10 އެޕްރީލް 2021 - 12:27

ޓޯކިޔޯ (އެޕްރީލް 10) - ދިރިހުރި މީހެއްގެ ފުއްޕާމޭ ފުރަތަމަ ހަދިޔާކުރި މީހަކަށް ޖަޕާނުގެ ކޮވިޑް ބަލި މީހަކު ވެއްޖެ އެވެ.
ކޮވިޑް ބަލި މީހާ އަށް ހަދިޔާކޮށްފައި ވަނީ އޭނާގެ ފިރިހެން ދަރިފުޅާއި ފިރިމީހާގެ ފުއްޕާމެއިން ބައެކެވެ. ފުއްޕާމޭ ހަދިޔާ ކުރަން ޖެހުނީ ކޮރޯނާވައިރަހުގެ ސަބަބުން އެ އަންހެން މީހާގެ ފުއްޕާމޭ ފެއިލްވުމާ ގުޅިގެންނެވެ. ފުއްޕާމޭ ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ފަހު ކިޔޯޓޯގެ ޑޮކްޓަރުން އުއްމީދު ކުރަނީ މަސްތަކެއްގެ ތެރޭގައި އެ އަންހެން މީހާ މުޅިން ރަނގަޅުވާނެ ކަމަށެވެ.
ކިޔޯޓޯ ޔުނިވާސިޓީ ހޮސްޕިޓަލްގައި ކުރި ފުއްޕާމޭ ބަދަލު ކުރުމުގެ އޮޕަރޭޝަނަށް 11 ގަޑިއިރު ހޭދަވި އެވެ. ޑޮކްޓަރުން ބުނީ ފުއްޕާމޭ ހަދިޔާ ކުރި މީހުންނާއި ފުއްޕާމޭ ބަދަލުކުރި އަންހެން މީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަންހެން މީހާގެ ފުއްޕާމޭ ބަދަލު ކުރީ އޭނާ ސަލާމަތް ކުރުމުގައި އެ ނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި ފުއްޕާމޭ ހަދިޔާކުރި ދަރިފުޅާއި ފިރިމީހާގެ ފުއްޕާމޭގެ ކެޕޭސިޓީ ދަށްވުމުން ކުރިމަތިވާނެ ސިއްހީ ގެއްލުންތައް ރަނގަޅަށް އޮޅުން ފިލުވައިދީފައިވާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ.
ދުނިޔޭގެ އެހެން ހިސާބުތަކުގައި، އަދި ޖަޕާނުގައި ވެސް ފުއްޕާމޭ ބަދަލު ކުރަން ބޭނުންވާ މީހުންގެ ކިޔޫ ވަރަށް ދިގެވެ. ނަމަވެސް އެ އެންމެންނަށް ވެސް ހަދިޔާކޮށްފައި ވަނީ މަރުވެފައިވާ މީހުންގެ ފުއްޕާމެ އެވެ. ކޮރޯނާވައިރަހުގެ ބަލި މީހުންގެ ފުއްޕާމޭ ބަދަލު ކުރުމުގެ އޮޕަރޭޝަން ޗައިނާ، ޔޫރަޕް އަދި އެމެރިކާގައި ވެސް ކުރިން ކޮށްފައިވެ އެވެ. އެ ހުރިހާ އޮޕަރޭޝަނެއްގައި ވެސް ބޭނުންކޮށްފައި ވަނީ މަރުވެފައިވާ މީހުންގެ ފުއްޕާމެ އެވެ.
ކިޔޯޓޯ ހޮސްޕިޓަލުން ބުނީ ޖަޕާނުގައި ފުއްޕާމޭ ބަދަލު ކުރަން ބޭނުންވާ މީހުންގެ ކިޔޫ ވަރަށް ދިގު ކަމަށެވެ. ލިސްޓުގައި މިހާރު ތިބި ބައެއް މީހުންގެ އޮޕަރޭޝަނާ ހަމައަށް ދާން ވެސް އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.