10 އެޕްރީލް 2021 - 12:10

ނ. ވެލިދޫގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވޯޓު ފޮއްޓާ ހަވާލުވެ ހުންނެވި އޮފިޝަލް، ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއްގެ ވޯޓު ކަރުދާސް، ވޯޓު ފޮއްޓަށް ލައިދޭން މަސައްކަތްކުރި މައްސަލައެއްގައި ކެންޑިޑޭޓުންގެ މަންދޫބުން ނުކުމެ އެ ރަށުގައި ވޯޓުލުން ހުއްޓުވައިފި އެވެ.
ވެލިދޫގައި ތިން ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު ވޯޓުލުން ހުއްޓުވާފައި ވަނީ ޕްރީ ސްކޫލުގައި ހުރި 87 ނަމްބަރު ވޯޓު ފޮށީގެ އެވެ.
ވޯޓު ކަރުދާހުގެ މަައްސަލަތަކެއް ދިމާވެ، ވެލިދޫގެ އެ ފޮށީގެ ވޯޓުލުން ފަށާފައި ވަނީ ވެސް ހެނދުނު 7:52 ގަ އެވެ. އެކަމަކު މީގެ ދެ ގަޑިއިރެއްހާއިރު ކުރިން ވޯޓުލުން ހުއްޓުވީ ވޯޓުލާ މަރުކަޒުގައި ކަންކަން ހިނގި ގޮތުން މަންދޫބުންގެ މެދުގައި ކަންބޮޑުވުންތައް ހުރުމާ ގުޅިގެންނެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 87 އަހަރުގެ އަންހެނަކު ވޯޓުލާން ދިޔުމުން އެއީ ހަގީގަތުގައި ވެސް ލޮލަށް ނުފެންނަ، ހިނގައިބިނގާވެ ނޫޅެވޭ އަދި އަމިއްލަ އަށް ގަލަމުގައި ނުހިފޭ މީހެއްތޯ ބެލުމަށް އެތައް ވަގުތެއް ހޭދަކުރި ކަމަށެވެ.
ފަހުން، އޭނާގެ ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިއި ވޯޓު ފޮއްޓަށް ކަރުދާސްކޮޅު ލާން މަސައްކަތްކުރީ ވެސް ފޮއްޓާ ހަވާލުވެ ހުންނެވި އޮފިޝަލް ކަމަށް ބުންޏެވެ.
މިއާއެކު ދެ ކެންޑިޑޭޓުންގެ މަންދޫބުންް ވަނީ އެކަމާ ނުރުހުންވެ، އެއީ ވޯޓު ފޮށީގެ ވެރިޔާލައި ދިން ވޯޓެއް ކަމަށް ބުނެފަ އެވެ.
މި ހަމަނުޖެހުމާ ގުޅިގެން ދެ ގަޑިއިރެއްހާއިރަށް ވޯޓުލުން ހުއްޓުން ނަމަވެސް، ވަގުތު ގެއްލޭތީ މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ މި ފޮށީގެ ވޯޓުލުން އަނެއްކާ ވެސް ފަށާފައި ކަމަށް އެނގިފައި ވެ އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،900 އަށް ވުރެ ގިނަ މީހުން ވެލިދޫގައި އުޅެ އެވެ.