުވަހެކެވެ. އައި ގޮތަށް އައިސް، އިސްލާމްވި ޖިންނި ޤަތުލުކޮށްލިއެވެ. މުރުތައްދުވި ޖިންނި އާއި އަހަރެންގެ ލޯކުރިމަތީގައެވެ. އޭނަ އުޅުނީ އެ ކަން ކޮށްފައި ރައްކާވާށެވެ. ޝައުކަތު އެ ފުރުޞަތެއް ނުދިނެވެ. އެ ހިސާބުން ހަމަނުޖެހުން އުފެދުނެވެ. ކާމިޔާބުވީ ޝައުކަތަށެވެ.
"ކަލޭ ކީއްވެ މުއުމިނަކު ތި މަރާލީ؟" ޝައުކަތު ރުޅިއައިސްފައި ސުވާލުކުރިއެވެ. "ވަރަށް ބޮޑު ކުށެއް ތި ކުރީ."
"މަ ބޭނުން މީހަކު މަރާނަން،" ޝައުކަތަށް ވުރެ ރުޅިއައިސްފައި އޭނަ ބުންޏެވެ. "އިބިލީސް މަ ފޮނުވީ އޭނަ މަރާލަން. އިބިލީހުގެ އަމުރަކަށް، ޖިންނިއަކަސް އިންސިއަކަސް ދެކޮޅެއް ނުހެދޭނެ."
އިބިލީހުގެ ބާރު ހިނގާނެ ކަންކަމާއި ނުހިނގާނެ ކަންކަން ޝައުކަތު ކިޔައިދިނެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައެވެ.
"އިބިލީސް ބުންޏަސް، މުއުމިނަކު މަރާފަ ކަލެއަކަށް ސަލާމަތެއް ނުވެވޭނެ،" ޝައުކަތު ދިނީ އެންމެ ފުރުޞަތެކެވެ. "އެންމެ ގޮތެއް އޮތީ. އިސްލާމްދީން ގަބޫލުކުރޭ. އޭރުން ހުރިހާ ފާފަތަކެއް ފުހެވޭނެ. އެހެންނޫނީ.."
އޭނަ އެއްބަހެއް ނުވިއެވެ. އަހަރުމެންނަށް ބިރުދައްކައި އިންޒާރު ދޭން ފެށިއެވެ. އޭނަ ބުނި ގޮތުގައި، ވަކި ހިސާބަކަށް ދިޔުމުން އޭނަ ބަލާ ބޮޑު ފައުޖެއް އަންނާނެއެވެ. އެ ފައުޖު ބަލިކުރެވޭނެ ފެންވަރު އެކަކަށް ވެސް ލިބިފައެއް ނެތެވެ. އޭގެ ކުރިން އޭނަ މިނިވަން ނުކޮށްފިއްޔާ އަހަރުމެންގެ ފަހު ދުވަސް އައިސް ޖެހުނީއެވެ. އިބިލީސް ވަރަށް ކެތްކޮށްފިއެވެ. އެ ވާހަކަތައް އަހަރުމެން ގަބޫލެއް ނުކުރަމެވެ. ދީނަށް ގޮވައިލުމުގައި ޝައުކަތު ދެމިހުއްޓެވެ. ނޭވައަކަށް ވެސް މެދުކަނޑައިނުލައި، އިސްލާމްދީނުގެ މަތިވެރިކަމުގެ ވާހަކަތައް ކިޔައިދިނެވެ. ޖިންނީންނާ ގުޅޭ ގޮތުން ޤުރުއާނުގައި އައިސްފައިވާ އެކިއެކި ވާހަކަތައް ކިޔައިދިނެވެ. ބަސްމޮށުންތެރިކަމުގެ ރޭހުގައި ޝައުކަތު އުޅުނީ މާ ކުރީގައެވެ. އެންމެ ފަހުން އެ ޖިންނި އިސްލާމްވިއެވެ. އިރުކޮޅެއް ނުވެ އެ ތަނަށް ޖިންނީންގެ ބޮޑު ފައުޖެއް އައެވެ. އެކަމަކު، އެއީ އިބިލީހުގެ ފަރާތުން އައި ބަޔެއް ނޫނެވެ. ޙައްޤު ހޯދަން އައި ބަޔެކެވެ.
"އޭނަ އެހެރީ އަހަރުމެންގެ ޢާއިލާގެ މެންބަރެއް މަރާފަ،" ނިކަން ރުޅިއައިސްފައި އެކަކު ބުންޏެވެ. "އަހަރުމެންނަކީ މުސްލިމުން. އަހަރުމެން ބޭނުން މަރަށް މަރުހިފަން."
ޖިންނީންގެ އުސޫލުތައް އެހާ ހަރުދަނާވީމައި އަހަރެން ވަރަށް ހައިރާންވިއެވެ. ފަނޑިޔާރަކަށް ވީ ޝައުކަތެވެ. އިސްލާމްވުމުން، އޭގެ ކުރިން ކުރި ފާފަތައް ފުހެވޭނެކަމުގައި ޝައުކަތު ބުންޏެވެ.
"ކަން އެހެން އޮތަސް، ހިތް ސާފުވާނީ ބަދަލު ދީގެންކަމަށް ވަންޏާ، އެ ކަމަށް އަހަރެން ތައްޔާރު. ފުރާނައެޅުވުމަކީ ޖިންނީންނަށް ވެސް ކުރެވޭނެ ކަމެއް ނޫން. ދެން ކޯޗެއް ބޭނުމީ؟" މުސްލިމްވި ޖިންނި އެހިއެވެ. "މަރުގެ ދިޔަތަ؟"
އެ މައްސަލަޔާ ބެހޭގޮތުން ޖިންނީންގެ ފައުޖު ތެރޭގައި ވަރަށް ގިނައިރު މަޝްވަރާ ކުރެވުނެވެ. ގޮތެއް ނިމުނީ އެ އަށް ފަހުގައެވެ.
"މަރުގެ ދިޔަ!" އިސްކޮށް ހުރި ޖިންނި ބުންޏެވެ.
"ކޮބާ ދިޔައަކީ؟" ޝައުކަތު ސުވާލުކުރިއެވެ.
ޖިންނިން ބުނީ ޖިންނީންގެ ތެރޭގައި އުޅޭ ޖަނަވާރެއްގެ ނަމެވެ. އޭގެ ވަކި އަދަދެއް ދިނުމަށް އެދުނެވެ.
"ތި ގޮތް އަހަރެން ގަބޫލުކޮށްފިން،" ޤިސާސް ދޭންޖެހޭ ޖިންނި ބުންޏެވެ. "އެކަމަކު، ހަލާލު ގޮތުގަ ހޯދާފަ ހުރި އެއްވެސް މުދަލެއް މިހާރު އަހަރެން އަތަކު ނުހުންނާނެ. ހުރިހާ މުދަލެއް ދޫކޮށްލާފަ އަހަރެން އަލުން ހަޔާތެއް ފަށާނީ. އެހެންވެ ކަލޭމެންނަށް ވަކި އަދަދަކަށް ޖަނަވާރު ކަތިލަދީފަ، ކަލޭމެންގެ ނަމުގައި ވަކި އަދަދަކަށް ޔަތީމުންނަށް ކާންދެވިދާނެ."
"ﷲ ގެ އަޅަކަށް ވާތީ ކަލޭ ތި ދެއްކި ވާހަކަ އަހަރުމެން ގަބޫލުކުރާނަން،" ޖިންނީން އެއްބަސްވިއެވެ. "އެހެން ނޫން ނަމަ، ﷲ ގަންދީފަ ބުނަން މަރަށް މަރު ހިފާފަ ދާނީ."
ޖިންނީންނަކީ އެހާ ރޭވުންތެރި ބައެއްކަމެއް ކުރިން އަހަރެން ނުދެނަހުރީމެވެ. މައްސަލަ އެ ހިސާބުން ނިމުނީއެވެ. އެކަމަކު، މުރުތައްދުވި ޖިންނީގެ ކިބައިން އަހަންނަކަށް ސަލާމަތެއް ނުވެވުނެވެ. ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިފަން އެ ޖިންނި މަސައްކަތް ކުރިއެވެ. އެއީ، އެ ހާދިސާގައި އަހަރުމެންނާ ކުރިމަތިވި އެންމެ ފަހު ހަނގުރާމައެވެ. ބައެއް ފަހަރު އެ ޖިންނި ނުވެސް ފެނެއެވެ. ކުއްލިއަކަށް އަޑެއް އިވިދާނެއެވެ. ގޭގެ ފާރުގައި ފައިތިލަ ފާޑު އެއްޗެއްގެ ނިޝާންތަކެއް ހުރެދާނެއެވެ. އެ ނިޝާންތައް ހުންނަނީ ފާރުން މައްޗަށް އަރައިފައެވެ. ފަންގިފިލާގައި ވެސް ހުރެއެވެ. އަހަރެން ކާހިތެއް ނުވެއެވެ. ގައިގެ ވަރު ދެރަވާން ފެށިއެވެ. ކުއްލިއަކަށް ގަޔަށް އަރާ ބާރެއްގެ ސަބަބުން، ހަތަރެސްފައިގެ އިނގިލިތަކުގެ ކޮޅު ޖައްސައިގެން އަހަރެން އޮންނަމެވެ. އެހެން އޮވެފައި ކުދި ފިޔަވަޅުތަކެއް އަޅައިފައި އައިސް ޝައުކަތުގެ މޫނާމޫނު ޖެހޭ ހިސާބުގައި މަޑުކޮށްލަމެވެ. ދެން ފަށަނީ ހޭށެވެ. އެ ކަން ކުރެވޭކަން އަހަންނަށް އެނގެއެވެ. އެ ކަން ނުކުރަން އަހަންނަށް ދެއްކޭނެ އެއްވެސް ބާރެއް ނޯވެއެވެ. ބައެއް ވަގުތުތަކުގައި އަހަރެން ރަނގަޅުވެއެވެ. ގައިގައި ވަރުޖެހި، އާދައިގެ މީހެއް އުޅޭހެން އުޅެވެއެވެ. ހަތް ދުވަސް ވާންދެން ކިޔެވުނީތީ އޭގެ ފައިދާ ވެސް ކުރިއެވެ. އަހަރެންގެ ހަށިގަނޑަށް އެއްވެސް ސިހުރެއް ނުލެވެއެވެ. ސިހުރު ނުލެވުމުން އަހަންނަށް އުނދަގޫކުރިއެވެ. އަތް އަނބުރައި، ނާރު ދަމައި ގޮށްޖަހައި ހެދިއެވެ. އެ ކަމަކާ ހެދި އަހަންނަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ކޮމްޕިއުޓަރު މައުސްގައި އަހަރެން ހިފުމުން އިނގިލިތަކުގެ ނާރުތަކަށް ދަމައި ވާންކޮށްލައެވެ. ކީބޯޑުގައި އެއްޗެއް ޓައިޕުކުރަން އުޅޭއިރަށް އަހަރެންގެ އަތް މުށްކަވައެވެ.
ނުނިމޭ