10 އެޕްރީލް 2021 - 13:34

ތ. ވިލުފުށީގެ ކައުންސިލް މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގިނަ އޮފިޝަލުންތަކެއް ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބުމުން، އެ ރަށުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލާން ފެށުނީ މެންދުރު 12 ޖަހަނިކޮށް ކަމަށް ވިލުފުށީ ފޯކަލް ޕޮއިންޓުން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓު ލާން ފަށަން ހަމަޖައްސާފައި އޮތީ ހެނދުނު 7:00 ގަ އެވެ. ނަމަވެސް ވިލުފުށީގައި މަސައްކަތްކުރާ އޮފިޝަލުންގެ ދެބައިކުޅަ އެއްބައި ކަހަލަ ގޮތަކަށް ކަރަންޓީނުގައި ތިބުމުން، ވޯޓުލާން ފެށުނީ ހެނދުނު 11:48 ގައި ކަމަށް ފޯކަލް ޕޮއިންޓްގެ ގޮތުގައި ހަމަޖައްސާފައިވާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި އެވެ.

"އެއް ފޮށީގައި ވޯޓުލާން ފެށުނީ 11:48 ގައި. އަނެއް ފޮށީގައި [ވޯޓު ލާން] ފެށީީ 12:15 ގައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ކަންތައް ހަމަޖައްސަން އެ ރަށަށް ދިޔަ ޓީމުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭގެ ފަހުން ކައުންސިލްގެ ގިނަ މުވައްޒަފުންނާއި އޮފިޝަލުންގެ ޓީމުން ގިނަ ބަޔަކު ކަރަންޓީނުގައި ތިބެން ޖެހުނު ކަމަށެވެ.

"ކައުންސިލްގެ ތިން މުވައްޒަފަކު ފިޔަވައި އެހެން ހުުރިހާ އެންމެން އެ ތިބީ ކަރަންޓީނުގައި،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލުންގެ ގޮތުގައި 26 މީހުންގެ ޓީމެއް ވިލުފުށީގައި މަސައްކަތްކުރަން ތިބި ނަމަވެސް، 12 މީހަކު މިވަގުތު ތިބީ ކަރަންޓީނުގަ އެވެ. އެހެންވެ، މިވަގުތު މަސައްކަތްކުރަނީ 14 އޮފިޝަލެކެވެ.

ވިލުފުށީގައި ވޯޓުލާން ފެށުނު ވަގުތު ލަސްވުމުން އިތުރު ވަގުތު އެ ރަށު ރައްޔިތުންނަށް ދޭން ޖެހެ އެވެ. އެހެންވެ، އެ ރަށުގައި ވޯޓުފޮށިތައް ބަންދުކުރާނީ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުން، މިރޭ 9:48 ގަ އާއި 10:15 ގަ އެވެ. މި ވަގުތު ކަރަންޓީނުގައި ތިބި މީހުން ވޯޓުލާން ކަނޑައަޅާފައިވާ ވަގުުތަށް ފުށުއަރާތީ، އެ މީހުންނަށް ވޯޓުލެވޭނެ ވަގުތެއް އީސީން ހަމަޖައްސަން އެދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލާން ކަނޑައަޅާފައިވާ ވަގުތަކީ ހަވީރު 5:00 އާއި 6:00 އާ ދެމެދު އެވެ.
"200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަރަންޓީނުގައި މި ރަށުގައި. އެހެންވެ، އަޅުގަނޑުމެން އެދިފައި ވާނީ ވަގުތު ބަދަލުކުރަން،" އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައިވާ މި ދެ އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދީ އެވެ. އިންތިހާބު އެންމެ ފަހުން މި ބާއްވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ފަހު އެވެ.