10 އެޕްރީލް 2021 - 19:06

މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އިންސާފުވެރިކޮށް ބާއްވައިފި ނަަމަ، މި ސަރުކާރު ބޭޒާރުވާނެ ފަދަ ނަތީޖާއެއް ނެރޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ، ވޯޓު އޮޅުވައިލުމަށް އެކި މަަސައްކަތް ކުރިކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، ތަކުރާރުކޮށް އެކި ތަންތަނުގައި އެކި މީހުން ވޯޓުލަމުންދާ ކަމަށާއި އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ވޯޓުލާން ފެށި ފަހުންް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވޯޓުލާ އެކި މަރުކަޒުތަކަށް ވަޑައިގެން ފާޅުގައި ކެމްޕެއިން ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަޝީދު ވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ސައިކަލެއްގެ ފަހަތުގައި، ވޯޓުލާ އެކި މަރުކަޒުތައް ކައިރިއަށް ވަޑައިގެން މީހުންނާ ބައްދަލު ކުރައްވައި ވާނުވާ ބައްލަވައިފަ އެވެ. އެ މަނިކުފާނު އެކަން ކުރެއްވީ ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބައްލަވަން ކަމަށް ވިދާޅުވެ އެވެ.
އެކަމުގެ ޝަކުވާތައް މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށާއި ވީހާ ވެސް އަވަހަކަށް އެކަންކަން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިއަދުގެ ބްރީފިންގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންސާފުވެރިކަމާއެކު މި އިންތިހާބު ބާއްވައިފި ނަމަ، އިދިކޮޅުން ބޮޑުތަނުން ސަރުކާރު ބަލިކުރާނެ އެވެ. ރައްޔިތުން ތިބީ ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.