މައްސަލަ ބަލަން އައިސީސީ އަށް އެއްބާލުމެއް ނުދޭނަން: އިޒްރޭލް
މައްސަލަ ބަލަން އައިސީސީ އަށް އެއްބާލުމެއް ނުދޭނަން: އިޒްރޭލް

ތެލް އަވީވް (އެޕްރީލް 10) - ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބަލަން ފަށާފައިވީ ނަމަވެސް އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އިޒްރޭލުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އައިސީސީން އަމަލު ކުރަމުން ދަނީ އެ މީހުންނަށް ނެތް ބޭރުތަކެއް ހޯދައިގެން ކަމަށެވެ. ފަލަސްތީނުގެ ބިންތަކުގައި ހިންގި ޖަރީމާތައް ބަލަން ފެށުމުން އެކަމާ މެދު ފަލަސްތީނާއި އިޒްރޭލުން ފެންނަ ގޮތެއް ހުށަހަޅަން ހުކުރު ދުވަހުގެ ނިޔަލަށް އައިސީސީން ވަނީ ފުރުސަތު ދީފަ އެވެ. ފަލަސްތީނުން ވަނީ އައިސީސީގެ ތަހުގީގަށް ފުރިހަމަ އެއްބާލުން ދޭނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވަނީ އެ ގައުމުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ބަލަން ނިންމުމުން އެމެރިކާ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ނަމަވެސް އެމެރިކާ އާއި އިޒްރޭލުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ފާތޫ ބެންސޫދާ ވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް ރަސްކޮށް ބަލަން ފައްޓަވައިފަ އެވެ. އޭނާ ވިދާޅުވީ ވެސްޓް ބޭންކް، އީސްޓް ޖެރޫސަލް އަދި ގާޒާ ސްޓްރިޕްގައި ޖޫން 2014 ގެ ފަހުން އިޒްރޭލުން ހިންގާފައިވާ ހުރިހާ ޖަރީމާއެއް ތަހުގީގު ކުރާނެ ކަމަށެވެ.

އިޒްރޭލަކީ އައިސީސީގެ މެންބަރެއް ނޫނެވެ. އިޒްރޭލުން ބުނަމުން ދަނީ މިނިވަން ދައުލަތެއްގެ މަގާމަށް ފަލަސްތީން ވެސް ކޮލިފައި ނުވާ ކަމަށެވެ. ނަމަވެސް އައިސީސީން ނިންމާފައި ވަނީ ހިފާފައިވާ ބިންތަކުގައި ހިންގި ޖަރީމާތައް ބެލޭނެ ކަމަށެވެ. ސަބަބަކީ އދ.ގެ ނަން- މެންބަރު އޮބްޒާވާ ސްޓޭޓަސް ފަލަސްތީނަށް ދީފައިވާތީ އެވެ.

އިޒްރޭލުގެ ބައިވެރިވުމެއް ނެތް ނަމަވެސް އައިސީސީގެ ތަހުގީގު ކުރިއަށްދާނެ އެވެ. ފަލަސްތީނުގެ ބިންތަކުގައި ހިންގާ ތަހުގީގަށް އިޒްރޭލުން ހުރަސް އަޅައިފި ނަމަ، އެހެން ގައުމުތައް މެދުވެރިކޮށް ނަމަވެސް ހެކި ހޯދާނެ އެވެ.

އައިސީސީގެ ތަހުގީގު ބިނާކުރާނީ މައިގަނޑު ތިން އޭރިއާގެ މައްޗަށެވެ. އެއީ 2014 ވަނަ އަހަރު ކުރި އިޒްރޭލް-ގާޒާ ހަނގުރާމަ އާއި 2018 ވަނަ އަހަރު އިޒްރޭލް-ގާޒާ ބޯޑަރުގައި ހިންގި ހަމަނުޖެހުމާއި ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ޔަހޫދީން ވަޒަންވެރި ކުރުވާ މައްސަލައަށެވެ.