11 އެޕްރީލް 2021 - 12:13

ކޮރޯނާވައިރަހަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި، ފައިޒާ ވެކްސިން ރާއްޖޭގައި ދޭން ފަށައިފި އެވެ.
ކޮވިޑު-19 އިން ދިފާއުވުމަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ފައިޒާ ވެކްސިންގެ 5،500 ޑޯޒް ވަނީ ލިބިފަ އެވެ.
ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިިގްރީގައި ކަމަށް ވުމުން އެ ވެކްސިން ޖަހާނީ މާލޭ ސަރަހައްދުގައި އެކަންޏެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ދޭން ފަށާފައިވާއިރު މި ވެކްސިން ޖަހައިދޭނީ ވެކްސިންް ޖެހުމަށް ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ. އަދި ރަޖިސްޓްރީވެ، އެޕޮއިންޓްމަންޓް ހެއްދުމުން، އެ މީހުންނަށް ވެކްސިން ޖަހަންދާންވީ ވަގުތާއި ދާންޖެހޭ ތަން ފަަދަ މައުލޫމާތުތައް އެޗްޕީއޭ އިން ހިއްސާކުރާނެ އެވެ.
އެ ވެކްސިން ޖެހުމުގެ ހުއްދަދީފައިވަނީ 16 އަހަރުން މަތީގެ މީހުންނަށެވެ. އެހެންވެ، 16-17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހަށިގަނޑުގެ ގުނަވަން ބަދަލުކޮށްފައިވާ ކުދިންނާއި ގަވައިދުން ޑަޔަލިސިސް ހަދާ ކުދިންނާއި ކީމޯތެރަޕީ އަދި ރޭޑިއޯތެރަޕީ ހަދާ ކުދިންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަ ކުރާ ފަދަ ބޭސްތައް ބޭނުންކުރާ ކުދިންނަށް އެ ވެކްސިން ދޭނެ އެވެ.
އެ ކަންކަމުގެ އިތުރުން ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިންނާއި (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް އެއް މަހުގެ މުއްދަތަށް ވުރެ އިތުރަށް) ހަކުރު ބައްޔާއި ތެލަސީމިއާ މޭޖަ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިންނާއި ޑައުންސިންޑްރޯމް ހުންނަ ކުދިންނާއި ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ އަދި އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލިތައް ހުންނަ ކުދިން ވެސް އެ ވެކްސިން ދޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.
ފައިޒާ ވެކްސިން ދޭނީ ރާއްޖެ އަށް ލިބިފައިވާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ދެވޭ ވަރަށެވެ.
މިހާރު ޗައިނާގެ ސިނަފޯމްް ވެކްސިނާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އަންނަނީ ދެމުންނެވެ. މިހާތަނަށް 268،456 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.