10 އެޕްރީލް 2021 - 21:59

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގާ މެދު ކަންބޮޑުވާ ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ޔާމީންގެ ވަކީލުން ނެރުނު ނޫސް ބަޔާނެއް ބުނެފައި ވަނީ، ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން މާދަމާ މެންދުރު 1:00 ޖަހާއިރު، މާފުށީގައި ޔާމީންއާ ފުލުހުން ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ބައްދަލުވުމުގައި ޔާމީންގެ ގާނޫނީ ވަކީލުންނަށް ބައިވެރިވެވޭނެ ގޮތް ދައުލަތުން ކަށަވަރުކޮށްދީފައި ނުވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްއެސްސީ) ގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހުމަދު "މިހާރު" އަށް ވިދާޅުވީ، ޔާމީންއާ ފުލުހުން ބައްދަލުކުރަން ބޭނުންވާ ވާހަކަ ޔާމީންގެ ވަކީލުންނަށް އެންގި ކަމަށެވެ. އަދި ޔާމީންއާ ބައްދަލުވެވޭނެ ގޮތް ހަމަޖެއްސުމަކީ، ވަކީލުން ކުރަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ އަހަރު އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޖަލުގައި ތިބި މީހުންނާ ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލުކުރެވޭނެ ގޮތް ހެދި އެވެ. ނަމަވެސް ޖަލަށް ގޮސް ގައިދީންނާ ބައްދަލުކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.