ނިޒާމު ބަދަލުކުރުމުގެ ބޭނުން ހިފާ: ރައީސް
ނިޒާމު ބަދަލުކުރުމުގެ ބޭނުން ހިފާ: ރައީސް

ލާމަރުކަޒީ ނިޒާމަށް މިހާރު ގާނޫނީ ގޮތުން އޮތީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ކަމަށާއި އެ ނިޒާމު ރަށްރަށަށް ގެނައުމަށް ޓަކައި ވޯޓު ލުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ އެދިވަޑައިގެންފި އެވެ.

ކައުންސިލް އިންތިހާބުގައި ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް މިހާރު އޮތީ ލިބިފައި ކަމަށާއި އެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައި ކަމަށެވެ. އެހެންވެ، ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުން މިއަދު ވޯޓު ދިނުން މުހިންމު ކަން ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ދަނޑިވަޅަކީ ވަރަށް ދަތި ދަނޑިވަޅަކަށް ވާތީ ވޯޓު ލާ މީހުންގެ އަދަދު މަދުވުމަކީ މި ވަގުތު އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ހީވަނީ މެންދުރު ފަހު ރަނގަޅުވާނެހެން،" ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަދުކަން ނޫސްވެރިޔަކު ފާހަގަކުރެއްވުމުން އެމަނިކުފާނު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އެޗްޕީއޭގެ ގައިޑްލައިންގައި ވެސް އެބަހުރި ރެސްޓްރިކްޝަންތަކެއް. އޭގެ އަސަރު ކުރަނީ ކަމަށް ވެދާނެ."

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލޭގެ މޭޔަރުކަން އަނަސް އަބްދުއްސައްތާރު 60 ޕަސެންޓުން ނަންގަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ވަރުގެ ކާމިޔާބެއް މި އިންތިހާބުގައި ވެސް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ރައީސް ވޯޓު ލެއްވީ މާލޭގައި އުޅޭ ހިންނަވަރު ރައްޔިތުން ވޯޓު ލާ ފޮއްޓަށެވެ.