ތެޔޮބޯޓުގައި ރޯވުން: ގެއްލުން 10 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭ: ބްރޯ ފިއުލް
ތެޔޮބޯޓުގައި ރޯވުން: ގެއްލުން 10 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭ: ބްރޯ ފިއުލް

ތެޔޮ ބޯޓުގައި މިއަދު ހަވީރު ރޯވެ އަޑިއަަށް ދިއުމުން ލިބުނު ގެއްލުން 10 މިލިއަނެއްހާ ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ބޯޓު އޮޕަރޭޓްކުރާ ކުންފުނިން ބުނެފި އެވެ.

މާލެ އަތޮޅު އެނބޫދޫފިނޮޅު ކައިރީގައި އަޅާފައި އޮއްވައި "ބްރޯ ފިއުލް" ގެ ބޯޓު އަނދައި އަޑިއަށް ދިޔައީ މިރޭ 6:27 ހާއިރު އެވެ. މި ބޯޓު އަޑިއަށް ދިޔައީ ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ސިފައިންގެ ފަޔާ ފައިޓަރުން ކުރަނިކޮށެވެ.

ބްރޯ ފިއުލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އެއީ 100،000 ލީޓަރުގެ ޑީސަލް ރައްކާ ކުރެވޭ ޖާގައިގެ ބޯޓެއް ކަމަށެވެ. ނަމަވެސް ރޯވި އިރު ބޯޓުގައި ހުރީ ކތައް ލީޓަރުކަން ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެމްއެންޑީއެފުން ބުނިގޮތުގައި ބޯޓުގައި ރޯވީ 60،000 ލީޓަރުގެ ޑީސަލާއެކު ޅ. އަތޮޅަށް ދަތުރުކުރަނިކޮށެވެ. އެނގިފައިވާ ގޮތުގައި މި ބޯޓު ޅ. އަތޮޅަށް ފުރީ ފުލް ކޮށްގެންނެވެ. އެހެންކަމުން ބޯޓުގައި ރޯވި އިރު 100،000 ލީޓަރުގެ ޑީސަލް ހުރި ކަމަށް ބެލެވެ އެވެ.

ބްރޯ ފިއުލްގެ އޮފިޝަލު ވިދާޅުވީ، ބޯޓުގެ އަގަކީ ނުވަ މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން އެނދި ޑީސަލާއެކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރޯ ފިއުއަކީ ރާއްޖޭގައި ތެޔޮ ޑިސްޓްރިބިއުޓް ކުރާ ކުންފުންޏެކެވެ.

ބޯޓުގައި ތިބި ފަޅުވެރިން ވަނީ ބޯޓުގައި އަލިފާން ރޯވުމާއެކު ސަލާމަތްވުމަށް ކަނޑަށް ފުއްމާލައިފަ އެވެ. މި މީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރި ކ. މާފުށި ކާނި ހޮޓެލްސްގެ ލޯންޗަކުންނެވެ.

ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވިގޮތުގައި އެ ލޯންޗަށް ބޯޓުގެ ފަޅުވެރިން ފެނުނީ މާފުށިން ވޯޓުލުމަށް މާލެ އައި ބަޔަކު ބަލާ ލޯންޗު އައި ވަގުތު އެވެ. އެ ލޯންޗުން އެ މީހުން ސަލާމަތްކޮށް މާލެ ގެެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.