10 އެޕްރީލް 2021 - 11:08

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓު ލުން ސްރީލަންކާ އާއި އިންޑިއާގައި ކުރިއަށް އެބަދެ އެވެ.

އިންޑިއާ އާއި ލަންކާގައި ވެސް އިންތިހާބުގެ ވޯޓު ލުން ފަށާފައިވަނީ ރާއްޖެއެކޭ އެއްގޮތަށް ހެނދުނު 7:00 ގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މި ފަހަރުގެ އިންތިޚާބަށް ރާއްޖެ އިން ބޭރުގައި ވޯޓު ލެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ އިންޑިއާ އާއި ލަންކާގައި އެކަންޏެވެ. އިންޑިއާގެ ޓްރިވަންޑްރަމްގައި އެއް ފޮށި، ލަންކާގެ ކޮލަމްބޯގައި ހަތަރު ވޯޓު ފޮށި ވަނީ ބަހައްޓައިފަ އެވެ.
އެގޮތުން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހަތަރު ވޯޓު ފޮށި ބަހައްޓާފައިވާއިރު އެ ފޮއްޓަށް ވޯޓު ލުމަށް 2059 މީހަކު ރަޖިސްޓްރީވެފައިވެ އެވެ. އެ ގައުމުގައި ވޯޓުލުމުގެ ކަންކަން މިހާރު ފެށިގެން ކުރިއަށް ދާއިރު އަދި އެހާ ގިނަ ބަޔަކު ވޯޓު ލުމަށް ގޮސްފައެއް ނުވެ އެވެ.
އެހެން އިންތިހާބުތަކުގައި ވެސް ލަންކާގައި އާންމުކޮށް ދިވެހިން ވޯޓު ލާން ދަނީ ވޯޓުގެ ވަގުތު ބަންދުވާން ކައިރިވުމުންނެވެ. މިހެންކަމުން، މިފަހަރު ވެސް ވޯޓުލާން ދާ މީހުންގެ ކިއު ދިގުވާނީ އެ ގަޑި ހަމަވާން ކައިރިވީމާ ކަމަށް ބެލެވެ އެވެ.
އިންޑިއާއަށް ބަލާއިރު އެ ގައުމުގައި މިފަހަރު ބަހައްޓާފައި ވަނީ އެންމެ ވޯޓު ފޮއްޓެކެވެ. އެ ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައި ވަނީ 442 މީހެކެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު "މިހާރު" އަށް ވިދާޅުވީ 9:00 އާ ހަމައަށް އެ ފޮއްޓަށް ވޯޓު ލާފައި ވަނީ އެންމެ 19 މީހުން ކަމަށެވެ.
މި އިންތިޚާބުގައި 273128 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ވޯޓު ލުމަށް ޖުމްލަ 713 ފޮށި އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވެ އެވެ. އެކަމަކު 9:00 ހާ ހަމައަށް ވޯޓުލާން ފަށާފައި ވަނީ 708 ފޮއްޓަކަށެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ ބައެއް ފޮށިތަކަށް ވޯޓުލާން ފެށިފައި ނުވަނީ ވޯޓު ލާން މީހުން ނުގޮސްގެން ކަމަށް ވިދާޅުވެފަ އެވެ.