10 އެޕްރީލް 2021 - 15:02

ގައުމު ހިންގުމުގައި އެންމެންގެ ވެސް މަސްއޫލިއްޔަތު އެބަ އޮތް ކަމަށާއި ހުރިހާ ރައްޔިތުން ވެސް ވޯޓު ލާން ދިއުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ.
ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ފައިސަލް ވިދާޅުވީ ރާއްޖެ ދަތުރުކުރަމުން މިހާރު ދަނީ ލާމަރުކަޒީ ނިޒާމުގެ ދަަށުން ކަމުން، ކޮންމެ ރަށެއްގައި ވެސް ހިނގާ ކަންކަމުގައި ބަސް ބުނުމުގެ ހައްގު ރައްޔިތުންނަށް އޮންނަ ކަމަށެވެ.
ފައިސަލް ވިދާޅުވީ ކުރިން ކުޑަަ މީހާ އަށް ކުޑަ ގޮތް އޮތް ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ތިބީ ހުސް "އެއްވަރެއް"ގެ މީހުން ކަމުން ރަށްރަށުގެ ތަރައްގީ އާއި ކަންކަން އިންތިޒާމުވެގެންދާން ޖެހޭނީ ރައްޔިތުންގެ ބަހާއެކު ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ކުރިން ސަރުކާރުތަކުގައި ހިފަހައްޓާފައިވާ އެތައް ބާރެއް މި ސަރުކާރުން ހޯދައިދީފައިވާ ކަމަށެވެ. މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ބާރުތައް ދިނުން ކަމަށާއި އެގޮތަށް އެކަން ކުރުމުން ރައްޔިތުންނަކީ ފުއްދުންތެރި ބަޔަކަށް އަދި ޒުވާނުން ތައުލީމީ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ވާނެކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.
އޭގެ އިތުރުން ފައިސަލް ވަނީ މިހާރު ލިބިފައިވާ މިނިވަންކަމާއި ހަމަހަމަކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ވެސް އެދިވަޑައިގެންފަ އެވެ.
މި އިންތިހާބުގައި 270،000 އަށް ވުރެ ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. އެކަމަކު މިހާތަނަށް ވޯޓު ލާފައި ވަނީ ލައްކައެއްހާ މީހުންނެވެ. އެހެން އިންތިހާބުތަކާއި ހިލާފަށް މި އިންތިހާބުގައި ތަންކޮޅެއް ފަޅުކޮށް ވޯޓު ލާ މަރުކަޒުތައް ފެންނައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ދިއުމަށް އެދިވަޑައިގެންފަ އެވެ.